ކޯވިޑް-19

ފަތުރުވެރިންނަށް ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް ޓްރީޓޮޕްގެ ބަދަލުގައި ފުލުހުންގެ ލެބޯޓްރީގައި ހަމަޖައްސައިފި


ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކޯވިޑް-19ގެ ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް ޓްރީޓޮޕް ހޮސްޕިޓަލުގެ ބަދަލުގައި ފުލުހުންގެ ލެބޯޓްރީގައި ހަމަޖައްސައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވަނީ ފަތުރުވެރިންނަށް ކޯވިޑް-19ގެ ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކާއި، އެތަންތަނުން ޓެސްޓް ހަދައިދޭ އަގުތައް މިމަހުގެ 14 ވަނަ ދުވަހު އާއްމުކުރައްވާފައެވެ. އެގޮތުން މާލޭ ސަރަޙައްދުގައި ހިމެނޭ 3 ހޮސްޕިޓަލަކާއި، ރާއްޖޭގެ އުތުރުން ކުޅުދުއްފުށި ސިޓީއާއި އެންމެ ދެކުނުން އައްޑޫ ސިޓީގައި ފަތުރުވެރިންނަށް ކޯވިޑް-19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމް އެޗް.ޕީ.އޭއިން ވަނީ ހަމަޖައްސާފައެވެ.

އޭރު ހަމަޖެއްސި ހޮސްޕިޓަލުތަކުގެ ތެރޭގައި ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުވެސް ހިމެނެއެވެ. ނަމަވެސް އެޗް.ޕީ.އޭއިން މިހާރު މިވަނީ ޓްރީޓޮޕް ހޮސްޕިޓަލުގެ ބަދަލުގައި ފުލުހުންގެ ލެބުން ފަތުރުވެރިންނަށް ކޯވިޑް-19ގެ ޕީ.ސީ.އާރް ޓެސްޓް ހެދޭނެގޮތް ހަމަޖައްސަވާފައެވެ.

ފަތުރުވެރިންނަށް ކޯވިޑް-19ގެ ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވަނީ :

- އައި.ޖީ.އެމް.އެޗް : ޕީ.ސީ.އާރް ޓެސްޓް ހަދައިދޭ އަގަކީ 1534ރ
- އޭ.ޑީ.ކޭ ހޮސްޕިޓަލް : ޕީ.ސީ.އާރް ޓެސްޓް ހަދައިދޭ އަގަކީ 1500ރ
- ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް : ޕީ.ސީ.އާރް ޓެސްޓް ހަދައިދޭ އަގަކީ 1534ރ
- އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް - ޕީ.ސީ.އާރް ޓެސްޓް ހަދައިދޭ އަގަކީ 1534ރ
- ފުލުހުންގެ ލެބޯޓްރީ

އެޗް.ޕީ.އޭއިން ވިދާޅުވީ، ފަތުރުވެރިން ކޯވިޑް-19ގެ ޓެސްޓް ހެދުމަށްޓަކާ މިއިން ހޮސްޕިޓަލަކަށް ދިއުމުގެ އެންމެ ލަސްވެގެން 48 ގަޑިއިރުކުރިން އެ ފަތުރުވެރިއެއްގެ ސާމްޕަލް ފޮނުވަންވާނެކަމަށާއި، އަވަހަށް ސާމްޕަލްތަކުގެ ނަތީޖާ ލިބޭނީ އެ އުޞޫލުން ޢަމަލުކޮށްގެން ކަމަށެވެ. އަދި ޓެސްޓް ހެދުމަށްޓަކާ އެ ފަތުރުވެރިއެއްގެ ޓްރެވަލް އިނިޝިއަރީ ޑޮކިއުމަންޓްގެ ކޮޕީއަކާއި، ޕާސްޕޯޓުގެ ކޮޕީއަކާއި، ގުޅޭނެ ނަންބަރަކާއި ހުރި ސަރަޙައްދެއްގެ މަޢުލޫމާތު ހުށަހަޅަންޖެހޭނެކަމަށް އެ އެޖެންސީން ވިދާޅުވެފައިވެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރުތައް ގާތްގަނޑަކަށް 3 މަސް ދުވަހަށް ބަންދުކުރުމަށްފަހު، އަލުން ހުޅުވާލާފައިވަނީ މިދިޔަ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ. ފަތުރުވެރިކަން އަލުން ހުޅުވާލުމާއެކު ރާއްޖޭގެ ބައެއް ރިސޯޓުތައް އޮޕަރޭޓްކުރަން ފަށާފައިވާއިރު، މިވަގުތުވެސް ރާއްޖޭގެ ބައެއް ރިސޯޓުތަކުން ކޯވިޑް-19ގެ އެކްޓިވް ސާމްޕަލްތައް ވަނީ ފެންނަން ފަށާފައެވެ. އޭގެ ތެރޭގައި ރިސޯޓުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، އެތަންތަނުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންވެސް ހިމެނެއެވެ.

ފަތުރުވެރިންނަށް ކޯވިޑް-19އަށް ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް 5 ތަނެއްގައި ހަމަޖައްސާފައިވާއިރު، ސަފާރީ ބޯޓުތަކުން ދަތުރުކުރާ ފަތުރުވެރިންނަށް ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް ހުޅުމާލޭ ފެރީ ޓަރމިނަލް ހިމެނޭ ސަރަހައްދުގައި ވަނީ ހަމަޖައްސާފައެވެ.