އައިއޯއައިޖީ

ހަތް ތަރީގައި ގޭމްސް ބާއްވާކަށް ނުޖެހޭ!


2019
ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ދިވެހިރާއްޖޭގައި ބޭއްވުމުގެ
ފުރުޞަތު އެބައޮތްކަމަށް ބުނުމުން އެކަމާއި ސުވާލު އުފެދިދާނެއެވެ. އެވަރުގެ ބޮޑު
ގޭމްސްއެއް ރާއްޖޭގައި ބޭއްވިދާނެތޯއެވެ. އެހާ ގިނަ ކުޅިވަރު މުބާރާތްތައް
ރާއްޖޭގައި ކުރިއަށް ގެންދެވިދާނެތޯއެވެ. އެހާ ގިނަ ބަޔަކު ރާއްޖޭގައި އެކޮމަޑޭޓް
ކުރެވިދާނެތޯއެވެ. ގޭމްސްއަށް އަންނާނެ މީހުންގެ އަދަދު އަޅުގަނޑުމެންނަށް
ނޭންގުނު ނަމަވެސް ނިމިގެން ދިޔަ ގޭމްސްއަށް ރާއްޖެއިން 270 އެއްހާ މީހުން
ދިޔަކަން ހުރިހާ ދިވެހިންނަށްވެސް އިނގެއެވެ. ގޭމްސްގައި 7 ޤައުމުން ބައިވެރިވެ، 6
ޤައުމުން ވާދަކުރިކަންވެސް އިނގެއެވެ. އެހެންކަމަށްވާނަމަ ކޮންމެ ޤައުމަކުންވެސް
އެއާ ކައިރިކުރާވަރުގެ ކޮންޓިންޖެންޓެއް ދާނެކަމަށް ވިސްނުމުގެ ފުރުޞަތު
އެބައޮތެވެ. ސުވާލު އުފެދެނީ މިހިސާބުންނެވެ.



ކުރު ޖަވާބަކަށް ދާނަމަ ބުނަން އޮތީ ބޭއްވިދާނެއެވެ. ބޭއްވިދާނެކަން
ސާބިތުކޮށްދޭން ދޭން އޮތް އެންމެ ފަސޭހަ ޖަވާބަކީ ހަތް ތަރީގައި ޓީމްތައް
އެކޮމަޑޭޓްކޮށް، ކޮމަންވެލްތް ގޭމްސްއާއި އޭޝިޔަން ގޭމްސް ފެންވަރުގެ
ވަޞީލަތްތަކުގައި މިގޭމްސް ބާއްވާކަށް ނުޖެހެއެވެ. ނިމިގެންދިޔަ އިންޑިއަން އޯޝަން
އައިލެންޑް ގޭމްސް ރީޔޫނިއަންގައި ބޭއްވީވެސް އެފެންވަރުގައެއް ނޫނެވެ. ފުރަތަމަ
ދެ ދުވަހު ރާއްޖޭގެ އޮފިޝަލުންނާއި ބައެއް ކުޅުންތެރިންގެ ބޮޑަތި ޝަކުވާތަކެއްވެސް
އައެވެ. ނަމަވެސް ގޭމްސް ނިންމާފައި އައިއިރު އެޝަކުވާތަކުގެ އަޑު އޮތީ
ކެނޑިފައެވެ.



އެހެން ނަމަވެސް ގޭމްސް ފެށިގެން ނިމެންދެންވެސް ނިދީ ހަމަ އެ ކުޑަ
ކުޓަރިތަކުގައެވެ. ކެއީ ހަމަ ވިލެޖްގައި ހުރި ކެންޓީނުން ލިބެން ހުރި
އެއްޗިއްސެވެ. އެހެން ޒަރޫރީ ބޭނުންތައް ފުއްދީވެސް އެތަނުގައެވެ. ދަތުރުފަތުރު
ކުރުމުގައިވެސް ދަތިތަކެއް ހުއްޓެވެ. ރާއްޖޭގައި ދަތުރުފަތުރުގެ އެއްވެސް ދައްޗެއް
ކުރާކަށް ނުޖެހޭނެކަން ކަށަވަރެވެ. އެއް ޓީމް ލާފައި އަނެއް ޓީމް ބަލާ އަޔަސް
ހުރިހާ ޓީމްތައް ގެންދަން ބައި ގަޑިއިރުވެސް ނުނަގާނެއެވެ.



ދެން އޮތީ އެހާ ގިނަ ކުޅިވަރުތައް ރާއްޖޭގައި ކުޅެވިދާނެކަމާއި މެދު އުފެދޭ ސުވާލެވެ.




