ކުޅިވަރު

މިއަށްވުރެ ބޮޑު ކާމިޔާބެއް ހޯދަން ވަޞީލަތްތައް ރަނގަޅުކުރަންޖެހޭ: ނާފިޢު


ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ހޯދި ކާމިޔާބަށްވުރެ ބޮޑު ކާމިޔާބެއް ހޯދަން ބޭނުން ކަމުގައިވާނަމަ ރާއްޖޭގެ ކުޅިވަރު ވަޞީލަތްތައް ރަނގަޅުކުރަންޖެހޭ ކަމަށް ޝެފް ޑި މިޝަން ޢަބްދުއް ނާފިޢު ތައުފީޤު ވިދާޅުވެއްޖެއެވެ.

ޓީވީއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމްގައި ވާހަދައްކަވަމުން ނާފިއު ވިދާޅުވީ މިހާރު ރާއްޖެއިން ހޯދުމުންދާ ކާމިޔާބީ ތަކަކީ ކުރުމުދައްތުގެ ޕްލޭންގެ ދަށުން ހާސިލް ކުރުވުނު ކަންތައްތަށްކަމަށެވެ. އެހެންނަމަވަސް ދުގު މުއްދަތަށް ޕްލޭން ކުރެވިގެން ވަށާޖެހޭ ގޮތަށް ދުރާލާ ރޭވިގެން ކުރިވޭނެ ގިނަ ކަންކަން ހުރިކަން ނާފިއު ވަނީ ފާހަގަކުރައްވާފައެވެ.

އެންމެ ފަހުން ގޭމްސްގައި ލިބިގެންދިޔައީ ބޮޑު ކާމިޔާބެއް ކަން ފާހަގަ ކުރައްވަވާ ނާފިއު ވިދާޅުވީ މި ކާމިޔާބާ ހަމައިން ނިންމާލެވެން ނެތްކަމަށާއި މި ކާމިޔާބީތަށް ހޯދަން ފަށައިގަންނަ އޮތް އެންމެ ބޮޑު އެއްކަމަށްކަމަށް ފާހަގަކުރެވެނީ ރާއްޖޭގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ރަނގަޅު ކުރުންކަމަށެވެ. ކާމިޔާބީ ހޯދުމުގެ މަގުކޮށޭނީ ކުޅިވަރުގެ އިންސާނީ ވަސީލަތްތަށް ތަރައްގީ ކުރުމާއެކު ކުޅިވަރުގައި ވަށާޖެހޭ ގޮތަށް ހަރުދަނާ ހަމަޖެހޭ އުސޫލްތަކެއް ކަނޑައެޅިގެން ކަމަށް ނާފިއު ވިދާޅުވިއެވެ.

ރާއްޖޭގެ ކުޅިވަރު މިވަގުތުން އޮތް ގޮތުން ސްޕޯޓްސް މެނޭޖްމެންޓް އިތުރު ހަރުފަތްތަކަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވެ ނާފިއު ފާހަގަކުރެއްވީ ހަރުދު ކުޑަ ނިޒާމަކަށް ބައްޓަން ކުރަން ރާއްޖެއިން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ރާއްޖޭގައި ކުޅިވަރުގެ ހައިޕާފޯމެސް ސެންޓަރު ތަކެއް ގާއިމް ވާން ޖެހޭ ކަމަށް ނާފިއު ވީދާޅުވިއެވެ.

ނާފިއު ވިދާޅުވީ ރާއްޖޭގެ އތުލީޓުންނަށް ކޮންމެ އަހަރަކުވެސް ބޭރަށް ތަމްރީން ހޯދަން ދެވެނީ ވަކި އަދަދަކަށް ކަމަށާއި އެކަން ހައްލުކުރެވޭނީ ރާއްޖޭގައި އެތުލީޓުން ތިބެ އެފެންވަރުގެ ތަމްރީންތަކެއް ހޯދުން ކަން ފާހަގަކުރެއްވިއެވެ. މިމަގަށް މަސައްކަތް ކުރެވިއްޖެކަމަށް ވާނާ ހުނަރުވެރި އިތުރު އެތުލީޓުން ތަކެއް ރާއްޖެއިން ނެރިވިދާނެކަމަށް ގަބޫލްކުރައްވާ ކަމަށް ނާފިއު ވިދާޅުވިއެވެ.

"
2019 ވަނަ އަހަރާ ކޮންޕެއަ ކޮއްލާއިރު ގާތްގަނޑަކަށް ދެގުނަ މެޑަލް ހޯދާފަ އަޅުގަނޑުމެން މިހުރީ، މިއީ ތަފާތު ބޮޑު ކާމިޔާބެއް، މިއީ އަދި ނިމުނީކީ ނޫން، މިއީ ފަށައިގަތުމެއް، މި ފަށައިގަތުމައްޓަކައި އަޅުގަނޑުމެން އެބަޖެހޭ އިންފްރާސްޓްރަކްޗާ ރަނގަޅުކުރަން.
އަބްދުލް ނާފިއު ތައުފީގު - ރާއްޖޭގެ ޝެފް ޑި މިޝަން

ނާފިއު ވިދާޅުވީ ކަންކަން ރަނގަޅު މަގަކުން ގެންދެވިއްޖެކަމަށް ވާނަ މުސްތަގުބަލުގައި 60 މެޑަލް ވެސް ރާއްޖައަށް ހޯދި ދާނެކަމަށް އަދި މިހާރު ރާއްޖޭގެ މިސްރާބު ހުރީ އެދިމާލަށް ކަމަށެވެ.

11 ވަނަ އައިއޯއައިޖީގައި ރާއްޖެއިން ވަނީ ޖުމްލަ 28 މެޑަލް ހޯދާފައެވެ. އޭގެތެރޭގައި 5 ރަން މެޑަލް، 9 ރިހި މެޑަލް އަދި 14 ލޯ މެޑަލް ހިމެނެއެވެ. މި ފަހަރުގެ އައިއޯއައިޖީގައި ރާއްޖެއިން ބޮޑު ކާމިޔާބީއެއް ހޯދިއިރު، މިއީ މަލްޓި ސްޕޯޓްސް އިވެންޓެގައި ރާއްޖެއިން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.