ކޯވިޑް-19

ކޯވިޑް-19 : ފުރަބަންދާއެކު އެންމެ ބޮޑު ގެއްލުމެއް އަކްޝޭކުމާރަށް


ކޯވިޑް-19އާއި ގުޅިގެން މުޅި އިންޑިއާ ފުރަބަންދުކޮށް، އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނު ބޮލީވުޑް ތަރިއަކީ އަކްޝޭ ކުމާރުކަމަށް އެ ޤައުމުގެ ބައެއް މީޑިއާތަކުން ބުނެފިއެވެ.

އިންޑިއާގައި އިޢުލާންކޮށްފައިވާ ފުރަބަންދާއެކު، އެ ޤައުމުގެ ސިނަމާތަކާއި ފިލްމް ތިއޭޓަރުތައް ވަނީ ބަންދުކޮށްފައެވެ. އަދި ފިލްމުތަކާއި ޓީވީ ސީރީޒްތައް ޝޫޓްކުރުންވަނީ ކެންސަލްކޮށްފައެވެ. މި ސީޒަންގައި އެޅުވުމަށް ހަމަޖެހުނު ބައެއް ފިލްމްތައް ޑިޖިޓަލް ޕްލެޓްފޯމުގައި ރިލީޒްކުރުމަށް ނިންމާފައިވާއިރު، ބޮޑެތި ހުރިހާ ފިލްމެއްހެން ވަނީ ޕްރިމިއަރކުރުން ފަސްކޮށްފައެވެ. މިއާއެކު ބޮލީވުޑްގެ މަސައްކަތްތައް މިވަނީ މުޅިން ކަހަލަ ގޮތަކަަަށް މަަޑުޖެހިފައެވެ.

މިކަމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިފައިވާ ބޮލީވުޑްގެ ފަންނާނަކީ އަކްޝޭ ކުމާރުކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް މަޝްހޫރު ވެބްސައިޓުތަކުގައި ބުނެފައިވާއިރު، އަކްޝޭގެ 7 ފިލްމެއްގެ މަސައްކަތް މިހާރުވެސް އެކި މަރުހަލާތަކުގައި އެބައޮތެވެ.

އެގޮތުން އަކްޝޭގެ އެކަނިވެސް 3 ފިލްމެއް މިއަހަރުގެ ތެރޭގައި ރިލީޒްކުރާގޮތަށް ކުރިން އޮތީ ހަމަޖެހިފައެވެ.

މީގެ ތެރެއިން އެންމެ ގިނަ ބަޔަަކު ބަލާލުމަށް ކެތްމަދުވެފައިވާ ފިލްމަކީ "ސޫރްޔަވަންޝީ"އެވެ.

ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ މި ފިލްމް ކުރިން ރިލީޒްކުރާގޮތަށް އޮތީ މާރިޗު 24 ގައެވެ. މި ފިލްމަކީ ބޮޑު ސްޓަރ ކާސްޓެއް ހިމެނޭ ފިލްމެކެވެ. އެގޮތުން ލީޑް ރޯލުތަކުން އަކްޝޭ ކުމާރު، އަޖޭ ދޭވްގަން، ރަންވީރު ސިންގް އަދި ކެޓްރީނާ ކައިފް ފެނިގެންދެއެވެ. ކޯވިޑް-19 އާއި ގުޅިގެން މި ފިލްމުވެސް ވަކި ތަރީޚެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު، މި ފިލްމް ސިނަމާތަަކަަށް އަންނާނެކަމަށް މިހާރު ބޮޑަށް ބެލެވެނީ މިއަހަރުގެ ފަހުކޮޅެވެ.

މިއަހަރުގެ ފިތުރު ޢީދާ ދިމާކޮށް ރިލީޒްކުރާ ގޮތަށް ކުރިން ހަމަޖެހިފައިއޮތް "ލަކްސްމީ ބޮމްބް"އަކީވެސް އަކްޝޭގެ ތަފާތު ރޯލަކުން ފެނިގެންދާ ފިލްމެކެވެ. މިއީ 2011 ވަނަ އަހަރު ރިލީޒްކުރި ބިރުވެރި ތަމަޅަ ފިލްމެއްކަމަށްވާ "ކަންޗަނާ" އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި އަކްޝޭގެ އިތުރުން ކިއާރާ އަދުވާނީ، ތުޝާރު ކަޕޫރު، ޝަރަދު ކެލްކަރް، ތަރުން އަރޯރާ އަދި އަޝްވަނީ ކަލްސޭކަރު މުހިއްމު ރޯލުތަކުން ފެނިގެންދެއެވެ.

