ކޯވިޑް-19

ކޯވިޑް-19 : މިހާލަތުގައިވެސް އަމިއްލަ ނަފްސާމެދު އަޅާލުން ކުޑަކޮށްގެން ނުވާނެ


ކޯވިޑް-19ގެ ސަބަބުން އިންސާނުންގެ އާއްމު ދިރިއުޅުމަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

ޢާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކަށް ބުރުއަރާ، ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅުޖެއްސުމުގައިވެސް ގިނަ ބަޔަކަށް ބޮޑެތި ހުރަސްތަކެއްވަނީ ކުރިމަތިވެފައެވެ. މިއާއެކު ނަފްސާނީ މައްސަލަތަކުގެ ޝިކާރައަށް ގިނަ ބަޔަކުވުމުގެ ފުރުޞަތު އެބައޮތްކަމަށް ދުނިޔޭގެ ޞިއްޚަތު ޖަމްޢިއްޔާ ޑަބްލިޔު.އެޗް.އޯ.އިންވެސް ފާހަގަކުރެއެވެ. އެހެންކަމުން ކޯވިޑް-19ގެ މި ޙާލަތުގައިވެސް ސެލްފް-ކެއަރ ނުވަތަ އަމިއްލަ ނަފްސަށް އަޅާލުމަށް ކަމާބެހޭ ގިނަ ތަޖުރިބާކާރުން އަންނަނީ ނަސޭޙަތްތެރިވަމުންނެވެ.

ދިވެހިރާއްޖެއަށް ބަލާލާއިރުވެސް މެންޓަލް ހެލްތު ނުވަތަ ނަފްސާނީ ބަލިތަކަކީ މިހާރު ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރުވެފައިވާ މައްސަލައެކެވެ. ކަންކަމާ ފަސޭހައިން ހާސްވެ، ބިރުގަނެ، ރުޅިގަދަވެ، ހިތްނުތަނަވަސްވުން ނުވަތަ މާޔޫސްވުމަކީ ނަފްސާނީ ބަލީގެ މީހުން އަބަދުހެން ތަޙައްމަލު ކުރާ އުދަނގޫތަކެކެވެ. މި އުނދަގޫތަކުން އަރައިގަތުމަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީވެސް އަމިއްލަ ނަފްސަށް އަޅާލުމެވެ.

ރާއްޖޭގެ ޖަމިއްޔާއެއްކަމަށްވާ "ދަ ވައިބް އެން.ޖީ.އޯ"ގެ ނަފްސާނީ ދުޅަހެޔޮކަމާގުޅޭ ކޮމްޕޯނެންޓް "ނުދައްކާ ވާހަކަ"އިން "ލެޓްސް ޓޯކް"ގެ ނަމުގައި ކުރިއަށްގެންދާ ޓޯކް ޝޯވގައި ވަނީ ކޯވިޑް-19ގެ މި ހާލަތުގައި އަމިއްލަ ނަފްސަށް އަޅާލުމުގެ މުހިއްމުކަމާގުޅޭގޮތުން ބޭނުންތެރި މަަޢުލޫމާތުތަކެއް ހިއްސާކޮށްފައެވެ. ޕެނަލް ޑިސްކަޝެނެއްގެ ގޮތުގައި ކުރިއަށްގެންދިޔަ މި ޝޯވގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެފައިވަނީ ޑްރައިމްޕްސްކޭޕްގެ ލައިފް ކޯޗެއްކަމަށްވާ އީމާން ނަޝީދާއި، ރ. އަލިފުށީ ހީރާ ސްޕޯޓްސް ކްލަބްގެ ޕްރޮޖެކްޓް މެނޭޖަރ އަޙްމަދު ޝާފީ އަދި މުހިއްދީން ސްކޫލުގެ ސްޕެޝަލް ޓީޗަރ ޖުވެއިރިޔާ މުޙައްމަދެވެ. ޝޯވ ހޯސްޓްކޮށްފައިވަނީ ޕީ.އެސް.އެމްގެ ދިވެހި އެފް.އެމްގެ ޕްރެޒެންޓަރ އިނާޔަތު ޢަލީއެވެ.

