ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ، އޮސްޓްރޭލިއާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް، މިލްޓަން ޑިކްއާ ބައްދަލުކުރައްވައިފިއެވެ. އެމަނިކުފާނު މިލްޓަނާއި ބައްދަލުކުރައްވާފައިވަނީ ކެމްބޯޑިއާގެ ފްނޮމް ޕެންގައި ކުރިއަށްދާ ދެވަނަ އިންޓަރ-ޕާލަމެންޓްރީ ސްޕީކާސް ކޮންފަރެންސްގެ ހަވަސާގައެވެ.
މިއަދު ކުރިއަށްދިޔަ އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން އެ ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ދިވެހިރާއްޖެއާއި އޮސްޓްރޭލިއާގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
Hon. Abdul Raheem Abdulla MP, Speaker of the People’s Majlis, meets with Hon. Milton Dick MP, Speaker of the Australian House of Representatives, on the sidelines of the 2nd Inter-Parliamentary Speakers’ Conference in Phnom Penh. Discussions focused on parliamentary cooperation… pic.twitter.com/3aKq4KDQEH
— People's Majlis (@mvpeoplesmajlis) August 26, 2026
ރާއްޖެ އާއި އޮސްޓްރޭލިއާ އާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1974 ވަނަ އަހަރެވެ. އަދި ތައުލީމާއި މެރިޓައިމް އަދި ކަނޑުގެ ސަލާމަތުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި ރަނގަޅު ގުޅުމެއް ޤާއިމްކޮށްފައިވާކަން ފާހަގަކުރެވެއެވެ. މީގެއިތުރުން، ބައިނަލްއަގުވާމީ މުއާހަދާތަކުގައިވެސް ދެގައުމުން ދަނީ ގުޅިގެން މަސައްކަތްކުރަމުންނެވެ.
2 ވަނަ އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله، "ޞުލްޙައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަޤުވާމީ ޤާނޫނުތައް ހަރުދަނާކުރުމާއި ޞުލްޙަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން" މި މައުޟޫއަށް، ވާހަކަފުޅުދައްކަވާނެއެވެ. މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މައްޗަންގޮޅި ދެކުނު ދާއިރާގެ، މެންބަރު މުޞްޠަފާ ޙުސައިން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގަންނަވައެވެ.
އައި.އެސް.ސީއަކީ، ޞުލްޙައާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ހަމަނުޖެހުންތައް ޙައްލުކުރުމުގެ އިތުރުން، ގުޅިފައިވާ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ކޮންފަރެންސްއެކެވެ.