ތަރައްްޤީ

އަލަށް 24 މަޝްރޫޢެެއްގެ މަސައްކަތް ފެށުމަށް މިދަނީ ތައްޔާރުވަމުން - އެމް.ޓީ.ސީ.ސީ


އަލަށް 24 މަޝްރޫޢެެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެމް.ޓީ.ސީ.ސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި އެމް.ޓީ.ސީ.ސީން މިވަގުތުވެސް 48 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްދާކަމަށާއި، އެއްވެސް މަޝްރޫޢެއްގެ މަސައްކަތް މަޑުޖެހިފައި ނޯންނާނެކަމަށެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމް.ޓީ.ސީ.ސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން ކުންފުނީގެ ހިންގުމުގެ ނިޒާމަށާއި، މަޝްރޫޢުތައް ކުރިއަށްދާ ސްޕީޑަށް ބަދަލުތަކެއް އައިސްފައިވާކަމަށެވެ. ނަމަވެސް އެއްވެސް މަޝްރޫޢެއް ހުއްޓާލުން ނުވަތަ މަޑު ޖައްސާލުމަކީ އެކުންފުނީގެ ވިސްނުމެއްނޫންކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ 35 ރަށެއްގައި މިހާރުވެސް އެކުންފުނީގެ 48 މަޝްރޫޢެއް ކުރިއަށްދާކަން އާޒިމް ފާހަގަކުރެއްވިއެވެ.

އާޒިމް ވިދާޅުވީ، ކޯވިޑް-19 ގެ ސަބަބުން މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ރާއްޖޭން ބޭރުން ގެނައުމުގައި ބައެއްކަހަލަ ދަތިތަކާއި ކުރިމަތިވާކަމަށާއި، އެކަމުގެ ސަބަބުން ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫޢުތަކަށްވެސް އަސަރުކުރަމުންދާކަމަށެވެ. އެހެންނަމަވެސް އެކުންފުނީގެ އަމާޒަކީ ޢަމަލީ މަސައްކަތް ފަށާފައިވާ މަޝްރޫޢުތައް ކަނޑައަޅާފައިވާ ޑެޑްލައިނަށް ނިންމުންކަމަށް އާޒިމް ވިދާޅުވިއެވެ.

"މިދިޔަ ކުއަރޓާގައި އަޅުގަނޑުމެން 14 މަޝްރޫޢެއް ނިންމައިފިން. އަދި އިތުރު 8 މަޝްރޫޢެއް އަޅުގަނޑުމެން ފަށައިފިން. އޯގަސްޓްމަހުގެ ތެރޭގައި އިތުރު މަޝްރޫޢުތަކެއް ނިންމާ، އިތުރު ރަށްތަކަކަށް އަޅުގަނޑުމެން އަރާނަން. އެއްވެސް ޓީމެއް އެއްވެސް ތަނެއްގައި މަސައްކަތެއް ނުކޮށެއް ނުތިބޭނެ. އަޅުގަނޑުމެންގެ ހުރިހާ މެޝިނަރީޒަކާއި ހުރިހާ މުވައްޒަފުންނެއް ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރަމުން އެދަނީ" އާދަމް އާޒިމް ވިދާޅުވިއެވެ.

އާދަމް އާޒިމް ވިދާޅުވީ، މިހާރު ޢަމަލީ މަސައްކަތް ކުރިއަށްދާ މަޝްރޫޢުތަކުގެ އިތުރުން 24 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފެށުމަށްވެސް އެކުންފުނިން ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން ބައެއް މަޝްރޫޢުތަކަށް ބޭނުންވާ މޮބިލައިޒޭޝަންގެ ކަންކަން މިހާރުވެސް ކުރިއަށްދާއިރު، ބައެއް މަޝްރޫޢުތަކުގެ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް، އީ.އައި.އޭގެ މަސައްކަތްތައް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ. އެމް.ޓީ.ސީ.ސީން އަލަށް ފެށުމަށް ތައްޔާރުވާ މަޝްރޫޢުތަކުގެ ތެރޭގައި ކ. ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫޢުވެސް ހިމެނެއެވެ.

"މި މަހުގެ ތެރޭގައި އަޅުގަނޑުމެން ކ. ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފަށާނަން. އަދި ހަމަ ވަރަށް ބޮޑު ޕްރޮޖެކްޓެއް އެއީ ތ. ގުރައިދޫ ބިން ހިއްކުން. އެ މަސައްކަތްވެސް އަޅުގަނޑުމެން މިމަހުގެ ތެރޭގައި ފަށާނަން. ނ. އަތޮޅުގައިވެސް ބަނދަރު ހެދުމުގެ މަޝްރޫޢެއްގެ މަސައްކަތް މިމަހުގެ ތެރޭގައި އަޅުގަނޑުމެން ފަށާނަން. މިހެންގޮސް އެތައް ބިޔަ މަޝްރޫޢުތަކެއް އެބަހުރި ޕްލޭންކުރެވިފައި" އާދަމް އާޒިމް ވިދާޅުވިއެވެ.

އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމް ވިދާޅުވީ، ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އެކުންފުނިން ކުރިއަށްގެންދާ މި ދަނޑިވަޅުގައިވެސް ކޯވިޑް-19 އާއި ގުޅިގެން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެކުންފުނިން އަޅަމުންދާނެކަމަށެވެ. އަދި ސައިޓުތަކުގައާއި ގޭގައި ތިބެގެން މަސައްކަތްކުރާ މުވައްޒަފުންގެ ޙާލަތުވެސް ކުންފުނީގެ މެނޭޖްމަންޓުން ވަރަށް ގާތުން ބަލަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.