ކޯވިޑް-19

ކޯވިޑް-19 : ޢާއްމުންގެ މެދުގައި އެންޓިބޮޑީ ޓެސްޓު ނުހެދުމަށް އެދިއްޖެ


ކޯވިޑް-19 ގެ އެންޓިބޮޑީ ޓެސްޓަކީ ކޯވިޑް-19ގެ ސަރވައިލެންސް އެންޑް ރެސްޕޯންސްގެ ދަށުން މިވަގުތު ހަދަން ކަނޑައަޅާފައިވާ ޓެސްޓެއްނޫންކަމަށާއި، އާއްމުންގެ މެދުގައި ކޯވިޑް-19 ގެ އެންޓިބޮޑީ ޓެސްޓު އެއްވެސް ފަރާތަކުން ނުހެދުމަށް މިނިސްޓްރީ އޮފް ހެލުތުން އެދިއްޖެއެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ، މި ދުވަސްވަރު ބައެއް އަމިއްލަ ފަރާތްތަކުންނާއި ކުންފުނިތަކުން މި ޓެސްޓް އަމިއްލައަށް ހަދަމުން ގެންދާކަން ފާހަގަވެފައިވާކަމަށާއި، މިގޮތަށް އެންޓިބޮޑީ ޓެސްޓް ހަދައި ޓެސްޓުގެ ނަތީޖާގެ މައްޗަށް ބަލައި ފިޔަވަޅު އަޅަމުންދާކަމުގައިވެސް ފާހަގަކުރެވިފައިވާކަމަށެވެ. އަދި ކޯވިޑް-19 ކޮންޓްރޯލްކޮށް ބެލެހެއްޓުމުގެ ނިޒާމުން ބޭރުން މިފަދަ ޓެސްޓު ހެދެމުން ދިއުމަކީ މި ޓެސްޓް ހަދާ ފަރާތްތަކަށް އޮޅުންތައް އަރާނެކަމެއްކަމަށާއި، މި ބަލިން ރައްކާތެރިވުމަށާއި، ބަލިޖެހޭ ފަރާތްތަކާއި އެމީހުންގެ ކޮންޓެކްޓުން އެކަހެރިކޮށް ބަލި ކޮންޓްރޯލްކުރުމަށް މިހާރު ކުރަމުންދާ މަސައްކަތަށް ބުރޫ އަރާ ދަތިތަކާ ކުރިމަތިވެދާނެކަމަށެވެ.

އެހެންކަމުން އާއްމުންގެ މެދުގައި ކޯވިޑް-19 ގެ އެންޓިބޮޑީ ޓެސްޓު އެއްވެސް ފަރާތަކުން ނުހެދުމަށް ހެލްތް މިނިސްޓްރީން ވަނީ އެދިފައެވެ. ކޯވިޑް-19 ދެނެގަތުމަށް ޓެސްޓް ހެދުމަށް މިހާރު ހަމަޖެހިފައިވަނީ ކޯވިޑް-19 ކޮންޓްރޯލްކުރުމަށާއި، ބަލި ދެނަގަނެ ފަރުވާގެ ކަންތައް ކުރިއަށްގެންދުމުގެ ބޭނުމުގައި ކަނޑައެޅިފައިވާ ނެޝެނަލް ސަރވައިލަންސް އެންޑް ރެސްޕޯންސް ނިޒާމުގައި ކަނޑައަޅާގޮތުގެ މަތިންކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

އެގޮތުން ކޯވިޑް-19 ދެނެގަތުމަށް ކުރާ ޓެސްޓެއް ކަމުގައި ކަނޑައަޅާފައިވަނީ ޕީ.ސީ.އާރް ޓެސްޓްކަމަށާއި، ޕީ.ސީ.އާރު ޓެސްޓު ހެދޭނީ ނެޝެނަލް ލެބޯޓްރީ ނިޒާމުގެ ތެރެއިން ކަނޑައަޅާ ފެންވަރާއި މިންގަނޑުތަކާ އެއްގޮތަށް އެކަމަށް ތަމްރީނު ލިބިފައިވާ ފަރާތްތަކުންކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ރާއްޖޭގައި ކޯވިޑް-19 އަށް ޕީ.ސީ.އާރ ޓެސްޓް މިހާރު ހަދަމުންދަނީ ހެލްތް މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލުތަކުގެ ލެބޯޓްރީތަކުގައާއި، މި ޓެސްޓް ހެދުމަށް މިނިސްޓްރީ އޮފް ހެލްތުގައި ރަޖިސްޓްރީކޮށްފައިވާ ލެބޯޓްރީތަކުގައެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ، އެންޓިބޮޑީ ޓެސްޓް ހަދަންޖެހިއްޖެ ހާލަތެއްގައި ހުއްދަދެވޭނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހަމަޖައްސާ އުޞޫލެއްގެ މަތިންކަމަށެވެ. އަދި ރިސާރޗް ބޭނުމަށް މިފަދަ ޓެސްޓު ހަދާނަމަ، އެ މިނިސްޓްރީގެ ނެޝެނަލް ހެލްތު ރިސާރޗް ކައުންސިލަށް ހުށަހަޅައިގެން ކުރިއަށްދިއުމަށް ހެލްތް މިނިސްޓްރީން ވަނީ އެދިފައެވެ. މީގެ އިތުރުން ކޯވިޑް-19ގެ ޕީ.ސީ.އާރ ހަދާ ލެބްތަކުންވެސް ރާއްޖޭން ބޭރަށް ދިއުމުގައި ހަދަންޖެހޭ ޓެސްޓުތައް ފިޔަވާ، ނެޝެނަލް ސަރވައިލެންސް އެންޑް ރެސްޕޯންސް ނިޒާމުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ޓެސްޓުތައް ހަދަމުން ގެންދިއުމަށްވެސް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.