ޚަބަރު

އެއަރ ޓްރެވަލް ބަބަލްގެ ތެރެއިން އިންޑިއާއާއި ރާއްޖެއާދެމެދު ހަފްތާއަކު 5 ދަތުރުކުރާގޮތަށް ހަމަޖައްސަައިފި


އެއަރ ޓްރެވަލް ބަބަލްގެ ތެރެއިން އިންޑިއާއާއި ރާއްޖެއާދެމެދު ހަފްތާއަކު 5 ދަތުރުކުރާގޮތަށް ހަމަޖެހިފައިވާކަމަށް ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން އިންޑިގޯ އެއާލައިންސް އިން އިންޑިއާގެ ކޮޗިންއާއި މާލެއާއި ދެމެދު ހަފްތާއަކު 2 ދަތުރު ކުރާގޮތަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިމަހުގެ 10 ވަނަ ދުވަހުން ފެށީގެން މާލެއާއި ޓްރިވެންޑްރަމް ދެމެދުގެ އިތުރު 2 ފްލައިޓެއް އޮޕަރޭޓްކުރަން ފެށުމަށް މޯލްޑިވިއަންއިން ތާވަލުކޮށްފައިވާކަމަށެވެ. މިއާއެކު އިންޑިއާއާއި ދިވެހިރާއްޖެއާއި ދެމެދު ހަފްތާއަކު 5 ދަތުރު ކުރެވޭނެކަމަށް އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވެއެވެ.

އިންޑިއާއާއި ރާއްޖެއާއި ދެމެދު އެއަރ ޓްރެވަލް ބަބަލް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަން އިއުލާނުކޮށްފައިވަނީ މިދިޔަ އޮގަސްޓްމަހުގެ 13 ވަނަ ދުވަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖެއިޝަންކަރްއާއި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ މެދުގައި ބޭއްވުނު ވާޗުއަލް ބައްދަލުވުމުގައެވެ. އަދި ދިއްލީ-ޓްރިވެންޑްރަމްއާއި މާލެ ދެމެދު ބޭއްވުނު އެއަރ އިންޑިއާގެ ފްލައިޓަކާއެކު ދިވެހިރާއްޖެއާއި އިންޑީއާ މެދުގައި އެއަރ-ޓްރެވަލް ބަބަލްއެއް ރަސްމީކޮށް ޤާއިމުކޮށްފައިވަނީ 25 އޮގަސްޓް 2020 ވަނަ ދުވަހުއެވެ. މުޅިއަކު 9 ޤައުމަކާއިއެކު އިންޑިއާއިން ވަނީ އެއަރ ޓްރެވަލް ބަބަލް ޤާއިމްކޮށްފައެވެ. މިއީ ދެކުނު އޭޝިއާގައި އިންޑިއާއިން ގާއިމްކުރި މިފަދަ ފުރަތަމަ އެއަރ ޓްރެވަލް ބަބަލްއެވެ.

ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިސާދު ހީނަރުވެފައިވާ މިދަނޑިވަޅުގައި ދެޤައުމުގެ މެދުގައި އެއަރ ޓްރެވަލް ބަބަލްއެއް ޤާއިމުކުރުމުގެ ސަބަބުން އިންޑީއާގެ ފަތުރުވެރިން ރާއްޖެއަށް އައުމަށް ފަސޭހަ ވެގެންދާނެކަމަށް އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވެއެވެ.

2019 ވަނަ އަހަރުގެ ތެރޭގައި އިންޑިއާއިން ދިވެހިރާއްޖެއަށް 167،000 ފަތުރުވެރިން ޒިއާރަތްކޮށްފައިވެއެވެ. މިއީ 2018 އާއި އަޅާކިޔާއިރު 100 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ ރައީސް ސޯލިހްގެ ސަރުކާރާއި އިންޑިއާ ސަރުކާރުގެ މެދުގައި ގާއިމްކުރެވިފައިވާ ގާތްގުޅުމުގެ ސަބަބުން ދެޤައުމުގެ މެދުގައި އުދުހުންތައް އިތުރުކުރެވި، ވީޒާ-ފްރީ ދަތުރުތަކަށް މަގުފަހިވެގެންދިއުމުގެ ނަތީޖާކަމަށް އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ 80 އިންސައްތަ ދިވެހިންގެ މެދުގައި އެންމެ މަޤުބޫލު އަދި އިތުބާރުއޮތް ޤައުމަކީވެސް އިންޑިއާކަން ހައިކޮމިޝަންގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން އެއަރ ޓްރެވަލް ބަބަލްގެ ސަބަބުން އިންޑިއާއަށް ބޭސް ފަރުވާއަށް ދާ މީހުންނަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވެއެވެ.

އިންޑިއާއާއި ދިވެހިރާއްޖެއާއި ދެމެދު މި ޤާއިމުކުރެވޭ 5 އުދުހުމުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދިއުމަކީ އުއްމީދުކުރާކަމަށާއި، މިއީ ދިވެހި ފަތުރުވެރިކަމުގެ ސިނާއަތާއި އިޤްތިސާދު ކުރިއަރުވަން އެހީތެރިވެ ބައިވެރިވުމަށް އިންޑިއާއިން ދޭ އަހައްމިއްޔަތު ސާބިތުކޮށްދޭ ކަމެއްކަމަށްވެސް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.