ކޯވިޑް-19

ކޯވިޑް-19 : ވިލުފުށިން 2 އަހަރުގެ ކުޑަކުއްޖަކު ޕޮޒިޓިވްވެއްޖެ


ތ. ވިލުފުށިން 2 އަހަރުގެ ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ވިދާޅުވީ، ވިލުފުށިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 2 އަހަރުގެ އަންހެން ކުއްޖެއްކަމަށެވެ. އަދި އެކުއްޖާ މި ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ފުރަބަންދު ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ރިލީސް ސާމްޕަލުންކަމަށެވެ.

ވިލުފުށީން ކޯވިޑް-19އަށް ޕޮޒިޓިވްވި ކުއްޖަކު ފެނުނުނަމަވެސް އަދި އެރަށަށް އަރައި ފޭބުން މަނާކުރިކަން ނުވަތަ މޮނިޓަރިންއަށް ލިކަން އެޗް.އީ.އޯ.ސީން ހާމަކޮށްފައެއް ނުވެއެވެ. މިއީ ވިލުފުށީން ކޯވިޑް-19ގެ ކޭސްއެއް ފެނުން ފުރަތަމަ ފަހަރެވެ.

އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 18 ރަށަކުންނާއި، 12 ރިސޯޓަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ވަނީ ފެނިފައެވެ. ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 5909 އަކަށް އަރާފައިވާއިރު، 3488 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. އަދި އައިސޮލޭޝަންގައި މިވަގުތު 1478 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ.

މީގެ އިތުރުން 138 މީހަކު އަންނަނީ ހޮސްޕިޓަލުގައި މި ބައްޔަށް ފަރުވާ ހޯދަމުންނެވެ.