ދިވެހިރާއްޖެއާއި އިނގިރޭސިވިލާތުން ގުޅިގެން ކުރައްވަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ކުރިއަށްގެންދާ ސްޓްރެޓެޖިކް ޑައިލޮގް ނުވަތަ އިސްތިރާޖީ ބައްދަލުވުންތަކުގެ 3ވަނަ ބައްދަލުވުން ބާއްވައިފިއެވެ.
މި ބައްދަލުވުން އެންމެ ފުރަތަމަ ބާއްވާފައިވަނީ 2023ވަނަ އަހަރުއެވެ. އަދި ދެވަނަ ބައްދަލުވުން ބާއްވާފައިވަނީ 2025ވަނަ އަހަރުއެވެ. މިއަހަރު ބޭއްވި ބައްދަލުވުމުގައި ކުރީގެ ދެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމަށް އަލިއަޅުއްވާލައްވައި ދެ ޤައުމުގެ ގުޅިގެން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ހުންނެވީ ޚާރިޖީ ވުޒާރާގެ ސެކްރެޓަރީ ޑރ. ހާލާ ހަމީދެވެ. އަދި އިނގިރޭސިވިލާތުން އިސްކޮށް ހުންނެވީ އެ ޤައުމުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުން ދެކުނު އޭޝިއާ އަދި އަފްގާނިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރު ލޯރޭ ބިއޯފިލްސްއެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ދޭދޭ ގުޅުމުގެ އިތުރުން ސަރަހައްދީ ގޮތުންނާއި ބައިނަލްއަގުވާމީ ގޮތުން ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރާއްޖެ އާއި އިނގިރޭސިވިލާތުން ވަނީ އިންޑިއާ ކަނޑުގެ ރައްކާތެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށް ދެ ޤައުމުން އަބަދުވެސް މަސައްކަތް ކުރާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މެރިޓައިމް ސެކިއުރިޓީ އާއި ދިފާޢީ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމާއި ކައުންޓަރ ޓެރަރިސޒަމް ދާއިރާއިން ދެ ޤައުމުގެ ގުޅުން ހަރުދަނާ ކުރުމަށް އެ ދާއިރާތަކުން ކެޕޭސިޓީ އިތުރުކުރުމަށް ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާއި ތަމްރީންތައް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އިނގިރޭސިވިލާތުން ވަނީ ދީފައެވެ.
ވެރިކަން ހިންގުމުގެ ނިޒާމާއި ޖިނާޢީ އަދުލުގެ ނިޒާމް އިސްލާހުކުރުމާއި ޝަރުޢީ ދާއިރާގެ މިނިވަންކަމާއި އިންސާނީ ޙައްގުތަކުގެ އިތުރުން ޑިމޮކްރަޓިކް އިންސްޓިޓިއުޝަންތައް ބާރުވެރިކުރުވުމާ ގުޅޭގޮތުންވެސް ދެ ޤައުމުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން، ރާއްޖޭން ޤާނޫނީ ވެރިކަން ހަރުދަނާ ކުރުމަށާއި އިންސާނީ ޙައްގުތައް ކަށަވަރުކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގައި އެއްބާރުލުން ދެއްވާނެކަމަށް އިނގިރޭވިސިލާތުން ވަނީ ވިދާޅުވެފައެވެ.
ކުރީގެ ދެ ޑައިލޮގަށްފަހު އިންތިސާދީގޮތުންނާއި ވިޔަފާރީގެ ދާއިރާއިން ލިބިފައިވާ ކުރިއެރުންތަކަށްވެސް މި ބައްދަލުވުމުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އެެގޮތުން، 2028ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ މަހުގެ އުފެއްދުންތަކުން ޑިއުޓީ ނުނެގުމަށް އިނގިރޭވިލާތުން ނިންމި ނިންމުމަށް ރާއްޖޭން ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތްތަނުގައި މަސްވެރިކަމާއި ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތައާއި މާލީ ޚިދުމަތްތަކުގެ ދާއިރާތަކުން ގުޅިގެން އިތުރު މަސައްކަތްތައް ކުރުމަށް ދެ ޤައުމުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ޗެވެނިން އާއި ކޮމަންވެލްތުގެ ސްކޮލަރޝިޕްތަކުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާކަން ފާހަގަކުރައްވައި އިންސާނީ ވަސީލަތްތަކާއި ތަޢުލީމީ ދާއިރާގައި ހުރި އިތުރު ފުރުސަތުތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ފަތުރުވެރިކަމާއި ދެ ޤައުމުގެ ރައްޔިތުންގެ ގުޅުން އިތުރަށް ބަދަހިކުރުމަކީ ދޭދޭ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއްކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި ހިމާޔަތްކުރުމާއި ކަނޑު ހިމާޔަތްކުރުމާ ގުޅޭގޮތުން އެއްބާރުލުން ދިނުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން، އޯޝަން ކަންޓްރީ ޕާޓްނަޝިޕް ޕްރޮގްރާމްގެ ދަށުން އެއްބާރުލުން ދިނުމާއި ކަނޑުގެ ވަސީލަތްތައް ހަރުދަނާ ކުރުމާއެކު މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން ވަނީ އެއްބަސްވެފައެވެ. އަދި ސިޑްސް އާއި ސްމޯލް އައިލެންޑް ސްޓޭޓްސްގައި ރާއްޖޭގެ ދައުރުގެ މުހިންމުކަން ފާހަގަކޮށް ކޮޕް 31ގައި ގުޅިގެން މަޝްވަރާ ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން އދ. އާއި ކޮމަންވެލްތުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި ބައިނަލްއަގުވާމީ ގޮތުން ދެ ޤައުމަށް ދިމާވާ ގޮންޖެހުންތަކުގައި އެއްބާރުލުން ދިނުމަށް ވަނީ މި ބައްދަލުވުމުގައި އެއްބަސްވެފައެވެ.