ކޯވިޑް-19

ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށާއި ޓީޗަރުންނަށް ޕީޓީއޭއިން މާސްކު ފަހައިދެނީ


ޅ. އަތޮޅު ތައުލީމީ މަރުކަޒުން، އެ ސްކޫލުގެ ހުރިހާ ދަރިވަރުންނަށާއި ޓީޗަރުންނަށް ފޮތި މާސްކް ފަހައިދީ، ބަހަން ނިންމައިފިއެވެ.

މި 600 ފޮތި މާސްކް ފެހުމުގެ މަސައްކަތް ކުރަނީ ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީ.ޓީ.އޭގެ އަމިއްލަ ޚަރަދުގައެވެ. އަދި މަސައްކަތުގައި އަމަލީގޮތުން ހަރަކާތްތެރިވަމުންދަނީވެސް ޕީ.ޓީ.އޭގެ މެންބަރުންނެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެމުން ޅ. އަތޮޅު ތައުލީމީ މަރުމަޒުގެ ޕީ.ޓީ.އޭގެ މެމްބަރަކު ވިދާޅުވީ، އެ ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުންނަށް ފޮތި މާސްކް ފަހަނީ ޕީޓީއޭއިން ހިންގި އެކި ހަރަކާތްތަކުން އެއް ކުރެވުނު ފައިސާއިން ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފޮތި މާލެއިން ގެނެސްގެން މާސްކްތައް ފެހުމުގެ މަސައްކަތް ކުރަމުންދަނީ ސްކޫލުގެ އޭވީ ރޫމުގައި ކަމަށެވެ. ކޯވިޑް-19ގެ ސަބަބުން ސްކޫލްތަކުގައި ކިޔެވުން މެދުކެނޑިފައި އޮތުމަަށްފަހު، އަލުން ސްކޫލްތައް ހުޅުވާލާއިރު ފުރަތަމަ ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގައި ގްރޭޑް 1 އިން 11 އަށެވެ. އެހެންކަމުން އެ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ފޮތި މާސްކް މިހާރު ފަހާ ނިމިފައިވާކަމަށް ޕީ.ޓީ.އޭގެ މެމްބަރު ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށްދަނީ ފައުންޑޭޝަން ލެވެލްގައި ކިޔަވާކުދިންގެ މާސްކުތައް ފެހުމުގެ މަސައްކަތް ކަމަަށްވެސް އޭނާ ވިދާޅުވިއެވެ.

ޅ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވާ ކުދިންނާއި ޓީޗަރުންނަށް ފޮތި މާސްކް ފަހައިދޭން ޕީ.ޓީ.އޭއިން ފުރަތަމަ ގަސްތުކުރީ އެ ސްކޫލުގެ ކުލަކަމަަށްވާ ވިލުނޫކުލައިންނެވެ. ނަމަވެސް އެ ކުލައިގެ ފޮތި ނުލިބުމުން، މާސްކްތައް ފަހަމުންދަނީ އެ ކުލައާއި ގާތްކުރާ ފެހިކުލައެއްގެ ޕްލޭން ފޮތިންނެވެ.

މި މާސްކްތަކަކީ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅަފައިވާ މިންގަނޑާއި އެއްގޮތަށް 3 ލޭޔަރ ހިމެނޭހެން ފަހާ މާސްކްތަކެއްކަމަށް ޕީ.ޓީ.އޭގެ މެމްބަރު ވިދާޅުވިއެވެ. މާސްކްތައް ފަހަމުން ދަނީ ކޮންމެ ކްލާހެއްގެވެސް ކްލާސް ޓީޗަރު މެދުވެރިކޮށް ބެލެނިވެރިންގެ އަތުން ދަރިވަރުންގެ މިންތައް ނަގައިގެން، އެ މިންތަކާ އެއްގޮތަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިއިން ކޮންމެ މާސްކަކާއެކު އެކުއްޖެގެ ނަން ޖަހާފައިވާ ފޮތި ދަބަހެއްވެސް މާސްކް ބޭނުންކުރުމަށްފަހު ލުމަަށް ދޭނެކަމަށާއި، ސްކޫލް ހުޅުވެންވާއިރަށް ހުރިހާ ދަރިވަރުންނާއި ޓީޗަރުންނަށް މާސްކް ހަވާލުކުރާނެކަމަށް އެ ސްކޫލުގެ ޕީ.ޓީ.އޭއިން ބުނެއެވެ. އަދި މި މަސައްކަތުގައި ސްކޫލުގެ މެނޭޖްމަންޓް، ވަކިން ހާއްސަކޮށް ޕްރިންސިޕަލްގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ޕީ.ޓީ.އޭއިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އައު އާއްމު ޙާލަތުގައި ދަރިވަރުންނަށް ކިޔަވައިދިނުމަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްވެސް ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ މެނޭޖްމަންޓުން ދަނީ ކުރަމުންނެވެ. އެގޮތުން ކްލާސްރޫމްތަކުގެ ތެރޭގައި ޑެސްކްގެ ދުރުމިން ބެހެއްޓުމަށާއި، ސްކޫލުގެ ގޯތިރޭގައި އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމަށް ހިތްވަރުދޭ ސައިންތައް ކުރެހުމާއި، އަތް ދޮވެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ޅ. އަތޮޅު ތައުލީމީ މަރުކަޒުގައި ފައުންޑޭޝަން ލެވެލްއިން ފެށިގެން ގްރޭޑް 11 އާއި ހަމައަށް ކިޔަވައިދެމުންދާއިރު، ސްކޫލުގެ އާބާދީއަކީ 519 ދަރިވަރުންނެވެ.