ކުޅިވަރު

28 މެޑެއްޔަކީ ވަރަށް ގިނަ ބައެއްގެ މަސައްކަތުގެ ނަތީޖާ: ތަމޫހު


މަޑަގަސްކަރައިގައި ދާދި ފަހުން ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެއަށް 28 މެޑަލް ލިބުނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަޙްމަދު ސައީދު ވިދާޅުވެއްޖެއެވެ.

11 ވަނަ އައިއޯއައިޖީގައި ރާއްޖެއިން ވަނީ ޖުމްލަ 28 މެޑަލް ހޯދާފައެވެ. އޭގެތެރޭގައި 5 ރަން މެޑަލް، 9 ރިހި މެޑަލް އަދި 14 ލޯ މެޑަލް ހިމެނެއެވެ.

ޓީވީއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުން ތަމޫހު ވިދާޅުވީ މި ފަހަރުގެ ގޭމްސްގައި 28 މެޑަލް ލިބުނީ ވަރަށް ގިނަ ބައެއް އޭގެ ފުރަގަހުގައި ކުރި ބުރަ މަސައްކަތުން، އެތުލީޓުންނަށް ފުރުސަތުތަކެއް ހޯދައިދީގެން ކަމަށެވެ. އަދި އެއާއެކު ގިނަ މެޑަލްތަކެއް ހާސިލުކުރިއިރު، އެތުލީޓުންގެވެސް ވަރަށް ބުރަ މަސައްކަތެއް ފެނިގެންދިޔަ ކަމަށާއި، މުޅި ކުޅިވަރުގެ އާއިލާ ގުޅިގެން އެތުލީޓުންނަށް ފަހިކޮށްދިން ފުރުސަތުތަކާއެކު އެކަން އެ އެތުލީޓުން ސާބިތުކޮށްދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ތަމޫހު ވިދާޅުވީ ކާމިޔާބީ ފާހަގަކުރަނީ ހަމައެކަނި މެޑެއްޔަކުން ނޫން ކަމަށާއި، ބައެއް ކުޅިވަރުތަކުގައި އެއް އަހަރަށް ވުރެ އަނެއް އަހަރު ކުރިއަށްދިޔުންވެސް ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރާ ކަމަށެވެ. އެގޮތުން 2019 ގެ އައިއޯއައިޖީގައި ހޯދި ކާމިޔާބީއަށް ބަލާފައި މި އަހަރު ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށާއި، މެޑަލައެއް ނުލިބުނު ކަމުގައިވީ ނަމަވެސް، ކޮންމެ ކުޅިވަރަކުންވެސް ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މި ފަހަރުގެ އައިއޯއައިޖީގައި ރާއްޖެއިން ބޮޑު ކާމިޔާބީއެއް ހޯދިއިރު، މިއީ މަލްޓި ސްޕޯޓްސް އިވެންޓެގައި ރާއްޖެއިން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.