އައިއޯއައިޖީ

ގޭމްސްގެ ތެރެއިން ފެނުނު އުފާވެރި ކުޑަ އާއިލާ


ޤައުމު ތަމްޘީލްކުރުމަކީ ކުޑަ އުފަލެއްނޫނެވެ. އެއީ ކޮންމެ ދާއިރާއަކުން
ނަމަވެސްމެއެވެ. ކުޅިވަރުގެ ތެރެއިންވެސް މިކަން އޮތީ މިހެންނެވެ. އާއިލާގެ ގިނަ
މެމްބަރުންތަކަކަށް އެފުރުޞަތު ލިބުމަކީ މުޅި އާއިލާއަށް ލިބޭ ބޮޑު އުފަލެކެވެ.
އަދި ފަރުދީގޮތުން ތަމްޘީލްކުރާ އާއިލާގެ ކޮންމެ މެމްބަރަކަށްވެސް ލިބޭ އިތުރު
އުފަލެކެވެ. އެކުގައި ދައްތަ ނުވަތަ ކޮއްކޮ ޤައުމު ތަމްޘީލްކުރަން ހުންނަ ނަމަ
ލިބޭ އުފާ ބޮޑުވާނެއެވެ.



އެއުފާ ނިމުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ތިން ބެއިން
ހާޞިލްކުރިއެވެ. އެއީ ރާއްޖޭގެ އަންހެން ވޮލީ ޓީމްގައި ހިމެނުނު މަރިޔަމް
ހަލީމްއާއި، ސީނިއަރ ބާސްކެޓް ޓީމްގައި ހިމެނުނު އޭނާގެ ކޮއްކޮ ހުސެއިން
ހަލީމްއާއި މިދެބެންގެ ދައްތަ އަމިނަތު ހަލީމްއެވެ. އަމިނަތު ހަލީމްއަކީ ގޭމްސްގެ
ދެޑެޕިއުޓީ ޗެފް ޑިމިޝަންގެ ތެރެއިން އެކަކެވެ. އަންހެން އެތްލީޓުންގެ ކަންކަން
ހަވާލުވެ، ޒިންމާ އުފުލި ފަރާތެވެ.



ކުރިން މޮޅަށް ނެޓްބޯޅައާއި ބަސްކެޓް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ
އަމިނަތު ހަލީމްއާއި އޭނާގެ ދެކޮއްކޮއަށް މިލިބުނު ފުރުޞަތަކީ އުއްމީދު ނުކޮށް
ތިއްބާ ލިބުނު އާދަޔާ ޚިލާފް ބޮޑު އުފަލެކެވެ. ތިން ބެއިންނަށް އެއްކޮސް ޤައުމު
ތަމްޘީލްކުރުމުގެ ފުރުޞަތެއް ލިބިދާނެކަމަށް ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ.
އަދި މިކަހަލަ އިތުރު ފުރުޞަތެއް ލިބޭނެކަމުގެ އުއްމީދެއްވެސް އެމީހުންގެ ނެތެވެ.



" ވަރަށް އުފާވޭ،
ހިޔެއް ނުކުރަން މިކަހަލަ ފުރުޞަތެއް ލިބޭނޭކޭވެސް، ތިން ބެއިން އެއްކޮއް
ގޭމްސްއަކަށް ދިއުމުގެ. އެއީ ދިލް މިހާރު ކުޅުން ހުއްޓާލާފަ މިހުރީ. ދެން
ހަވާލުވެގެން އައުމާއި އޭގެ އިތުރުން ދެކޮއްކޮ މިގޭމްސްގައި ބައިވެރިވުމުން،
ވަރަށް އުފާވޭ އިނގޭތޯ. ހިޔެއްނުވޭ ދެން މިކަހަލަ ފުރުޞަތެއް ލިބޭނެ ހެންނެއްވެސް.
ވަރަށް އުފާވެއްޖެ. " ގޭމްސްގައި ބާސްކެޓާއި ވޮލީ ޓީމަށް ކުރިއަށް ދިއުމުގެ
ފުރުޞަތު ބަންދުވުމުން އެދެޓީމާއެކު ދެކޮއްކޮވެސް ފުރުވާލުމަށްފަހު ރީޔޫނިއަން
އެއަޕޯރޓްގެ ބޭރުގައި ހުރެ އައިމިނަތު ހަލީމް ބުންނެވެ.



