ޚަބަރު

އިލެކްޝަންގެ ޚިދުމަތްތައް އޮންލައިކޮށް ދިނުމަށް ނިންމައިފި


އާންމު ފަރާތްތަކުން އިލެކްޝަން ކޮމިޝަނަށް ހާޒިރުވެ ހޯދާ ޚިދުމަތްތައް އޮންލައިންކޮށް ދިނުމަށް އެކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ހަލުއިކަމާއެކު ރާއްޖޭގައި ފެތުރެމުންދާ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ގިނައީ އޮފީސް މާހައުލުގައިކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާތީ އެއޮފީހަށް އާންމުން ވަޑައިގެން ހޯދާ ޚިދުމަތްތައް މާދަމާއިން ފެށިގެން އޮންލައިންކޮށް ދިނުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ކޮމިޝަންގެ އީ-މެއިލް އަދި އީ-ގަވަރމެންޓް (ޖެމްސް) [email protected] މެދުވެރިކޮށް ޚިދުމަތްތައް ފޯރުކޮށް ދެވޭނެކަމަށް އިލެކްޝަނުން ވިދާޅުވެއެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ޢާންމު ފަރާތްތަކުން ކޮމިޝަނަށް ހާޟިރުވެ ހޯއްދަވަމުން ގެންދަވާ ޚިދުމަތައް މެދުކަނޑާލާފައިވަނީ މާދަމައިން ފެށިގެން އެކޮމިޝަނުން ވަކިގޮތެއް އަންގަންދެންކަމަށެވެ. 2020 އޯގަސްޓް 04 އިން ފެށިގެން ކޮމިޝަނުން ދެމުންދާ ޢާންމު ޚިދުމަތްތައް ފޯރުކޮށްދެމުންދާނީ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އަށް ކަމުގައި އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ.

ކޮމިޝަނުން ދެމުންދާ އެއްވެސް ޚިދުމަތެއް ލަސްވާނަމަ ނުވަތަ އިތުރު މަޢުލޫމާތެއް އޮޅުންފިލުވަން ބޭނުންނަމަ، އެކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް، ޙަސަން ޒަކަރިއްޔާ، މޯބައިލް ނަންބަރު 9867422 އަށް މެސެޖްކޮށް ދެއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ އެދިވަޑައިގެންފައެވެ.