ކޯވިޑް-19

ބ.އަތޮޅުން މިހާތަނަށް 26 މީހަކުވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައި


ބ.އަތޮޅުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 26 އަަށް މަތިވެއްޖެއެވެ.

ބ އަތޮޅުން މިހާތަނަށް 627 ސާމްޕަލް ނަގައި ޓެސްޓްކޮށްފައި ވާއިރު، އޭގެތެރެއިން 26 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި މިހާރުވެސް ބަލިން ފަސޭހަ ނުވެތިބި 11 މީހަކު އެއަތޮޅުގައި އެބަތިއްބެވެ.

މާލެ ހިމެނޭ ސަރަހައްދުން ހޯމްކަރަންޓީންނަށް މީހުން ފޮނުވަން ފަށާފައި ވަނީ 6 ޖޫން 2020 ގައެވެ. އެދުވަހުން ފެށިގެން މިިހާތަނަށް އައިއިރު 844 މީހުން ވަނީ ބ އަތޮޅަށް ހޯމް ކަރަންޓީންނަށް އައިސްފައެވެ. މީގެ ތެރެއިން މިހާރު ކަރަންޓީންގައި ތިބީ 110 މީހުންނެވެ. މިހާތަނަށް އައިރު ބ.އަތޮޅު ހޮސްޕިޓަލުން ވަނީ 627 ސާމްޕަލެއް ނަގާފައެވެ. އޭގެތެރެއިން 26 މީހެއްގެ ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައެވެ. ޕޮޒިޓީވްވި މި 26 މީހުންގެ ތެރެއިން މިހާރު އައިސޮލޭޝަންގައި ތިބީ 11 މީހުންނެވެ. މީގެތެރޭގައި ތިންމަހުގެ ތުއްތު ކުއްޖަކުވެސް ހިމެނެއެވެ. އަދި އުމުރުން ދުވަސްވީ ބަލިހާލު ބޮޑު މީހަކުވެސް ހިމެނެއެވެ. މިމީހާއަށް މިހާރު އަންނަނީ ބ.އަތޮޅު ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ކޯވިޑް ސެންޓަރުގައި ފަރުވާދެމުންނެވެ.

ނ.ރ.ބ.ޅ މިހަތަރު އަތޮޅުން ކޯވިޑަށް ޕޮޒިޓިވް ވެގެން ފަރުވާ ހޯދަން ޖެހޭނަމަ އެމީހަކު ގެންނާނީ ،ބ.އަތޮޅު ހޮސްޕިޓަލުގައި ޤާއިމް ކޮށްފައިވާ ކޮވިޑް ސެންޓަރަށެވެ. މިއަދާ ހަމައަށްއައިރު މި މަރުކަޒުގައި 7 މީހަކު އެޑްމިޓްކޮށްފައިވާއިރު، މީގެތެރެއިން 2 މީހަކަށް އަދިވެސް އަންނަނީ ފަރުވާދެމުން ކަމަށާއި، ފަރުވާ ދެމުންއައި އެކަކުގެ ސާމްޕަލް ނެގެޓިވް ވެފައިވާކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.

މިހާތަނަށް ބ.އަތޮޅުން މީހުން އުޅޭ ރަށްތަކުގެ ތެރެއިން ކޮވިޑް19 ފެނިފައި ވަނީ 5 ރަށަކުންނެވެ. އެއީ ބ.ކުޑަރިކިލުން އެކަކު، ކަމަދޫއިން ދެ މީހުން، އޭދަފުށިން 10 މީހުން، ތުޅާދޫ އިން 2 މީހެއްގެ އިތުރުން ހިތާދޫއިން 2 މީހުންނެވެ.

ރިސޯޓްތަކަށް ބަލާއިރު ބ.އަތޮޅުގެ ދެ ރިސޯޓަކުން ވަނީ ކޮވިޑް 19 ފެނިފައެވެ. އެއީ ފިނޮޅު ރިސޯޓުން 7 މީހަކާއި އަނަންތަރާ ކިހަވައް ވިލާސްއިން 2 މީހެކެވެ.

މިހާރުވެސް ކޯވިޑް-19 ބަލިން ރަނގަޅުނުވެ 11 އެބަތިއްބެވެ. މިގޮތުން އޭދަފުށީގައި 8 މީހުން އަދި އަނަންތަރާ، ހިތާދޫ، ތުޅާދޫ މިއިން ކޮންމެ ރަށެއްގައި އެކަކު އެބަހުއްޓެވެ.

އަދި ޑައިރެކްޓް ކޮންޓެކްޓް ވެގެން އެކަކު ކަރަންޓީންކޮށްފައި ވާއިރު، މިހާތަނަށް ބ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުން ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.