ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ޒަމާންވީ އެކުވެރި އަދި އަޚުވަންތަ ގުޅުމަކީ ތާރީޚީ ގޮތުންނާއި ސަޤާފީ ގޮތުން ފާހަގަކޮށްލެވޭ ވަރުގަދަ ގުޅުމެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ މި ގުޅުން އިޤްތިޞާދީ އައު ހަރުފަތަކަށް ގެންގޮސްދިން މުހިންމު ދަތުރުފުޅެކެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެ ޤައުމުގެ ދެމެދުގައި ޕްރެފެރެންޝަލް ޓްރޭޑް އެގްރީމަންޓް، ޕީޓީއޭ ނުވަތަ ޚާއްޞަ އިނާޔަތްތަކާ އެކު ވިޔަފާރިކުރުމުގެ އެއްބަސްވުމެއް ޤާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް އެއްބަސްވެވުނުކަން އިޢުލާނުކުރައްވާފައެވެ. މިއީ ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބޮޑެތި ފައިދާތަކެއް ކަށަވަރުވެގެންދާނެ ތާރީޚީ ނިންމުމެކެވެ.
ރާއްޖެއަކީ ކާބޯތަކެއްޗާއި ޒަރޫރީ އެތައް މުދަލެއް މެލޭޝިއާއިން އެތެރެކުރާ ޤައުމެކެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ލަކުޑިއާއި ފިލަޔާއި އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު އެތެރެކުރާ އެއް ޤައުމަކީ މެލޭޝިއާއެވެ. މީގެ އިތުރުން ޕެޓްރޯލިއަމް އާއި ގޭހުގެ ބާވަތްތަކާއި، ޓެލެކޮމިއުނިކޭޝަން ދާއިރާއަށް ބޭނުންވާ އިލެކްޓްރޯނިކްސް އަދި ތަފާތު ބާވަތްތަކުގެ ތައްޔާރީ ކާނާއާއި ކައްކާ ތެޔޮވެސް މެލޭޝިއާއިން ބޮޑު މިންވަރަކަށް އިމްޕޯޓްކުރާ ތަކެއްޗެވެ.
މިދިޔަ އަހަރު އެކަނިވެސް މެލޭޝިއާއިން ރާއްޖެއަށް 193 މިލިޔަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވާއިރު، 2021 އާއި 2022 އާ ދެމެދު ދެ ޤައުމުގެ ވިޔަފާރި ވަނީ 100 އިންސައްތައަށްވުރެ ބޮޑަށް ކުރިއަރާފައެވެ. އެހެންކަމުން، މި އެއްބަސްވުމުގެ ދަށުން ޓެރިފް ނުވަތަ ޑިއުޓީ ކުޑަކުރެވިގެން ދިއުމަކީ، ދިވެހި ރައްޔިތުންނަށް ކާބޯތަކެއްޗާއި ޢިމާރާތްކުރުމުގެ ސާމާނު ހެޔޮ އަގުގައި ލިބި، ދިރިއުޅުމުގެ ޚަރަދުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއްކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
މީގެކުރިން ރާއްޖެއިން ވަނީ ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކޮށް، އަދި ތުރުކީވިލާތާއެކު ވެވުނު ޕްރެފެރެންޝަލް ޓްރޭޑް އެގްރީމަންޓަށް މި އަހަރުގެ އޮގަސްޓް މަހު ޢަމަލުކުރަން ފަށާފައެވެ. ތުރުކީވިލާތާއެކު ވެވުނު އެއްބަސްވުމުގެ ސަބަބުން ކާބޯތަކެތީގެ އަގުތައް ހެޔޮވެ، ދިވެހި މަސްވެރިން ބާނާ މަހުގެ ބާވަތްތަކަށް ޑިއުޓީއަކާ ނުލައި ބޭރުގެ ބޮޑެތި މާކެޓްތަކަށް ވަނުމުގެ ފުރުޞަތު ވަނީ ފަހިވެފައެވެ. ހަމައެފަދައިން، މެލޭޝިއާއެކު ޤާއިމުކުރެވޭ އެއްބަސްވުމަކީވެސް ރާއްޖޭގެ އިމްޕޯޓް އަދި އެކްސްޕޯޓް ދާއިރާއަށް އައު ދިރުމެއް ގެނެސްދޭނެ ކަމެކެވެ.