މި ޝޯވގައި ވާހަކަދައްކަވަމުން އީމާން ނަޝީދު ވަނީ އަމިއްލަ ނަފްސަށް އަޅާލުމުގައި ސަމާލުކަންދޭންވީ 5 ދާއިރާއަކާއި ގުޅޭގޮތުން މަޢުލޫމާތުދެއްވާފައެވެ. މި 5 ދާއިރާއާއި ގުޅޭގޮތުން އީމާން ދެއްކެވި ވާހަކަތަކުގެ މުހިއްމު ނުކުތާތައް ކުރުގޮތަކަށް ހިއްސާކޮށްލާނަމެވެ. 

1 - ސެންސަރީ ސެލްފް ކެއަރ : މިއީ ތިމާގެ ހިއްސުތައް ބޭނުންކޮށްގެން އަމިއްލަ ނަފްސަށް އަޅާލުމެވެ. އެގޮތުން ފެނުމާއި، އަޑުއިވުމާއި، ރަހަ ބެލުމާއި، ވަސްބެލުން އަދި އަތްލުމުގެ ހިއްސުގެ ބޭނުން ހިފައިގެން އަމިއްލަ ނަފްސަށް ހިތްހަމަޖެހުން ގެނުވާފަދަ ކަމެއް ކުރެވިދާނެއެވެ. މިސާލަކަށް ދިރިއުޅޭތަނުގައި މީރުވަސް ދުއްވުން، ކުރެހުމާއި ކުލަޖެއްސުން، ފޮތްކިޔުންފަދަ ކަމެއް ކޮށްލެވިދާނެއެވެ. އަދި ކޯވިޑް-19 އާއި ގުޅުންހުރި ޚަބަރުތައް އަބަދުހެން ކިޔުމާއި އަޑުއެހުންފަދަ ކަންކަމާ ދުރުވުމަކީވެސް ކުރެވިދާނެކަމެކެވެ. 

2 - ސްޕިރިޗުއަލް / މެންޓަލް ސެލްފް ކެއަރ : އަމިއްލަ ނަފްސު ދެނެގަންނަން މަސައްކަތްކޮށް، ދީނީ ކަންކަމަށް ވަގުތު ހުސްކުރުމަކީވެސް އަމިއްލަ ނަފްސަށް އަޅާލުމުގެ ގޮތުން ކުރެވިދާނެކަމެކެވެ. މިސާލަކަށް ނަމާދުކުރުމާއި، ޤުރުއާން ކިޔެވުމާއި ޒިކުރުތައް ކިޔުމަކީ ތިމާގެ ހިތަށާއި ސިކުނޑިއަށް ފިނިކަން ގެނެސްދޭނެކަމެކެވެ. އަދި އަމިއްލަ ނަފްސަށް ވަގުތު ހުސްކުރުމާއި، ދުނިޔަވީ ކަންކަމާމެދު ވިސްނާލުމަށް ވަގުތު ހުސްކުރުމަކީ އަމިއްލަ ނަފްސު ދެނެގަނެ، އަމިއްލަ ނަފްސާމެދު އިތުބާރާއި ލޯބި އުފެދޭނެ ކަންކަމެވެ. މިއީ ތިމާގެ އީމާންތެރިކަމާއި ކެތްތެރިކަން ވަރުގަދަކުރުމަަށްވެސް މުހިއްމުކަމެކެވެ.

