ޚަބަރު

ދިއްފުށި ބޭރުން ފެނުނު މަސްބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް


މާލެއަތޮޅު ދިއްފުށި ކައިރީގައި އުޅެނިކޮށް ފެނުނު ބޭރުގެ މަސްބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ދިއްފުއްޓާއި ދިމާލު ބޭރުން މަސްބޯޓެއް ފެނުނުކަމުގެ ރިޕޯޓްކޮށްފައި ވަނީ އެސަރަހައްދުން މަސްވެރިކަންކުރަމުންދިޔަ ދެ ދޯންޏަކުންކަމަށެވެ. މިހާރު މި މަސްބޯޓް ކޯސްޓްގާޑްގެ ބެލުމުގެ ދަށުން ހުޅުމާލޭ ފަޅަށް ވަނީ ވައްދާފައެވެ. އަދި މި ބޯޓް މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށްވެސް އެމްއެންޑީއެފް ވިދާޅުވުއެވެ.

އެނގިފައިވާ ގޮތުގައި މީ ލަންކާގެ މަސްބޯޓެކެވެ. އަދި މި ބޯޓް އަތުލައިގަތް 6 މީހުން ތިބިކަމަށް މައުލޫމާތުލިބިފައިވެއެވެ.

މި ބޯޓް ހަރަކާތްތެރިވާކަމުގެ ރިޕޯޓް ކޯސްޓްގާޑް އެމްއާރުސީސީއަށް ކޮށްފައިވަނީ އަސަރީ ދޯންޏާއި ކިންގފިޝަރ ނަމަކަށް ކިޔާ ދެ ދޯނިންނެވެ.

ބޭރުގެ މަސްބޯޓުތައް ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން މަސްވެރިކަންކުރާ މައްސަލައަކީ ދޭތެރެދޭތެރެއިން ފާހަގަ ކުރެވޭކަމެކެއެވެ. އަދި މިފަދަ ބޯޓުތައް އަތުލައިގަތުމުގައި ދިވެހި މަސްވެރިންނާއި މަސްވެރި އުޅަނދުތަކުން ވަރަށް ބޮޑު އެއްބާރުލުންތަކެއް ދެމުންއަންނަކަން ކޯސްޓްގާޑުން ފާހަގަކުރައްވަފައެވެ.