ކޯވިޑް-19

އޭދަފުށީގައި ހޯމް ކަރަންޓީންގައި ހުރި ޒުވާނަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ބ.އޭދަފުށީގައި ހޯމް ކަރަންޓީންގައި ހުރި ޒުވާނަކު ކޯވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މި މީހާ ޕޮޒިޓިވްވެފައިވާކަން އެނގުނީ ކަރަންޓީން މުއްދަތުގެ 14 ދުވަސް ފުރިހަމަ ކުރުމަށްފަހު ހެދި ޓެސްޓުންނެވެ. މިމީހާގެ ހާލު ރަނގަޅު ކަމަށް ބ.އަތޮޅު ހޮސްޕިޓަލުންބުނެއެވެ.

މިއީ ހޯމް ކަރަންޓީންގައި ހުއްޓާ އޭދަފުށިން ޕޮޒިޓިވްވި 3 ވަނަ މީހާއެވެ. އޭދަފުށިން އެންމެ ފުރަތަމަ ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ ބިދޭސީ ދެ މީހުންނެވެ. އެމީހުން މިހާރު ވަނީ ބަލިން ރަނގަޅުވެގެން ދޫކޮށްލާފައެވެ.

ބ.އޭދަފުށީގައި ހަދާފައިވާ ކޯވިޑަށް ފަރުވާދޭ މަރުކަޒުގައި އެޑްމިޓްކޮށްގެން އުމުރުން 81 އަހަރުގެ ފިރިހެނަކަށް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. މިމީހާގެ ހާލު ރަނގަޅުކަމަށާއި، ފަރުވާދިނުމަށް ކޯވިޑް ސެންޓަރަށް ގެންދިޔައީ އުމުރުން ދުވަސްވެފައިވާ މީހަކަށް ވުމުން ކަމަށް މަޢުލޫމާތުލިބިފައިވެއެވެ.

ހޯމް ކަރަންޓީންގައި ތިބޭ ފަރާތްތަކުން އަންގާފައި އޮންނަ އުސޫލާ އެއްގޮތައް އަމަލުކުރުމަށް އެޗްޕީއޭއިން ވަނީ އެދިވަޑައިގެންފައެވެ. އަދި ކޯވިޑް ކޭސްއެއް އޮތްރަށެއްނަމަ މާސްކް އެޅުމަށާއި، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް އެއިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.