ތުރުކީގެ އެއްބަސްވުމުން މިސާލު ނަގާއިރު، މެލޭޝިއާއާއެކު ވެވޭ އެއްބަސްވުމުގެ އެންމެ ބޮޑު އެއް ފައިދާއެއް ކުރާނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ކަމާމެދު ޝައްކެއްވެސްނެތެވެ. ދިވެހި މަސްވެރިން ބާނާ ކަނޑުމަހުގެ ބާވަތްތަކާއި މަހުގެ އުފެއްދުންތައް ކުޑަ ޑިއުޓީއެއްގައި ނުވަތަ ޒީރޯ ޑިއުޓީގައި މެލޭޝިއާގެ ބޮޑު މާކެޓަށް އެކްސްޕޯޓް ކުރުމުގެ ދޮރު މި އެއްބަސްވުމުގެ ސަބަބުން ހުޅުވިގެންދާނެއެވެ. މިއީ ރާއްޖޭގެ މަސްވެރިންނަށާއި، މަސް ބަންދުކުރާ ކުންފުނިތަކަށާއި އެކްސްޕޯޓަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ވިޔަފާރީގެ ކުރިއެރުމެކެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ކުރެއްވި މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ މުހިންމު ދާއިރާތަކަށް އިންވެސްޓް ކުރުމަށް މެލޭޝިއާ ސަރުކާރަށާއި އެ ޤައުމުގެ ވިޔަފާރިވެރިންނަށް ދަޢުވަތު އަރުވާފައެވެ. އޭގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ، އިމާރާތްކުރުމުގެ ދާއިރާ އަދި އިސްލާމިކް ފައިނޭންސިން ހިމެނެއެވެ.
މީގެ އިތުރުން ފަތުރުވެރިކަމާއި، ތަޢުލީމީ ދާއިރާއިންނާއި، އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްވެސް މި ދަތުރުފުޅުގެ ތެރެއިން ވަނީ އެއްބަސްވެފައެވެ. އަދި ވިޔަފާރިވެރިންނަށް ހުރި މާލީ ހުރަސްތައް ކުޑަކުރުމުގެ ގޮތުން 100 މިލިޔަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީއެއް ޤާއިމުކުރުމާ ގުޅޭގޮތުންނާއި، 2026 ވަނަ އަހަރުގެ ކުރިން މެލޭޝިއާ-މޯލްޑިވްސް ޖޮއިންޓް ކޮމިޝަންގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށްވެސް ވަނީ ރޭވިފައެވެ.
ރާއްޖެއާއި މެލޭޝިއާއާ ދެމެދު ޕްރެފެރެންޝަލް ޓްރޭޑް އެގްރީމަންޓެއް އެކުލަވާލުމުގެ މަޝްވަރާތައް ފެށުމަކީ ރާއްޖޭގެ ވިޔަފާރި ސިންދަފާތުކޮށް، އިޤުތިޞާދު އިތުރަށް ހަރުދަނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. އަދި މިއީ ދެ ޤައުމުގެ ވިޔަފާރިވެރިންނަށް ފަހި ފުރުޞަތުތަކެއް ހުޅުވި، ދިވެހި ރައްޔިތުންނަށް އޭގެ ސީދާ އިޤްތިޞާދީ މަންފާ ލިބިގެންދާނެ އުންމީދީ ފެށުމެއްގެ ގޮތުގައި ދެގައުމުގެ ސަރުކާރުން ގަބޫލުކުރައްވައެވެ.