" ވަރަށް ރަނގަޅު ފުޓްބޯޅަ ފިލްޑެއް އެބައޮތް. ޓްރެއިނިންގ ތިން ފިލްޑް
އެބައޮތް. ފުޓްބޯޅަ ވަރަށް ރަނގަޅަށް ހޮސްޓް ކުރެވެނެ. މިތަނަށްވުރެ (
ރީޔޫނިއަންއަށްވުރެ ) ރަނގަޅަށް ވޮލީއާއި ބާސްކެޓް ހޮސްޓް ކުރެވޭނެ. ޓީޓީއަށް ހަމަ
އަޅުގަނޑުމެންނަށް ވަގުތީ ތަނެއް ހެދޭނެ. އެހެން ބައެއް ކުޅިވަރުތައްވެސް އެކުވެނި
ކޮންމެވެސް ވަރަކަށް މަރާމާތުކޮށްގެން ގެންދެވޭނެ. އެމަރާމާތަށް މާބޮޑު ވަގުތެއް
ނަގާނެހެނެއް އަޅުގަނޑަކަށް ހިއެއްނުވޭ. ސްވިމިންގއާއި އެތްލެޓިކްސް ޓްރެކް އެކަނި
މިމަދުވަނީ. 2017 ގެ ކުރިން އެމަސައްކަތް ކޮށް ނިމޭނެކަމަށް އަޅުގަނޑު މިބަލަނީ.
ބައިކިންގ ސެއިލިންގ ފަދަ ކުޅިވަރުތަކަށް ފެސިލިޓީޒް ބޭނުމެއް ނުވޭ. ސްވިމިންގ
އެތްލެޓިކްސް ޓްރެކެއް އަޅައިފިއްޔާ 11،12 ކުޅިވަރު ބޭއްވޭނެ." މޯލްޑިވްސް
އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫޤްގެ ޖަވާބަކީ މިއީއެވެ.



ދެން އޮތް ސުވާލަކީ މަދުވާ ވަޞީލަތްތައް ކުރިއަށް މިއޮތް ތިން އަހަރާއި
ބައިގެ މުއްދަތުގެ ތެރޭގައި ޤާއިމްކޮށް 2019 ވަނަ އަހަރަށް
ތައްޔާރުވެވިދާނެތޯއެވެ. އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫޤް
ވިދާޅުވީ އެކަން ބިނާވަނީ ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ މައްޗަށްކަމަށާއި،
ސަރުކާރުގެ ސިޔާސަތު އޮތްގޮތުން އެކަން ނުވާންވީ ސަބަބެއް ނެތްކަމަށެވެ.



" 11،12 ވަރަކަށް ކުޅިވަރު އަޅުގަނޑުމެން ބާއްވަންޏާ މާބޮޑު ޚަރަދެއް ނުގޮސް
އެކަން ކުރެވޭނެ. ސަރުކާރުގެ ޑިވެލޮޕްމަންޓް ޕްލޭން އިނީ ކިހިނެއްތޯ ބަލާފަ އެއަށް
އަޅުގަނޑުމެން އެލައިން ކުރަން ޖެހޭނީ. އެހެން ވެއްޖިއްޔާ ވަރަށް ބޮޑުތައް ޚަރަދު
ކުޑަވެގެންދާނެ. ޑިވެލޮޕްމަންޓް
ޕްލޭންގައި އެބަހުރި އެތްލެޓިކްސް، ސްވިމިންގ އެރީނާއެއް އެޅުމާއި އޭގެ އިތުރަށް
ފުޓްބޯޅަ ފީލްޑްތަކެއް ހެދުން އެބަހުރި. އަދި ހުޅުމާލޭގެ ޕްރޮޖެކްޓްގެ ތެރޭގައި
އެބައޮތް ޖިމްނޭޒިއަމްއެއްވެސް ހަދަން. އެއާ އަޅުގަނޑުމެން އެލައިންކޮށްފިއްޔާ
ވަރަށް ކުޑަ ޚަރަދަކުން މިކަން ނިމޭނެހެން ހީވަނީ. " މަރުޒޫޤް
ވިދާޅުވިއެވެ.



ސަރުކާރުގެ
ސިޔާސަތުތަކުގެ ތެރެއިން ވަޞީލަތްތައް ޤާއިމްކުރުމުގެ އުއްމީދު އެބަލިބެއެވެ.
އެމަގުން ވިސްނައިގެން 2019 އަށް މަސައްކަތްކުރެވިދާނެއެވެ. ނަމަވެސް 7 ޤައުމުން
ކޮންމެ ޤައުމަކުން އަންނަ ދުއިސައްތައަށާްވުރެ ގިނަ މީހުން އެކޮމަޑޭޓް ކުރާނީ ކިހިނެއް ހެއްޔެވެ؟ ރާއްޖޭގެ ރިސޯރޓްތަކުގައި އެމީހުން ބައިތިއްބައިގެން
ކުޅިވަރުތަކަށް މާލެ ގެނައުމުގެ ބޮޑު ޚަރަދު ކުރާނީހެއްޔެވެ؟ ނޫނީ މޫކައި
ހޮޓަލާއި، ހޮޓެލް ޖެން ފަދަ އަގުބޮޑު ހޮޓާތަކުގައި 7 ޤައުމު މެނޭޖް
ކުރެވިދާނެހެއްޔެވެ؟ މިހާތަނަށް ރާއްޖެ އައި ޓީމްތަކާއި އެހެންވެސް
މުނާސަބަތުތަކަށް އައި ފަރާތްތަކަށް މެހްމާންދާރީ އަދާކޮށްފައިވަނީ
މިފެންވަރުގައެވެ.



