ކޯވިޑް-19

ކޯވިޑް-19 : ފަރުވާދެމުންދިޔަ ބިދޭސީއަކު މަރުވެއްޖެ


ކޯވިޑް-19ގައި ފަރުވާދެމުންދިޔަ ބިދޭސީއަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވީ، ކޯވިޑް-19 އަށް ފަރުވާދެމުންދަނިކޮށް މަރުވެފައިވަނީ އުމުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު މެންދުރު 02:30 ހާއިރުކަމަށެވެ. މިއާއެކު ރާއްޖޭގައި މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު މިވަނީ 6 އަކަށް އަރާފައެވެ.

ކޯވިޑް-19 ޖެހިގެން ރާއްޖެއިން މަރުވި 6 މީހުންގެ ތެރޭގައި 3 ދިވެހިންނާއި 3 ބިދޭސީން ހިމެނެއެވެ. މީގެ ތެރޭގައި މަޝްހޫރު ވިޔަފާރި ކުންފުނި އެމްއެޗްއޭގެ ވެރިޔާ، ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތްތެރިޔާ (ނ.ކ.ޝ.ޢ) ޙުސައިން ޢަބްދުﷲ (88 އަހަރު) އާއި އޭނާގެ އަނބިކަނބަލުން އައިމިނަތު އާދަމް (83 އަހަރު) ހިމެނެއެވެ. އަދި 80 އަހަރުގެ ދިވެހި ފިރިހެނެއްވެސް މި ބަލީގައި މަރުވެފައިވެއެވެ. ކޯވިޑް-19 ޖެހިގެން ރާއްޖޭގައި މަރުވި 3 ބިދޭސީންނަކީވެސް ބަންގްލަދޭޝްގެ މީހުންނެވެ.

އެން.އީ.އޯ.ސީން އެންމެފަހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 1773 މީހުންނެވެ. މީގެ ތެރޭގައި 1210 ބިދޭސީންނާއި 563 ދިވެހިން ހިމެނެއެވެ. އަދި މި ބައްޔަށް 1312 މީހަކު މިވަގުތުވެސް އަންނަނީ ފަރުވާ ހޯދަމުންނެވެ. މީގެ ތެރެއިން އެނދުމަތިކޮށްގެން 12 މީހަކަށް ފަރުވާދެމުން ދާއިރު، މި އެންމެނަށްވެސް ފަރުވާދެމުން ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. މީގެ ތެރޭގައި 4 ބިދޭސީންނާއި، 8 ދިވެހިން ހިމެނެއެވެ.