ކޯވިޑް-19

ކޯވިޑް-19 : އައިސޮލޭޝަން ފެސިލިޓީތަކަށް ގެއްލުން ނުދިނުމަށް އިލްތިމާސްކޮށްފި


އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދާ މީހުން އެތަން ދޫކޮށްފައިދާއިރު އެތަންތަނަށް ގެއްލުން ނުދިނުމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަަރު، އެޗް.އީ.އޯ.ސީން އިލްތިމާސް ކުރައްވައިފިއެވެ. އެ ސެންޓަރުން ވަނީ އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދާ ބައެއް މީހުން އެތަންތަނަށް ގެއްލުންދޭކަން ފާހަގަކުރައްވާފައެވެ.

އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އެކަހެރިކޮށްފައި ބަހައްޓާ އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބޭ ބައެއް މީހުން އެތަންތަން ދޫކޮށްފައިވާއިރު، އެކި ކަހަލަ ގެއްލުންތައްދޭކަން ފަހަކަށް އައިސް ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ކުޑަދޮރުތަކަށާއި، އެތަންތަނުގެ ފަރުނީޗަރުފަދަ ތަކެއްޗަށް އެކިވަރުގެ ގެއްލުންދީ، ބެޑްޝީޓްފަދަތަކެތި ހަލާކުކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ބައެއް މީހުން ފެސިލިޓީތަކުގައި ތިބޭއިރު އެތަންތަނުގެ ސާފުތާޙިރުކަން އެންމެ އެކަށީގެންވާގޮތުގައި ނުބަލަހައްޓާކަމުގެ ޝަކުވާވެސް ލިބިފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އެފަދަ ޢަމަލުތަކަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަންކަމެއްނޫންކަމަށެވެ. އަދި އެފަދަ ކަންކަން ތަކުރާރުވާ މިންވަރު އިތުރުވާނަމަ، އެކަންކަން ކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާ، ގެއްލުމުގެ ބަދަލު ހޯދަން ޖެހިއްޖެނަމަ އެކަން ކުރަންވެސް ފަހަށް ނުޖެހޭނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެހެންކަމުން އައިސޮލޭޝަން ފެސިލިޓީތަކަށްދާ މީހުން، އެތަންތަނަށް ގެއްލުންދިނުންފަދަ ކަންކަން ނުކުރުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސްކުރައްވާފައެވެ.

"އަޅުގަނޑު މި ދަންނަވަނީ އެކަންކަން ކުރާ ފަރާތްތަކާމެދު ފިޔަވަޅު ނާޅާނަމެކޭ ނޫން. ތަކުރާރުވާނަމަ ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާކަށް އަޅުގަނޑުމެން ފަހަކަށް ނުޖެހޭނެ. އެހެންނަމަވެސް އެ ހިސާބަށް ކަންކަން ދާކަށް ބޭނުމެއްނޫން" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އައިސޮލޭޝަން ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރާ ތަންތަނަކީ ސަރުކާރުން ކުއްޔަށް ނަގައިގެން ބޭނުންކުރާ ތަންތަން ކަމަށެވެ. އަދި އެތަންތަނުގައި މީހުން ބޭތިއްބުމަށް ބޮޑު ހޭދައެއް ސަރުކާރުން ކުރަންޖެހޭއިރު، އެތަންތަނަށް ގެއްލުމެއް ލިބިއްޖެނަމަ ސަރުކާރުން ގެއްލުމުގެ ބަދަލުވެސްދޭން ޖެހޭކަމަށެވެ. އެހެންކަމުން އެފަދަ ކަންކަން ތަކުރާރުވާނަމަ ފިޔަވަޅު އަޅަން މަޖުބޫރުވާނެކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި 8000 އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވާއިރު، މިވަގުތުވެސް 1235 މީހަކު އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ.