ރިޕޯޓް

ކަސްޓަމްސްގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާނާއި، ކުލަ ދެނީ


ކަސްޓަމްސްގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާނާއި، ޝަރަފްގެ ކުލަ ދިނުން އިފްތިތާޙުކޮށްފިއެވެ. މިކަން އިފްތިތާޙުކޮށްދެއްވީ ކަސްޓަމްސްއަށް 125 އަހަރުން ފުރުން ފާހަގަކުރުމުގެގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ކަސްޓަމްސްގެ އެންމެ މަތީވެރިޔާ މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަސީރެވެ. އަލަށް ތަޢާރަފުކުރެވިގެންދިޔަ ނިޝާންތަކަކީ، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް، މީރުބަހުރު މެޑަލް، މަތިވެރި ޚިދުމަތުގެ މެޑަލް، ދިގުމުއްދަތުގެ ޚިދުމަތުގެ މެޑަލް، ކަސްޓަމްސްގެ ޚިދުމަތުގެ މެޑަލް އަދި އަހުލާޤީ މެޑަލެވެ. އަދި އަލަށް ތަޢާރަފުކުރެވުނު ކުލަތަކަކީ، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގުމުއްދަތުގެ ޚިދުމަތުގެ ކުލަ، އިޙުލާސްތެރިކަމުގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ، ޚިދުމަތުގެ ކުލަ، އަޙުލާޤީ ކުލަ، ކާމިޔާބުގެ ރަން ކުލަ، އަދި ޤާބިލުކަމުގެ ކުލައެވެ. ކަސްޓަމްސްއިން މުޅިން އަލަށް ތަޢާރަފުކުރި ޝަރަފުގެ ނިޝާނާއި، ޝަރަފުގެ ކުލައާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، ޢައްބާސް އާދިލް ރިޒާ ވިދާޅުވީ، އެ މުއައްސަސާގެ ފަރާތުން މިފަދަ ކަމެއް ކުރުމުގެ އެންމެ ބޮޑު މަޤުޞަދަކީ މުވައްޒަފުންގެ މެދުގައި މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް، ކަސްޓަމްސްގެ މުއައްސަސާއަށާއި، ޤައުމަށް ރީތިނަމާއި ކުރިއެރުން ހޯދުމަށް މަސައްކަތްކުރުމަށް މުވައްޒަފުންގެ މެދުގައި ބާރުއެޅުންކަމުގައެވެ. ކަސްޓަމްސްގެ 125 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކަސްޓަމްސްއަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެގޮތުން ވަނީ "ކަސްޓަމްސް 125 ޚާއްޞަ އެވޯޑް"ގެ ނަމުގައި އެވޯޑެއްވެސް ދީފައެވެ.އެގޮތުން ސަޕޯޓް ސަރވިސްގެ ދާއިރާއިން މިއެވޯޑް 3 ފަރާތަކަށް ދީފައިވެއެވެ. އަދި 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ 3 ފަރާތަކަށާއި، ހަމަ މިމުއްދަތުގެ ތެރޭގައި އެންމެ ގިނައިން ރާއްޖޭން ބޭރަށް މުދާ އެކްސްޕޯޓްކޮށްފައިވާ 3 ފަރާތަކަށްވެސް އެވޯޑް ވަނީ ދީފައެވެ. އެފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމެވެ.