ޚަބަރު

ކެފޭ ރެސްޓޯރަންޓްތަކާއި އާއްމު ވިޔަފާރިތައް އޭދަފުށީގައި ހުޅުވާލައިފި


ކޯވިޑުން ރައްކާތެރިވުމަށް ބ އޭދަފުށީގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދީ ވިޔަފާރި އާއްމުކޮށް ހުޅުވާލަން ނިންމައިފިއެވެ.

ބ.އޭދަފުށީ ޓާސްކް ފޯސް އިން ވިދާޅުވީ ކެފޭ ރެސްޓޯރަންޓްތަކާއި ބޯކޮށާ ތަންތަން މިއަދުން ފެށިގެން އާއްމުކޮށް ހުޅުވާލުމަށް ހުއްދަދީފައިވާކަމަށެވެ. މިގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 07:00 އިން ރޭގަނޑު 12:00 އަށް ކެފޭ ރެސްޓޯރަންޓްތަކާއި ބޯކޮށާތަންތަނުން އާއްމުންނަށް ހިދުމަތް ދެވޭނެކަމަށެވެ. ހިދުމަތް ދޭ ތަންތަނުން މާސްކާ އަންގި ބޭނުން ކުރުމަށާ، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް އަންގާފައިވާކަމަށް ޓާސްކް ފޯހުން ބުނެއެވެ.

ކޯވިޑް ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ސަރުކާރުން އަންނަނީ ލުއިތައް ދެމުންނެވެ، މިގޮތުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ 7 ރަށަކާއި މާލެ، ހުޅުމާލެ ވިލިމާލެ ފިޔަވާ ހުރިހާ ރަށްތަކަށްވަނީ ދީފައެވެ. އަދި މިހާރު މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ފުރަ ބަންދަށްވެސް ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.