ކޯވިޑް-19

ކޯވިޑް-19 : ޙާލަތު އިތުރަށް ގޯސްވެއްޖެނަމަ ދެވަނަ ފުރަބަންދަކަށް ދާންޖެހިދާނެ - އެޗް.އީ.އޯ.ސީ


ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ކޮންޓްރޯލް ނުވެ އިތުރަށް ގޯސްވަމުންދާނަމަ ދެވަނަ ފުރަބަންދަކަށް ދާންޖެހިދާނެކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ޑރ. އަޙްމަދު ޝަޙީދު ވިދާޅުވީ، ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު މިހާރުވެސް ވަރަށް ގޯސްވެފައިވާކަމަށާއި، ބަލީގައި އެޑްމިޓްކުރަންޖެހޭ މީހުންނާއި، ނިޔާވާ މީހުންގެ ރޭޓް ކަންބޮޑުވާހާ ހަލުވިމިނުގައި އިތުރުވަމުންދާކަމަށެވެ.

ޑރ. އަޙްމަދު ޝަޙީދު ވަނީ ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި މައިގަނޑުގޮތެއްގައި ބަލާ ކަންކަމާއި، ފިޔަވަޅުތައް ވަރުގަދަކުރުމުގައި މިންކުރުމަށް ބޭނުންކުރާ ޢުޞޫލުތަކުގެ ތަފްޞީލު ހިއްސާކުރައްވާފައެވެ. ފިޔަވަޅުތައް ވަރުގަދަކުރުމުގައި މައިގަނޑު 5 ކަމަކަށް ރިޢާއަތްކުރާކަމަށާއި، އެކަންކަމަށް ވަކިވަކިން ސްކޯރ ދިނުމަށްފަހު، އަޅާނެ ފިޔަވަޅުތަކެއް ކަނޑައަޅާނީ ޙާލަތައް ވަރަށް ބޮޑަށް ބެލުމަށްފަހުކަމަށްވެސް ޑރ. ޝަޙީދު ވިދާޅުވިއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގައި ބަލާ މައިގަނޑު ކަންތައްތަކަކީ:

- ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ މީހުންގެ އިންސައްތަ
- ހޮސްޕިޓަލުތަކުގައި އެޑްމިޓްކުރާ މީހުންގެ އިންސައްތަ
- ޕޮޒިޓިވްވާ މީހުންގެ ޖުމްލަ ޢަދަދު ދެގުނައަށް މަތިވާން ނަގާ މުއްދަތު
- އެއްވެސް ކްލަސްޓަރއަކާއި ގުޅުމެއްނެތް ކޭސްތައް ފެންނަ މިންވަރު
- ކޮންމެ ހަފްތާއަކު ނިޔާވާ މީހުންގެ ޢަދަދު

ޑރ. ޝަޙީދު ވިދާޅުވީ، މިއިން ކޮންމެ ދާއިރާއެއްވެސް 3 ދަރަޖައަކަށް ބަހާލާފައިވާކަމަށެވެ. އަދި ޙާލަތަށް ބަލައި މިއިން ކޮންމެ ދާއިރާއަކަށްވެސް 2،1 ނުވަތަ 3 ގެ ސްކޯރއެއް ދިނުމަށްފަހު، ޖުމްލަ ސްކޯރވެސް 3 ދަރަޖައަކަށް ބަހާލާކަމަށެވެ.

އެގޮތުން ފަހަކަށްވުރެ ސްކޯރ ދަށްވެއްޖެކަމަށްވާނަމަ އެއީ ރަނގަޅު ޙާލަތެއްކަމަށާއި، 5 - 10 އާ ދެމެދު ސްކޯރ ހުންނަކަމަށްވާނަމަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރަންޖެހޭކަމަށްޑރ. ޝަޙީދު ވިދާޅުވިއެވެ. އަދި ސްކޯރ 10 އަކަށްވުރެ މައްޗަށް އަރައިފިނަމަ، އޭގެ މާނައަކީ ޙާލަތު ވަރަށް ގޯސްވެފައިވާކަމަށާއި، ބަލި ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭނެކަމަށް ޑރ. ޝަޙީދު ވިދާޅުވިއެވެ.