ނޫނެކެވެ.
މީގޭމްސްގައި އެފެންވަރަށްދާކަށް ނުޖެހެއެވެ. ދިވެހި ކޮންޓިންޖެންޓް
ރީޔޫނިއަންގައި ހޭދަކުރީވެސް އެފެންވަރުގައި އަދި އެއާ ގާތްކުރާ ފެންވަރުގައެއްވެސް
ނޫނެވެ.



" މިސާލަކަށް ހުޅުމާލޭގައި ފްލެޓްތަކެއް އަޅަން މަސައްކަތް
އެބަކުރޭ، އެހެންވެއްޖިއްޔާ އެއާ ދިމާލަށް އަޅުގަނޑުމެންނަށް ދެވިދާނެ 2019 ވަނަ
އަހަރު ހައުސިންގ ޕްރޮޖެކްޓް ކިހިނެއްތޯ އޮތީ." މިއީ އޮލިމްޕިކް ކޮމިޓީގެ
ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫޤްގެ ވިސްނުމެކެވެ.



މަރުޒޫޤްވެސް އަދި ޗެފް ޑިމިޝަން އިހުސާން އަބުދުލްޣަނީވެސް ޤަބޫލުކުރައްވާ
އެއްކަމެއް އެބައޮތެވެ. އެއީ ސަރުކާރުގެ ކޮމިޓްމަންޓް މިކަމުގައި ލިބޭނެކަމެވެ.
ސަރުކާރުގެ ސިޔާސަތު އޮތްގޮތުން މިކަން ނުވާންވީ އެއްވެސް ސަބަބެއް ނެތްކަމެވެ.



" އަޅުގަނޑަށް ހަމަ ޔަޤީން އިނގޭތޯ ސަރުކާރުން މިކަމަށް އެއްބާރުލުން
ދެއްވާނެކަން. އެއީ މިސަރުކާރަކީ ޒުވާނުންނަށް ވަރަށް އިސްކަންދޭ ސަރުކާރެއް.
" ސްޕޯރޓްސް ކައުންސިލްގައި ހިމެނޭ އިހުސާން އަބުދުލްޣަނީ ވިދާޅުވިއެވެ.



މިވިސްނުންތަކަށް ބަލާއިރު އަޅުގަނޑުމެންނަށް 2019 ވަނަ އަހަރު އިންޑިއަން
އޯޝަން އައިލެންޑް ގޭމްސް ބޭއްވިދާނެކަމަށް ޤަބޫލުކުރެވެއެވެ. ނަމަވެސް އަދި
އެފުރުޞަތު އަޅުގަނޑުމެންނަށް ލިބުނީއެއްނޫނެވެ. އެފުރުޞަތު ލިބޭނެކަން
ކަށަވަރުވާނީ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ. 2019 ވަނަ އަހަރުގެ ބިޑް
ކާމިޔާބުކޮށްފައިވަނީ ކޮމޯރޯސްއިންނެވެ. ނަމަވެސް ސަރުކާރުން ހުށައަޅަންޖެހޭ
ލިޔެކިޔުންތަކެއް ހުށަ ނާޅައިގެން، އެމީހުންނަށް ވަނީ އޮކްޓޯބަރު މަހުގެ 15 ވަނަ
ދުވަހުގެ ނިޔަލަށް އިތުރު ފުރުޞަތެއް ދީފައެވެ. އެމުއްދަތުގެ ކުރިން ސަރުކާރުގެ
ކޮމިޓްމަންޓް ނުލިބިއްޖެނަމަ ބެކަޕް ޤައުމަކަށް އޮތީ މޮރިޝަޝްއެވެ. ނަމަވެސް
މޮރިޝަޝް ފުރުޞަތު ދޫކޮށްލުމުން، އެގްޒެކްޓިވް ކޮމިޓީގެ މެމްބަރުންގެ ތާއީދު އޮތީ
ރާއްޖެއަށް ފުރުޞަތު ދިނުމަށެވެ. ރާއްޖޭން ޝައުޤުވެރިކަން ފާޅުކޮށްފައި އޮތް
ނަމަވެސް ފުރުޞަތު ލިބޭނީ އޮކްޓޯބަރު 15 ގެ ކުރިން ކޮމޯރޯސްއިން ހުށައަޅަން ޖެހޭ
ލިޔުންތައް ހުށަ ނާޅައިފިނަމައެވެ. އޭގެފަހުން އޮކްޓޯބަރު 19 ވަނަ ދުވަހު ދިވެހި
ސަރުކާރާއި އޮލިމްޕިކް ކޮމިޓީގެ ކޮމިޓްމަންޓް ދީގެންނެވެ. އޮލިމްޕިކް ކޮމިޓީގެ
ވިސްނުމަކީ އޮކްޓޯބަރު 19 ވަނަ ދުވަހު އޮންނަ ބައްދަލުވުމަށް ސަރުކާރުގެ
ވަފްދަކާއެކު ބައިވެރިވުމެވެ.