ތިމާވެށި

ނައިފަރުގެ ގޮނޑުދޮށާއި ފަޅުތެރޭން ކަންބޮޑުވާންޖެހޭ މިންވަރަކަށް މައިކްރޯޕްލާސްޓިކް!


ޅ. ނައިފަރުގެ ގޮނޑުދޮށާއި ފަޅުތެރޭގައި ކަންބޮޑުވާ މިންވަރަކަށް މައިކްރޯޕްލާސްޓިކް ފެނިފައިވާކަމަށް އޮސްޓްރޭލިއާގެ ޔުނިވާސިޓީއެއްގެ މެރިން ސައިންޓިސްޓުންތަކެއް ހެދި ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާކޮށްފައި ވަނީ އޮސްޓްރޭލިއާގެ ފްލިންޑާސް ޔުނިވާސިޓީގެ މެރިން ސައިންޓިސްޓުންތަކެއްކެވެ. މި ދިރާސާގައި ފްލިންޑާސް ޔުނިވާސިޓީގެ ސައިންޓިސްޓުން ވަނީ ޅ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށްކަމަށްވާ ނައިފަރުގެ ގޮނޑުދޮށާއި ފަޅު ތެރޭގެ 22 ސަރަހައްދަކުން ވެލި ނަގައި އެ ވެލީގައި މައިކްރޯޕްލާސްޓިކް ހުރި މިންވަރު ރެކޯޑްކޮށް ބަލާފައެވެ. މައިކްރޯޕްލާސްޓިކަކީ ޕްލާސްޓިކު ފުޅިއާއި ކޮތަޅު ފަދަ ތަކެތި އަހަރުތަކެއް ފަހުން ވީރާނާވެ ކުނޑިއަށް ވުމުން އުފެއްދޭ އެއްޗެކެވެ. މިއީ ތިމާވެށި ތަގައްޔަރުކޮށް، ދިރޭތަކެއްޗަށް ސިއްހީ ގޮތުން ގެއްލުންދެނިވި އެއްޗެކެވެ.

ނައިފަރުގެ ގޮނޑުދޮށާއި، ފަޅުތެރެ ހިމެނޭހެން އެ ރަށް ވަށައިގެން 22 ސަރަޙައްދަކުން ނެގި ސާމްޕަލްތަކުގެ ނަތީޖާ ދައްކާގޮތުން ކަންބޮޑުވާންޖެހޭ މިންވަރަކަށް މައިކްރޯޕްލާސްޓިކް ވަނީ ފެނިފައެވެ. އަދި މިއީ ދުނިޔޭގެ ނިސްބަތުންވެސް އެއް ސަރަޙައްދަކުން އެންމެ ގިނަ ޢަދަދަކަށް މައިކްރޯޕްލާސްޓިކް ފެނުނު އެއް ސަރަހައްދުގެ ގޮތުގައި ފްލިންޑާސް ޔުނިވާސިޓީގެ މެރިން ސައިންޓިސްޓުންގެ ޓީމުން ވަނީ ފާހަގަކޮށްފައެވެ.

ސައިންސްއާއި ޓެކްނޮލޮޖީއާއި ގުޅުންހުރި މުހިއްމު ދިރާސާތަކާއި ޚަބަރުތައް ގެނެސްދޭ ވެބްސައިޓެއްކަމަށްވާ ފިސް.އޯގްއާއި ވާހަކަދައްކަމުން މި ދިރާސާގައި ލީޑް ސައިންޓިސްޓެއްގެ ގޮތުގައި ބައިވެރިވި ޓޯބީ ޕެޓީ ބުނިގޮތުގައި ނައިފަރު ވަށައިގެން ނެގި ސާމްޕަލްތަކުން ގިނަ އަދަދެއްގެ މައިކްރޯޕްލާސްޓިކް ފެނިފައިވާއިރު، މިއީ އެ ސަރަޙައްދުގެ ގުދުރަތީ ވެއްޓާއި ދިރުންތަކަށްވެސް އޮތް ނުރައްކަލެއްކަމަށެވެ. އަދި ނައިފަރުން ފެނުނު މައިކްރޯޕްލާސްޓިކްގެ އަދަދު އޭޝިއާ ސަރަޙައްދުގައި ޕްލާސްޓިކާއި ކުނީގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އިންޑިއާގެ ސްޓޭޓެއްކަމަށްވާ ޓެމިލް ނާޑޫއަށްވުރެއްވެސް ބޮޑުކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން އިންޑިއާގެ ޓެމިލް ނާޑޫން ކިލޯއެއްގައި 611-3 މައިކްރޯޕްލާސްޓިކް ފެނިފައިވާއިރު، ނައިފަރުން ނެގި ސާމްޕަލްތަކުގައި ކިލޯއެއްގައި 5.1127-55 މައިކްރޯޕްލާސްޓިކް ފެނިފައިވާކަމަށް ޓޯބީ ބުނެފައިވެއެވެ.

"ނައިފަރުން ފެނުނު ގިނަ މައިކްރޯޕްލާސްޓިކުގެ ފުޅާމިނުގައި އެވަރެޖްކޮށް 0.4 މައިކްރޯމީޓަރު ހުރޭ. މަސްތަކަށް މިތަކެތި ކެވި، ފަރުތަކުގެ ދިރުމަށް ނޭދެވޭ އަސަރު ކުރުމުގެ ކަންބޮޑުވުން ވަރަށް ބޮޑު. އަދި އެތަކެތި އަހަރުމެން އިންސާނުން ކެއުމުން، އަހަރުމެންގެ ސިއްޙަތަށްވެސް ނުރައްކާބޮޑު" ޓޯބީ ބުންޏެވެ.

އޮސްޓްރޭލިއާގެ ފްލިންޑާސް ޔުނިވާސިޓީގެ މެރިން ސައިންޓިސްޓުން ފާހަގަކޮށްފައިވާގޮތުގައި ރާއްޖޭގެ ކަނޑުތަކުގައި މައިކްރޯޕްލާސްޓިކް ގިނަވާން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި، ކަނޑުގެ އޮއިވަރު ހުންނަގޮތުން ސަރަޙައްދީ އެހެން ޤައުމުތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ދަތުރުކުރާ ޕްލާސްޓިކާއި، ރާއްޖޭގައި ރަށްރަށުގައި ކުނި ނައްތާލުމުގައި އަމަލުކުރާގޮތާއި، ފެނާއި ނަރުދަމާ ނިޒާމު ޤާއިމުވެފައިވާގޮތާއި، ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށްދާގޮތްފަދަ ކަންކަން ހިމެނެއެވެ. އަދި ރާއްޖޭގައި ކުނި އުފައްދާ މިންވަރު ކުޑަކޮށް، ކުނި ނައްތާލުމުގައި ހަރުދަނާ ނިޒާމެއް ޤާއިމުކޮށްގެން ނޫނީ މިކަމަށް އެކަށީގެންވާ ހައްލެއް ހޯދަން އުނދަގޫވާނެކަންވެސް އެ ޓީމުން ފާހަގަކޮށްފައިވެއެވެ.

މި ދިރާސާގެ ބައިވެރިން މިހާރު ދަނީ ނައިފަރުގެ ފަރުގައި އުޅޭ މަސްތަކުގައި މައިކްރޯޕްލާސްޓިކް ހުރި މިންވަރު ހޯދުމުގެ ދިރާސާތަކެއްވެސް ކުރަމުންނެވެ.