ޚަބަރު

ކޯވިޑް-19 : ވިލިމާލެއިން ފެނުނީ ހޯދަމުން ދިޔަ ޕޮޒިޓިވްވި މީހެއް، އެމައްސަލަ މިދަނީ ބަލަމުން - ޑރ.ނަޒްލާ


ކޯވިޑް-19އަށް ޕޮޒިޓިވްވި މީހެއް ވިލިމާލޭގައި ކޯޑަންކޮށްފައި އެތައް އިރެއްވަންދެން ބޭންދި މައްސަލަ ބަލަން ފަށާފައިވާކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ކޯވީޑް-19އަށް ޕޮޒިޓިވްވި ބިދޭސީއެއް ވިލިމާލޭގައި ކޯޑަންކޮށްފައިވާ ތަނެއގައި ގިނަ އިރުތަކެއް ވަންދެން ގޮނޑިއެއްގައި ބައިންދާފައިން އިން މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ، ވިލިމާލެއިން ފެނުނު ބިދޭސީ މީހާއަކީ ކޯވިޑް-19އަށް ޕޮޒިޓިވްވެ ހޯދަމުން އައިސްފައިވާ މީހެއްކަމަށެވެ. އަދި އޭނާގެ މަޢުލޫމާތު އެޗްޕީއޭއަށް ލިބުމުން އޭނާ ހުރިތަނަށް ކަމާބެހޭ ޞިއްޙީ ފަރާތްތަކުގެ ޓީމެއް ދިއުމުގައި ލަސްތަކެއް ވެފައިވާކަމަށް ޤަބޫލުކުރައްވާކަމަށެވެ. ޑރ.ނަޒްލާ ވިދަޅުވީ ޕޮޒިޓިވްވި މީހެއް ކޯޑަންކޮށް ބެހެއްޓި މައްސަލަ ބަލަމުން އަންނަކަމަށާއި، ކުރިއަށް އޮތްތަނުގައި އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ.

"އަޅުގަނޑުމެންވެސް ހަމަ ޤަބޫލުކުރަން އެއީ އެއްވެސް ގޮތެއްގައި އެއްވެސް މީހަކު ދިވެއްސެއްވިޔަސް ބޭރު މީހެއްވިޔަސް ބަލި މީހެއްވިޔަސް ބަލި ނޫން މީހެއްވިޔަސް އެގޮތަށް ޢާންމުކޮށް އެހެން ކޯޑަންކޮށްފަ ބެހެއްޓުމަކީ ވެގެންވާނެ ކަމެއްނޫން. އަޅުގަނޑުމެން މިހާރު މިކަން ވީގޮތް ބަލާފަ ކުރިއަށް އޮތްތަނުގައި މިހެން ނުވާނެގޮތަށް ޑިލޭއެއް މީހަކު ގެންދިއުމުގަ އަޔަސް މީހަކު ވަގުތީގތުންވެސް އައިސޮލޭޓްކޮށްފައި ބެހެއްޓޭނެ ތަންތަންވެސް ހުރިހާތާކު ބެއްހެއްޓުމަށާއި، މިކަމާގުޅޭ ހުރިހާ އިދާރާތަކުންވެސް އަޅުގަނޑުމެންނައެކު އެއްގޮތަކަށް މަސައްކަތްކުރެވޭގޮތަށް އަޅުގަނޑުމެން މިހާރު އަންޑަސްޓޭންޑިންއަކަށް އައިސް މިގޮތަށް ކަންތައްތަށް ވަނީ ނިންމިފައި." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވި ބިދޭސީއެއް ވިލިމާލޭގައި ކޯޑަންކޮށްފައިވާ ތަނެއގައި ގިނަ އިރުތަކެއް ވަންދެން ބެހެއްޓިކަމަށް ބުނާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވިއެވެ. އަދި އެޗްޕީއޭއާށް ގިނަބައެއްގެ ފާޑުކިއުންތަކެއްވެސް މިކަމާގުޅިގެން އަމާޒުވިއެވެ.