ކ. ތުލުސްދޫގައި ކުރިއަށްދިޔަ ގައުމީ ބޮޑީބޯޑިން ލީގުގެ ދެވަނަ މުބާރާތް "ރަންދާ ބޮޑީބޯޑިން ޗެލެންޖް 2026" ގެ ފިރިހެން އޯޕަން ކެޓަގަރީގެ ތާރީޚީ ޗެމްޕިއަންކަން އަޝްރަފް ހަސަން ހޯދައިފިއެވެ.
މިއީ ގައުމީ ބޮޑީބޯޑިން ލީގުގެ މުބާރާތެއް މާލެއިން ބޭރުގައި ބޭއްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވެސް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ވަނީ މާލެއިން ބޭރުގައި ގައުމީ ލީގުގެ މުބާރާތްތައް ބާއްވަން މަސައްކަތް ކޮށްފައެވެ. އެކަމަކު ދިމާވި އެކިއެކި ސަބަބުތަކާހުރެ އެ ފަހަރުތަކުގައި މުބާރާތް ބޭއްވޭ ގޮތް ނުވީއެވެ. އެކަމަކު މި ފަހުން އެމްބީބީއޭއިން ވަނީ އައިބީސީ ވޯލްޑް ޓުއާގެ މުބާރާތެއް ކަމަށްވާ މޯލްޑިވްސް ޕްރޯ ތުލުސްދޫގެ ރަންދާ ރާޅުގަނޑުގައި ބާއްވާފައެވެ.
ރަންދާ ބޮޑީބޯޑިން ސީރީސް އަކީ މުޅިން އަލަށް އެމްބީބީއޭއިން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. ރަންދާ ނަމަކީ ތުލުސްދޫގެ މަޝްއޫރު ރާޅުގަނޑަށް ކިޔާ ނަމެވެ. މި ރާޅަށް ކޯކްސް ވެސް ކިޔައެވެ.
ރަންދާގެ ފިރިހެން އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން އަޝްރަފް ހޯދީ ފައިނަލުގައި އާމިން އުމަރު މޫސާގެ މައްޗަށް 0.37 ގެ ސްކޯއަކުން ކުރި ހޯދައިގެންނެވެ. ފައިނަލް ހީޓުގައި އަޝްރަފް މުޅިއެކު، 16.37 ސްކޯކުރިއިރު، އާމިން އަށް ސްކޯކުރެވުނީ 16.00 އެވެ.
ފައިނަލް ހީޓުގައި އަޝްރަފް މުޅިއެކު ހަތް ރާޅުގައި އެޅިއިރު، އެންމެ މަތިން ސްކޯކުރީ ހައެއް އަދި ހަތްވަނަ ރާޅުގައެވެ. ހަވަނަ ރާޅުން 9.17 ސްކޯކުރިއިރު، ހަތްވަނަ ރާޅުގައި 7.20 ސްކޯކުރިއެވެ. މި ހީޓުގައި އާމިން ވަނީ މުޅިއެކު 10 ރާޅުގައި އަޅާފައެވެ. އާމިން އަށް އެންމެ މަތިން ސްކޯކުރެވުނީ ފުރަތަމަ އަދި ތިންވަނަ ރާޅުގައެވެ. ފުރަތަމަ ރާޅުގައި އާމިން 7.33 ސްކޯކުރިއިރު، ތިންވަނަ ރާޅުގައި 8.67 ސްކޯކުރިއެވެ.
މި މުބާރާތުގެ ޖޫނިއަރ ކެޓަގަރީގެ ފައިނަލް ވެސް ބުދަ ދުވަހު ކުރިއަށްދިޔައިރު، ޖޫނިއަރ ޗެމްޕިއަންކަން ހޯދީ މުހައްމަދު ލިބާންއެވެ. ފައިނަލް ހީޓުގައި ލިބާން ނުކުތީ މުހައްމަދު ޖިވާއު ޖިހާދްއާ ދެކޮޅަށެވެ.
ފައިނަލް ހީޓުގައި ލިބާން މުޅިއެކު 11.17 ސްކޯކުރިއިރު، ޖިވާއުއަށް ސްކޯކުރެވުނީ 10.87 އެވެ. ލިބާން އެންމެ މަތިން ސްކޯކުރީ ހަތަރެއް އަދި ފަސްވަނަ ރާޅުގައެވެ. ހަތަރުވަނަ ރާޅުން 5.67 ގެ ސްކޯއެއް ލިބުނުއިރު، ފަސްވަނަ ރާޅުން 5.50 ގެ ސްކޯއެއް ލިބުނެވެ.
މީގެ އިތުރުން މި މުބާރާތުގެ ޑްރޮޕް- ނީ ކެޓަގަރީގެ ޗެމްޕިއަންކަން އާމިން އުމަރު މޫސާ ހޯދީ ފައިނަލް ހީޓުގައި އަޝްރަފްގެ މައްޗަށް ކުރިހޯދައިގެންނެވެ. މިއީ އެމްބީބީއޭގެ ތާރީޚުގައި އަލީ ޚުޝްރުވާން ނޫން އެތުލީޓަކު ޑްރޮޕް-ނީ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. މި މުބާރާތުގެ މެންސް އޯޕަން ކުއާޓާ ފައިނަލުގައި ޚުޝްރުވާން އަށް ލިބުނު އަނިޔާއަކާ ގުޅިގެން ޚުޝްރުވާން ބުދަ ދުވަހު ކުރިއަށްދިޔަ ޑްރޮޕް-ނީ ކެޓަގަރީގެ ސެމީ ފައިނަލުގައި ބައިވެރިއެއް ނުވެއެވެ.
ޑްރޮޕް-ނީ ކެޓަގަރީގެ ފައިނަލުގައި އާމިން އަށް މުޅިއެކު 7.97 ގެ ސްކޯއެއް ލިބުނުއިރު، އަޝްރަފަށް ލިބުނީ 5.57 ގެ ސްކޯއެކެވެ.