ކޯވިޑް-19

މި ޙާލަތުގައި ފުލުހުން ކުރަމުންދާ މަސައްކަތް މައުލޫމާތު އިންޓަރޕޯލަށް


ކޯވިޑް-19ގެ ރާއްޖޭގެ ޙާލަތާގުޅޭ އެންމެފަހުގެ މަޢުލޫމާތު އިންޓަރނޭޝަނަލް ކްރިމިނަލް ޕޮލިސް އޮގަނައިޒޭޝަން، އިންޓަރޕޯލާއި ހިއްސާކޮށްފިއެވެ.

މި މަޢުލޫމާތުތައް އިންޓަރޕޯލާއި ހިއްސާކޮށްފައިވަނީ އިންޓަރޕޯލުގެ ފަރާތުން އޭޝިއާއާއި ސައުތު ޕެސިފިކް ޤައުމުތަކުގެ ފުލުހުންގެ އިސްވެރިންނާއި، ނެޝެނަލް ސެންޓްރަލް ބިއުރޯތަކުގެ އިސްވެރިންނާއެކު ކުރިއަށްގެންދިޔަ ވަރޗުއަލް މީޓިންގގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.

މި ބައްދަލުކުރެއްވުމުގައި ޕޮލިސް ކޮމިޝަނަރ ވަނީ ރާއްޖޭގެ ކޯވިޑް-19ގެ ޙާލަތާއި ގުޅޭ އެންމެފަހުގެ މަޢުލޫމާތާއި، މިކަމުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ދިވެހި ފުލުހުން އަދާކުރަމުންދާ ދައުރާއި، ފުލުހުންގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު އިންޓަރޕޯލްގެ ސެކެޓްރީ ޖެނެރަލް ޔޫގަން ސްޓޮކްއާއި ހިއްސާކުރައްވާފައެވެ. އަދި ރާއްޖޭގައި ރޭވިގެން ހިންގާ އެކި ކަހަލަ ކުށްތަކާއި ގުޅޭގޮތުންވެސް ސީޕީ ޙަމީދު ވަނީ މި ބައްދަލުވުމުގެ ބައިވެރިންނަށް މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

އިންޓަރޕޯލްގެ ސެކެޓްރީ ޖެނެރަލް ޔޫގަން ސްޓޮކް ކުރެއްވި ޓުވީޓެއްގައި މި ބައްދަލުވުމުގެ ޒަރިއްޔާއިން ކޯވިޑް-19ގެ މި ޙާލަތުގައިވެސް މި ސަރަޙައްދުގެ ޤައުމުތަކުގައި ޤާނޫނުތައް ތަންފީޒުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ މުހިއްމު މަޢުލޫމާތުތަކެއް ލިބިގެންދިޔަކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ސަރަހައްދުގެ ޤައުމުތަކުގައި މެދުގައި މުހިއްމު މަޢުލޫމާތުތަކެއް ހިއްސާކުރެވިފައިވާކަންވެސް ފާހަގަކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިތުރުން، ފިލިޕީންސް، ނޭޕާލް، މެލޭޝިއާ، ސިންގަޕޫރު، ޗައިނާ އަދި ދެކުނު ކޮރެއާފަދަ ޤައުމުތަކުގެ ފުލުހުންގެ އިދާރާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.