3 - އިމޯޝަނަލް ސެލްފް ކެއަރ : ތިމާއަށް އިޙްސާސްކުރެވޭ ކަންކަން އަމިއްލައަށް ހިފެހެއްޓުމުގެ ބަދަލުގައި އިތުބާރު ހިފޭ މީހަކާ ހިއްސާކުރުމަކީވެސް ސިކުނޑިއަށް ލުއިކަން ގެނުވައިދޭނެކަމެކެވެ. ހިތްދަތިކަމަކާއި ކުރިމަތިވުމުން، ތިމާގެ ވަރުގަދަކަން ދެއްކުމަަށް ނުރޯން ވަރަށް ގިނަ މީހުން މަސައްކަތްކުރެއެވެ. ނަމަވެސް އެއީ ހެދޭ ގޯހެކެވެ. ރޮއެގެންވެސް އިޙްސާސްތައް ބޭރުކުރަންވާނެއެވެ. މީހުންނާއި ކަންކަން ހިއްސާކުރަން ޖެހިލުންވާނަމަ، އަމިއްލަ ޖާނަލްއެއް ނުވަތަ ޑައިރީއެއްވެސް ގެންގުޅެވިދާނެއެވެ. އަދި ލާފްތެރަޕީއެއް ނަގާލުން ނުވަތަ މަޖާކަމެއްކޮށްލުމަކީވެސް ހިތާމަވެރި ވިސްނުންތަކާ ތިމާގެ ސިކުނޑި ދުރުކޮށްދޭނެ ކަމެކެވެ. 

4 - ފިޒިކަލް ސެލްފް ކެއަރ - އަމިއްލަ ނަފްސަށް އަޅާލުމުގައި އެންމެ ގިނަ މީހުންނަށް ފަރުވާ ކުޑަކުރެވޭ ދާއިރާއަކީ މިއީއެވެ. ދިރިއުޅުމުގެ ކަންކަން ހުންނަގޮތުން ގަޑިން ގަޑިއަށް ކެއުމާއި ހަށިގަނޑަށް ފައިދާ ހުރި ކާނާކެއުމަށް އަދި ކަސްރަތުކުރުމަށް ވަގުތު ހުސްކުރަމަކީ ގިނަ ބަޔަކަށް ކުރަން އުނދަގޫކަމެކެވެ. ނަމަވެސް ގަޑިން ގަޑިއަށް ރަގަނޅު ކާނާކެއުމާއި، ސާފުތާޙިރުވުމާއި، ނިދިހަމަކުރުމަކީ އަމިއްލަ ނަފްސު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ޖިސްމާނީގޮތުން ކުރުން ވަރަށްވެސް މުހިއްމު ކަމެކެވެ. 

5 - ސޯޝަލް ސެލްފް ކެއަރ : ޝައްކެއްވެސް ނެތްގޮތުގައި އަޅުގަނޑުމެން ކޮންމެ މީހަކީވެެސް ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން އަނެކާގެ އެހީތެރިކަމާއި އެއްބާރުލުން އަދި ލޯތްބާއި އަޅާލުން ބޭނުންވާނެ ބަޔެކެވެ. އެހެންކަމުން މީހުންނާއެކު އޮންނަ އިޖްތިމާޢީ ގުޅުން ބަދަހިކުރުމަކީ މުހިއްމު ކަމެކެވެ. ގާތްތިމާގެ މީހުންނާއި އާއިލާ މެންބަރުންގާތަށް ވީވަރަކުން ޒިޔާރަތްކުރަންވާނެއެވެ. ރައްޓެހިންނާއެކު ވަގުތު ހޭދަކުރުމަކީވެސް އެކަނިވެރިކަމުން ތިމާ ދުރުކޮށްދޭނެކަމެކެވެ. ބަދަލުކުރަން ދަތިވާނަމަ، މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެންވެސް އެކަކު އަނެކަކުގެ ހާލުއަހުވާލު ބަލާށެވެ. މީހުންނާއެކު އޮންނަ ގުޅުން ދަމަހައްޓަން މަސައްކަތްކުރާށެވެ. 

