ކޯވިޑް-19

ކޯވިޑް-19 : މާސްކްނާޅާ އުޅުނު 50 މީހަކާއި، ކާފިޢު އުޞޫލާ ޚިލާފުވި 55 މީހަކު ޖޫރިމަނާކޮށްފި


ގްރޭޓަރ މާލޭ ސަރަހައްދުގައި މާސްކު ނާޅައި ބޭރުތެރޭގައި އުޅުނު 50 މީހަކު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖޫރިމަނާކޮށްފައިވާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

އެޗް.އީ.އޯ.ސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ، ކޯވިޑް-19ގެ މި ޙާލަތަށް ބަލާ އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއެއްގޮތަށް ގިނަ ބަޔަކު ޢަމަލުކުރާކަން ފާހަގަކުރެވޭކަމަށެވެ. ނަމަވެސް އަދިވެސް ބައެއް މީހުން އުޞޫލާ ޚިލާފަށް އަމަލުކުރާ ކަމަށާއި، އެކަންކަން ފުލުހުން ވަރަށް ގާތުން ބަލަމުންދާކަމަށެވެ.

ގްރޭޓަރ މާލޭ ސަރަޙައްދުގައި އާއްމު ތަންތަނަށް ނުކުމެ އުޅޭއިރު މާސްކް އެޅުން މަޖުބޫރުކޮށްފައިވާއިރު، މި އުޞޫލާ ޚިލާފުވެގެން 50 މީހަކު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖޫރިމަނާކޮށްފައިވާކަމަށާއި، 52 މީހަކަށް ފުލުހުން ނަޞޭޙަތްތެރިވެ، އިންޒާރު ދީފައިވާކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މާލޭ ސަރަޙައްދުގައި ދުއްވާ ވެހިކަލާއި، މީހުން ނުކުމެ އުޅުން މަނާ ވަގުތުތަކުގައި އުޞޫލާ ޚިލާފުވި މީހުންގެ ތަފާސް ހިސާބުވެސް ޑރ. ނަޒްލާ ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ބޭރަށް ނުކުމެ އުޅުން މަނާވަގުތުގައި ނުކުމެ އުޅުނު 55 މީހަކު ޖޫރިމަނާކޮށް، 80 މީހަކަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފުލުހުން ނަޞޭޙަތްތެރިވެ، އިންޒާރުދީފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރުވާން ފެށުމާގުޅިގެން މާލޭ ސަރަހައްދުގައި މަގުމައްޗަށާއި، އާއްމު ތަންތަނަށް ނުކުމެ އުޅޭއިރު، ފޭސް މާސްކް އެޅުން މަޖުބޫރުކޮށްފައިވަނީ މިދިޔަ ޖުލައިމަހުގެ 30 ވަނަ ދުވަހުއެވެ. މި އުޞޫލާ ޚިލާފުވާ ފަރާތްތައް 1000 ރުފިޔާއިން ޖޫރިމަނާކުރަން ފުލުހުން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ފުރަބަންދަށް ދިން ލުއިތައް އަލުން މުރާޖާކުރުމަށްފަހު މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 22:00 އިން ފަތިހު 5:00އާ ހަމައަށް މަގުމައްޗަށް މީހުން ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި މިމަހުގެ 23 އިން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 20:00 އިން ފެށިގެން ފަތިހު 5:00އާ ހަމަޔަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށްފައިވެއެވެ.