ކޯވިޑް-19

ކޯވިޑް-19 : ފުރަބަންދުގެ އުސޫލާ ޚިލާފުވެގެން ޖޫރިމަނާކުރި މީހުންގެ ޢަދަދު 8000 އަށްވުރެ މައްޗަށް


ކޯވިޑް-19ގެ ސަބަބުން މާލެ ސަރަޙައްދުގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ އުސޫލާއި ޚިލާފުވެ މަގުމައްޗަށް ނިކުމެއުޅުނު 8000 އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ހުއްދަ ނެތި ބޭރަށް ނިކުމެ އުޅެނިކޮށް އިއްޔެއެކަނިވެސް 249 މީހަކު ޖޫރިމަނާކޮށްފައިވާކަމަށެވެ. އޭގެ ތެރޭގައި މާލެއިން ޖޫރިމަނާކުރި 245 މީހަކާއި، ހުޅުމާލެއިން ޖޫރިމަނާކުރި 2 މީހަކާއި ވިލިމާލެއިން ޖޫރިމަނާކުރި 2 މީހުން ހިމެނޭކަމަށް ފުލުހުން ވިދާޅުވެއެވެ.

އެންމެފަހުން ފުލުހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ފުރަބަންދުގެ އުސޫލާ ޚިލާފުވެގެން މިހާތަނަށް ޖުމްލަ 8186 މީހަކު ޖޫރިމަނާކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ޖޫރިމަނާކޮށްފައިވަނީ މާލެއިންނެވެ. އެގޮތުން މާލެއިން އެކަނިވެސް 7300 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. ހުޅުމާލެއިން 765 މީހުން ޖޫރިމަނާކޮށްފައިވާއިރު، ވިލިމާލެއިން ޖޫރިމަނާކޮށްފައިވަނީ 121 މީހުންނެވެ. ފުރަބަންދުގެ އުސޫލާ ޚިލާފުވާ މީހުން ފުލުހުން ޖޫރިމަނާކުރަނީ 1000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުންނެވެ.

ޖޫރިމަނާކުރުމުގެ އިތުރުން ފުލުހުންދަނީ ފުރަބަންދުގެ އުސޫލާ ޚިލާފުވާ މީހުން ހައްޔަރުކޮށްގެންވެސް ފިޔަވަޅުއަޅަމުންނެވެ. އެގޮތުން އިއްޔެއެކަނިވެސް 16 މީހަކު ހައްޔަރުކޮށްފައިވެއެވެ. މީގެ ތެރޭގައި މާލެއިން 13 މީހަކާއި، ހުޅުމާލެއިން ހައްޔަރުކުރި 3 މީހަކު ހިމެނެއެވެ. ހައްޔަރުކުރި މީހުންގެ ޖުމްލަ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް 464 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި މާލެއިން ހައްޔަރުކުރި 418 މީހަކާއި، ހުޅުމާލެއިން ހައްޔަރުކުރި 43 މީހެއްގެ އިތުރުން ވިލިމާލެއިން ހައްޔަރުކުރި 3 މީހަކު ހިމެނެއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭ ސަރަޙައްދުގައި ވަކި ޚާއްސަ ހުއްދައެއްގެ ދަށުން މެނުވީ އާއްމުންނަށް މަގުމައްޗަށް ނުނިކުމެވޭނެހެން އިޢުލާންކޮށްފައިވާ ފުރަބަންދާއި ގުޅިގެން ފުލުހުންވަނީ މާލޭ މަގުތައް ބެލެހެއްޓުން ހަރުދަނާކޮށް، ޤަވާއިދާ ޚިލާފުވާ މީހުންނާމެދު ފިޔަވަޅު އެޅުން ވަރުގަދަކޮށްފައެވެ. އަދި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފުވާ މީހުންނާމެދު މިދިޔަ އޭޕްރީލް މަހުގެ 19 އިން ފެށިގެން ފުލުހުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.