ކޯވިޑް-19

ކޯވިޑް-19 : އިސް ސަފުން އެންމެ ގިނައިން ޖެހިފައިވަނީ އެއަރޕޯޓު މުވައްޒަފުންނަށް - އެޗް.އީ.އޯ.ސީ


ކޯވިޑް-19އާ ގުޅިގެން އިސް ސަފުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ކޯވިޑް-19 އަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ އެއަރޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗް.ޕީ.އޭގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ކޯވިޑް-19 އާއި ގުޅިގެން ފުރަބަންދުކުރިއިރު ކޯވިޑް-19 ޙާލަތު ރާއްޖޭގައި އޮތްގޮތާއި، ފުރަބަންދަށްފަހު މިހާރުގެ ޙާލަތާއި، ބަލި ފެތުރޭގޮތުގެ ޓްރެންޑް ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށެވެ.

އެގޮތުން ފުރަބަންދުކުރުމާއެކު ބައްޔަށް ޕޮޒިޓިވްވާ ބިދޭސީން ޢަދަދު އިތުރުވި ނަމަވެސް، މިހާރު ބައްޔަށް ޕޮޒިޓިވްވާ ބިދޭސީންގެ ޢަދަދު އެއްވަރެއްގައި ހިފެހެއްޓިފައިވާކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އެހެންނަމަވެސް ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދިންފަހުން ބައްޔަށް ޕޮޒިޓިވްވާ ދިވެހިންގެ ޢަދަދު ކަންބޮޑުވާހާ މިންވަރަކަށް އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ ޢުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންކަމަށާއި، ބަލިޖެހޭ މީހުންގެ ތެރޭގައި އަންހެނުންނަށްވުރެ ފިރިހެނުންގެ ނިސްބަތް އިތުރުކަމަށެވެ. މިދިޔަ ޖުލައިމަހާ އަޅާބަލާއިރު މި ހިނގާ އޯގަސްޓްމަހު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެފައިވާކަން ފާހަގަކުރައްވާ، ޑރ. އަފްޒަލް ވިދާޅުވީ، ޕޮޒިޓިވްވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންނަށް ބަލި ޖެހޭ މީހުންގެ ޢަދަދާއި، ކްލިނިކްތަކުން ނަގާ ސާމްޕަލްތައް ޕޮޒިޓިވްވާ މިންވަރުވެސް މިހާރު އިތުރުވެފައިވާކަމަށެވެ.

ފަހަކަށް އައިސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނާއި، ވަޒީފާގައި ނޫޅޭ މީހުންކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި ސްކޫލާއި ކޮލެޖްތަކުގައި ކިޔަވާ ކުދިންނާއި ޓީޗަރުން ޕޮޒިޓިވްވާ ޢަދަދުވެސް އިތުރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ސްކޫލްތަކާއި ކޮލެޖްތަކަށްދާ ކުދިންނާއި ޓީޗަރުންވެސް ޕޮޒިޓިވްވާ ޢަދަދު ނިސްބަތުން އިތުރުވާކަން ވަނީ ފާހަގަކުރެވިފައި. މީގެ މާނައަކީ މިއީ ސްކޫލުތަކުގައި ނުވަތަ ކޮލެޖުތަކުގައި ވައިރަސް އުޅެނީއެކޭ ނޫން. ނަމަވެސް ބޭރު ތެރޭގައި ވައިރަސް ވަރަށް ބޮޑަށް އުޅޭތީ ސްކޫލްކުދިންނަށާއި އެތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެހެނިހެން ގޮތްގޮތުން ބަލި ޖެހެނީއޭ" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކާގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ، ފުރަބަންދަށް ލުއިދިންފަހުން ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުން މި ބަލީގެ ނުރައްކަލަށް ހުށެހެޅޭ މިންވަރުވެސް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. އެގޮތުން އެއަރޕޯޓުގައި މަސައްކަތްކުރާ ސްޓާފުންނާއި، ޞިއްޙީ ޚިދުމަތްތެރިންނާއި، ސިފައިންނާއި ފުލުހުންނަށް ބަލިޖެހޭ މިންވަރު އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ހައި ރިސްކް ކެޓެގަރީގައި ހިމެނޭ އެހެނިހެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށްވެސް ބަލިޖެހޭ ޢަދަދު ރާއްޖޭގައި އިތުރުވާން ފަށާފައިވާކަމަށެވެ. ވަކިން ޚާއްސަގޮތެއްގައި ހިތުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތަކާއި، ހަކުރު ބައްޔާއި ކެންސަރު ބަލީގެ މީހުންނަށް ކޯވިޑް-19 ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި ރާއްޖޭގައި މި ބަލި އެންމެ ފުރަތަމަ ފެނުނު ދުވަސްވަރާއި އަޅާބަލާއިރު، މާބަނޑު މީހުންނަށްވެސް މި ބަލިޖެހޭ މިންވަރު އިތުރުވަމުންދާކަން ތަފާސް ހިސާބުތަކުން ހާމަވެފައިވާކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.