ޑރ. ޝަޙީދު ވިދާޅުވީ ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު ގޯސްވެ، މި ބަލީގައި އެޑްމިޓުކުރާ މީހުންނާއި، މަރުވާ މީހުންގެ ޢަދަދު ބޮޑުތަނުން އިތުރުވަމުންދާކަމަށެވެ. އެގޮތުން ކޯވިޑް-19 އަށް ފަރުވާ ދިނުމަށް ޤާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީތަކުގެ ބެޑް ކެޕޭސިޓީ 60 އިންސައްތަ މިހާރުވެސް ފުރިފައިވާކަމަށް ޑރ. ޝަޙީދު ވިދާޅުވިއެވެ. އަދި ފްލޫ ކްލިނިކްތަކުން ނަގާ ސާމްޕަލްތަކުން ޕޮޒިޓިވްވާ މީހުންގެ ޢަދަދުވެސް މިދިޔަ ހަފްތާގައި 18 އިންސައްތައަށް އަރާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މި ހަފްތާއަށް ބެލިޔަސް ކޮންމެ ދުވަހަކުހެން ކޯވިޑް-19ގައި މީހަކު އެބަ ނިޔާވޭ. މިދިޔަ ހަފްތާގެ މުޅި ސްކޯރއަށް ބަލާއިރުވެސް މިއުޅެނީ 9 އެއްގައި. އެހެންވީމަ 5 އަކާއި 10 އަކާއި ދެމެދު މި ސްކޯރ ހުރިއްޔާ ވަރަށް ބޮޑެތި ރެސްޓްރިކްޓިވް މެޝާޒްތައް އަޅަންޖެހޭ. އަޅުގަނޑުމެން މި ގެންގުޅޭ ސްކޯރިންގ ސިސްޓަމުން 10 އަކަށް އަރައިފިއްޔާ ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ. އޭގެ ތެރޭގައި ލޮކްޑައުންއެއްވެސް ގެންނަންޖެހިދާނެ. މީގަ އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ކަމަކީ ހަޤީޤަތުގައި ހާލަތު ވަރަށް ގޯހޭ. ސްކޯރވެސް މިހުރީ 9 ގައި. 10 އަކަށް މީތި އަރައިފިއްޔާމުން ވަރަށް ބޮޑެތި ރެސްޓްރިކްޓިވް މެޝާޒް ނަގަންޖެހިދާނެއޭ" ޑރ. ޝަޙީދު ވިދާޅުވިއެވެ.

ޑރ. ޝަޙީދު ވިދާޅުވީ، ފުރަބަންދަކަށް ދިއުމަކީ އެންމެފަހުން އަޅާނެ ފިޔަވަޅުކަމަށާއި، މަސައްކަތް ކުރަމުން މިދަނީ އެފަދަ ޙާލަތަކަށް ނުގޮސް، ރާއްޖޭގައި މި ބަލި ކޮންޓްރޯލްކުރުމަށްކަމަށެވެ. އަދި ފުރަބަންދަކަށް އަލުންގޮސްފިކަމަށްވާނަމަ އެކަމުގެ ސަބަބުން އިޤްތިޞާދީގޮތުންވެސް ބޮޑެތި ލޮޅުންތަކެއް ޤައުމަށް އަންނާނެކަމަށާއި، ކޯވިޑް-19 އާއި ގުޅުންނެތް ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެކަމަށެވެ.

"އަޅުގަނޑު އެ ފިގަރ ބުނެދޭން ބޭނުންވި ސަބަބަކީ މިހާރު ސްކޯރ މިހުރީ ހަމަ ވަރަށް ކަންބޮޑުވާންޖެހޭ މިންގަނޑެއްގަައިކަމުން. އަޅުގަނޑުމެން ރެސްޓްރިކްޓިވް މެޝާޒްތައް މިނަގަނީ ގްރެޖުއަލްކޮށް. އެންމެފަހުން މި ގެނެވުނު ރެސްޓްރިކްޓިވް މެޝާއަކީ ކާފިއު ގަޑިތައް. އެހެންވީމަ ސްކޯރ އިތުރަށް މަތިވާކަމަށްވަންޔާ ފަހަރެއްގައި މި ކާފިއު ގަޑިތައް ނުވަތަ މީހުން މަގުމައްޗަށް ނުކުމެއުޅުން މަނާ ގަޑިތައް އިތުރުކުރަންޖެހިދާނެ. އަދި ހަމައެއާއެކު އޮފީސްތައް ބަންދުކުރުންފަދަ އިތުރު މެޝާޒްތައްވެސް އަލުން ނަގަންޖެހިދާނެ" ޑރ. ޝަޙީދު ވިދާޅުވިއެވެ.

ދެވަނަ ފުރަބަންދަކަށް ނުގޮސް ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގައި ޞިއްޙީ ޙިދުމަތްތެރިން ކުރާ މަސައްކަތްތަކާ އެއްވަރަށް މިކަމުގައި ފަރުދީ ޒިންމާގެ މުހިއްމުކަން ޑރ. ޝަޙީދު ވަނީ ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ. އެހެންކަމުން މިހާރުވެސް އަޅާފައިވާ ފިޔަވަޅުތަކާއި، އެޗް.ޕީ.އޭއިން އާއްމުކުރައްވާފައިވާ ޢުޞޫލުތަކާ އެއްގޮތަށް ހުރިހާ ރައްޔިތުންވެސް ޢަމަލު ކުރެއްވުމަށް ޑރ. ޝަޙީދު ވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ. އަދި ޢާއްމު ޚިދުމަތްތައް ދިނުމުގައާއި، ފިހާރަތަކާއި އޮފީސްތަކުގައި މަސައްކަތްކުރާއިރުވެސް އެޗް.ޕީ.އޭގެ ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލުކުރުމަށް ޑރ. ޝަޙީދު ވަނީ ގޮވާލައްވާފައެވެ.