ކޯވިޑް-19ގެ ސަބަބުން ގިނަ ބަޔަކަށް މަޖުބޫރުން ނަމަވެސް ގޭތެރޭގައި ހޭދަކުރާ ވަގުތު އިތުރުކުރަންޖެހިފައިވާއިރު، މިއީ ނަފްސާނީ ބަލީގެ އުނދަގޫ ކުރިމަތިވާ ފަރާތްތަކާއި، އެފަދަ އުނދަގޫތައް ކުރިމަތިނުވާ ފަރާތްތަކަށްވެސް އަމިއްލަ ނަފްސަށް ވަގުތު ހުސްކުރަން ލިބޭ ރަނުގެ ފުރުޞަތެއްކަމަށް "ލެޓްސް ޓޯކް" ޝޯވގައި ވާހަކަދައްކަމުން ހީރާ ސްޕޯޓްސް ކްލަބްގެ ޕްރޮޖެކްޓް މެނޭޖަރ އަޙްމަދު ޝާފީ ވިދާޅުވިއެވެ. އަދި އަމިއްލަ ނަފްސަށްވުރެ ބޮޑަށް އެހެންމީހުންގެ ކަންކަމަށް ވަގުތު ހުސްކުރާ ފަރާތްތަކަށްވެސް، މިއީ އަމިއްލަ ނަފްސު ޕްރިއޮރަޓައީޒް ކުރުމަށް ލިބޭ ފުރުޞަތެއްގެގޮތުގައި ދެކުމަށް އޭނާ ވަނީ ނަސޭހަތްތެރިވެފައެވެ. ޝާފީ ވިދާޅުވިގޮތުގައި އުފަލާއި ހިތާމައަކީވެސް ދިރިއުޅުމުގެ ބައެއްކަން ހަނދާނުގައި ބަހައްޓާ، ދިރިއުޅުމުގެ ކަންކަން ބެލެންސްކޮށް، ކޮންމެކަމެއްގައިވެސް އެންމެ ރަނގަޅުގޮތަށް ވިސްނުން ބެހެއްޓުމަކީ މުހިއްމުކަމެކެވެ.

ޝޯވގައި ޕެނެލިސްޓެއްގެ ގޮތުގައި ބައިވެރިވި މުހިއްދީން ސްކޫލުގެ ސްޕެޝަލް ޓީޗަރ ޖުވެއިރިޔާ މުޙައްމަދު ބޮޑަށް އަލިއަޅުވާލަފައިވަނީ މި ޙާލަތުގައި ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަންނަ ބަދަލުތަކާއި، އެފަދަ ކުދިންނާއި މީހުން ބެލެހެއްޓުމުގައި ސަމާލުކަން ދޭންވީ ކަންކަމުގެ މައްޗަށެވެ. ޖުވެއިރިޔާ ވިދާޅުވިގޮތުގައި، އާއްމު މީހުންނާއި ޚިލާފަށް ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަކީ އެމީހުންގެ ޑެއިލީ ރޫޓީންއަށް ކުޑަ ބަދަލެއް އަޔަސް، އެ ބަދަލު ބަލައިގަންނަން އުނދަގޫވާ ބައެކެވެ. އަދި އަވަސް އަވަހަށް މޫޑު ބަދަލުވުމާއި، ކަންކަމުގައި ރިއެކްޓްކުރަންވީގޮތް ނޭންގުމަކީ އެފަދަ ފަރާތްތަކަށް ކުރިމަތިވާ އެންމެ ބޮޑު އުނދަގޫކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އެފަދަ ފަރާތްތައް އެކަނިވިޔަނުދީ، ގޭތެރޭގައި ހެލިފެލިވެ އުޅެވޭނޭހެން ދުވަސް ރާވާލުން މުހިއްމުކަމަށް ޖުވެއިރިޔާ ވިދާޅުވިއެވެ. އަދި އެއީ ސްކޫލުގައި ކިޔަވާ ދަރިވަރެއްނަމަ ކުއްޖާގެ ޓީޗަރަށް ގުޅާ، އެކުއްޖެއްގެ އުޅުމަށް އަންނަ ބަދަލުތައް ހިއްސާކޮށް، ދެން ކުރިއަށްދާންވީގޮތާއި ގުޅޭގޮތުން ޓީޗަރުގެ ލަފައާއި މަޝްވަރާ ހޯދިދާނެކަމަށް އޭނާ ވިދާޅުވިއެވެ.