ރާއްޖެއިން ވާދަކުރި އެންމެ ބޮޑު އަދި އެންމެ ކާމިޔާބު ކޮންޓިންޖެންޓަށް
ޚިދުމަތްކުރުމަކީ އަމިނަތު ހަލީމް ނުވަތަ ދިލްއަށް ކުޅިވަރުގައި ލިބުނު ބޮޑު
އުފަލެކެވެ. ހިތްހަމަ ޖެހުމެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި ހޯދި ކާމިޔާބީތަކާއި
އެއްފަދަ އުފާވެރިކަމާއި ހިތްހަމަޖެހުމެއް ލިބުނު ކަމެކެވެ.



ދައްތައާއި ކޮއްކޮއާއެކު ގޭމްސްގައި ވާދަކުރުމަކީ މަރިޔަމް ހަލީމަށްވެސް
ލިބުނު އާދައިގެ އުފަލެއްނޫނެވެ. މިއީ އޭނާއަށް ލިބުނު ބޮޑު ފަޚްރެކެވެ.



" ވަރަށް ބޮޑަށް އުފާވޭ. ވަރަށް ބޮޑަށް ފަޚްރުވެރިވޭ ހަމަ އާއިލާގެ ތިން
މީހުން މިގޭމްސްގައި ރެޕްރެޒެންޓްކުރާތީ. ހަމަ ވަރަށް ވަރަށް އުފާވޭ. "
މަރިޔަމް ހަލީމް ބުންޏެވެ.



ތިންބެއިން އެކުގައި ޤައުމު ތަމްޘީލްކުރުމަށްފަހު އެނބުރި ޤައުމަށް ދާއިރު
އެމީހުންގެ އާއިލާވެސް އޮތީ ވަރަށްބޮޑަށް ހިތްހަމަޖެހިފައެވެ. ފަޚްރުވެރިވެފައެވެ.




" ކޮއްކޮމެންނާއި ދައްތަ އެކުގައި ގޭމްސްގައި ވާދަކުރީމަ ވަރަށް ބޮޑަށް
އުފާވޭ. އަހަރެންވެސް ކުޅިވަރު ރިޕޯޓަރަކަކަށް ނުވަތަ ކުޅިވަރު ކުޅޭ މީހަކަށް
ވީނަމައޭ ހިތަށް އެރި. " ފިލްމްތަކުންނާއި ލަވަތަކުން ފެންނަ އައިޝަތު ހަލީމް
ބުންޏެވެ.



މިގޭމްސް ނިމިގެންދާއިރު އެންމެ ބޮޑު އުފަލެއް ލިބޭ އެއް އާއިލާއަށް
މިއާއިލާ ވެގެންދާނެއެވެ. ތިންބެއިންގެ މިއާއިލާގެ އިތުރުން ބެޑްމިންޓަންގެ
ދެބެއިންވެސް ފާހަގަކޮށްލަން ޖެހެއެވެ. މުޙައްމަދު އަޖުފާން ރަޝީދާއި އައިޝަތު
އަފްނާން ރަޝީދު އެނބުރި ޤައުމަށް އައީ މެޑަލް ހިފައިގެންނެވެ. އަޖުފާން ރިހި
މެޑަލްއެއްގެ އިތުރުން ލޯ މެޑަލްއެއް ހޯދިއެވެ. އަފްނާން އޭނާގެ ޓީމައެކު ލޯ
މެޑަލް ހޯދިއެވެ. ނަމަވެސް ތަފާތަކީ މިއީ މިދެކުޅުންތެރިން ނުވަތަ ދެބެންނަށް
އާކަމެއް ނޫނެވެ. ގޭމްސްތަކުގައި އެކުގައި ވާދަކުރުމާއި، ތަމްރީން
ދަތުރުތަކުގައިވެސް އެކުގައި އުޅުމަކީ އާދައެކެވެ. ކުރިއަށް އޮތްތާނގައިވެސް
އެކަން އެގޮތުގައި އޮންނާނެއެވެ. އެއީ އަދި ދެކުޅުންތެރިންނަކީވެސް ވަރަށް ޒުވާން
ދެކުޅުންތެރިންނަށް ވުމާއި، ރައްޖޭގެ އެންމެ މޮޅު ކުޅުންތެރިންނަށް ވުމުންނެވެ.

މިގޭމްސްގެ ތެރެއިން ފެނުނު ބޮޑު އާއިލާގެ ވާހަކައަށް އިންތިޒާރުކޮށްލައްވާށެވެ.