ކުޅިވަރު

ރާއްޖެއިން ބަލަންޖެހޭ ކާމިޔާބު ހޯދޭނެ ކުޅިވަރުތައް: ތަމޫހު


ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރާއިރު، ކާމިޔާބު ހޯދޭނެ ކުޅިވަރުތައް މިހާރު ފާހަގަކުރަންޖެހޭ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަޙްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މަޑަގަސްކަރައިގައި ނިމިގެންދިޔައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކާމިޔާބީގެ ވާހަކަ ޙިއްސާކުރުމަށް ޓީވީއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ތަމޫހު ވިދާޅުވި ކާމިޔާބު ހޯދާ ކުޅިވަރުތަކުން ރާއްޖޭގެ އެތުލީޓުންގެ ހުރި ފެންވަރާ އެއްވަރަށް އެ ކުޅިވަރަތަކުން އިތުރަށް ކާމިޔާބު ހޯދަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި މިފަހަރުގެ ކާމިޔާބީން ފެންނަ މަންޒަރަކީ އެ ކުޅިވަރުތަކަށް ރާއްޖެއިން ރަނގަޅު ފުރުސަތުތަކެއް ހޯދައިދެވިއްޖެ ކަމަށްވާނަމަ، މުސްތަޤުބަލުގައި ރާއްޖޭގެ ފެންވަރު މަތިވެގެންދާނެކަމުގެ ހެއްކެއް ކަމަށްވެސް ވިދާޅުވިއެވެ.

ތަމޫހު ވިދާޅުވީ މިހާރުން މިހާރަށް އޮލިމްޕިކް ކޮމިޓީވެސް ރާއްޖެއިން ކާމިޔާބު ހޯދިދާނެ ކުޅިވަރުތައް ފާހަގަކޮށް، އެ އޭރިއާތަކަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުޅިވަރުގެ ވަސީލަތްތައް އެކަނި ރަނގަޅުކޮށްގެން ކާމިޔާބު ނުހޯދޭނެ ކަމަށާއި، އެގޮތުން ރާއްޖެއަށް ހައިޕާފޯމެންސް ސެންޓަރުތަކެއް އަވަސް މުސްތަޤުބަލެއްގައި ގާއިމުވާން ޖެހޭ ކަމަށެވެ. އަދި އެތުލީޓުން ކުރިއަރައިގެންދަނީ ހަމައެކަނި މަޤުބޫލު ކުޅިވަރުތަކުން އެކަނި ނޫންކަން މި ފަހަރު ސާބިތުކޮށްދީފައިވާ ކަމަށްވެސް ތަމޫހު ވިދާޅުވިއެވެ.

ތަމޫހު ވިދާޅުވީ ބައިނަލްއަޤުވާމީ ތަޖުރިބާ ނުލިބި، އައިއޯއައިޖީގައި ވާދަކުރި އެއްވެސް ކުޅިވަރެއް ނެތް ކަމަށެވެ. އަދި ކާމިޔާބު ހޯދޭނީ ވަކި ކުޅިވަރުތަކުން އެކަނި ނޫންކަން، އެންމެ ފަހުން ވާދުކުރި ގޭމްސްގައި ފާހަގަވެގެންދިޔަ ކަމަށާއި، ރާއްޖެއިން ކުރިއަށްހުރި ގޭމްސްތަކަށް ތައްޔާރުވާއިރު ބައިނަލްއަޤުވާމީ ތަޖުރިބާ މުހިންމު ކަމަށްވެސް ވިދާޅުވިއެވެ.

"
އެތުލީޓުންތަކެއް ޑިވަލޮޕްވެގެން ދަނީ މިހާރު މި ހިނގާ ނަން މަޝްހޫރު ކުޅިވަރުތަކުން އެކަނި ނޫންކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. އެ ފުރުސަތު އަޅުގަނޑުމެން އެބަޖެހޭ ހުޅުވާލަދޭން އެތުލީޓުންނަށް.
ތަމޫހު އަޙްމަދު ސައީދު - އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް

11 ވަނަ އައިއޯއައިޖީގައި ރާއްޖެއިން ވަނީ ޖުމްލަ 28 މެޑަލް ހޯދާފައެވެ. އޭގެތެރޭގައި 5 ރަން މެޑަލް، 9 ރިހި މެޑަލް އަދި 14 ލޯ މެޑަލް ހިމެނެއެވެ. މި ފަހަރުގެ އައިއޯއައިޖީގައި ރާއްޖެއިން ބޮޑު ކާމިޔާބީއެއް ހޯދިއިރު، މިއީ މަލްޓި ސްޕޯޓްސް އިވެންޓެއްގައި ރާއްޖެއިން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.