ރަގްވާ ލައުރެންސް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ މިމަހުގެ 22 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރާގޮތަށް ހަމަޖެހުނު ފިލްމެކެވެ. ނަމަވެސް ފުރަބަންދާއެކު ފިލްމްގެ ޕްރޮމޯޝަނަލް ހުރިހާ މަސައްކަތްތަކެއްވެސް ވަނީ މަޑުޖެހިފައެވެ. މިއާއެކު ޑިޖިޓަލް ޕްލެޓްފޯމްތަކުގައި މި ފިލްމް ޕްރިމިއަރކުރުމަށް ޕްރޮޑަކްޝަން ޓީމުން އަންނަނީ މިހާރު ތައްޔާރުވަމުންނެވެ.

އަކްޝޭގެ ފިލްމްތަކުގެ ތެރެއިން މިއަހަރު ސިނަމާތަކުގައި އެޅުވުމަށް ތައްޔާރުވެފައިވާ 3 ވަނަ ފިލްމަކީ "ޕްރިތުރިވާޖް"އެވެ.

ޔަޝް ރާޖު ފިލްމްސްއިން އިން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ މީލާދީން 6 ވަނަ ޤަރުނާއި 12 ވަނަ ޤަރުނާއި ދެމެދު އިންޑިއާގެ ރާޖަސްތާން ހިމެނޭ ސަރަޙައްދުގައި ރަސްކަން ކުރެއްވި ޗަހަމަނާ ދަރިކޮޅަަށް ނިސްބަތްވާ ޕްރިތުވިރާޖު ޗައުހާން ރަސްގެފާނުގެ ހަޔާތަށް ބިނާކޮށް ހަނގުރާމަ މަތީގެ ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމް ޑައިރެކްޓްކޮށްފައިވަނީ ޗަންދްރަ ޕްރަކާޝް ދިވޭދީއެވެ.

ފިލްމުގައި ޕްރިތުވިރާޖުގެ ރޯލުން އަކްޝޭފެނިގެންދާއިރު، ރަސްގެފާނުގެ އަނބިކަނބަލުންގެ ރޯލުން ފެނިގެންދާނީ 2017 ވަނަ އަހަރުގެ މިސް ވޯލްޑް އިންޑިއާއަށް ކާމިޔާބު ކުރި ރީތީގެ ރާނީ މަނޫޝީ ޗިއްލަރެވެ. މިއީ އޭނާ ބޮލީވުޑަށް ތަޢާރަފުވާ ފުރަތަމަ ފިލްމެވެ.

މި ދެ ތަރިންގެ އިތުރުން ސޯނޫ ސޫދާއި މަނަވް ވިޖްވެސް ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާނެއެވެ. މިއަހަރުގެ ދިވާލީއާއި ދިމާކޮށް ރިލީޒްކުރާނެކަން އިޢުލާންކުރި މި ފިލްމުވެސް، އިޝްތިހާރުކުރުމަށް ދުވަސް ބޭނުންވާތީވެ، ފިލްމް ރިލީޒްކުރާ ތާރީޚް ފަސްވުން އެކަަށީގެންވެއެވެ.

މީގެ އިތުރުންވެސް އަކްޝޭ އަމިއްލައަށް ޕްރޮޑިއުސްކޮށް އޭނާގެ އިތުރުން ސާރާ ޢަލީ ޚާނާއި ދަނުޝް ލީޑް ރޯލުން ފެނިގެންދާ "އަޓްރަންގީ ރޭ"ގެ ޝޫޓިން މިދިޔަ އޭޕްރީލްމަހު ފަށާގޮތަށް ކުރިން އޮތީ ހަމަޖެހިފައެވެ. ނަމަވެސް ފުރަަބަންދާއެކު ޝޫޓްކުރުމުގެ ކަންކަންވެސް އޮތީ މަޑުޖެހިފައެވެ. މިއީ ލޯބީގެ ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭނެ ފިލްމެކެވެ.

އަންނައަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި ރިލީޒްކުރާގޮތަށް ހަމަޖެހިފައިވާ މި ފިލްމުގެ މަސައްކަތްތައް ނުފެށި ލަސްވާނަމަ، ފިލްމު ކަނޑައެޅިފައިވާ ތާރީޚަށް ރިލީޒްކުރުން ވާނީ އުނދަގޫކަމަކަށެވެ.

ސްޕައި ތްރިލަރ ފިލްމް "ބެލް ބޮޓޮމް" އަކީވެސް އަކްޝޭގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފިލްމެކެވެ.

މިއީ ހަމަ އެނަމުގައި 2019 ވަނަ އަހަރު ކަންނަޑާ ބަހުން އުފައްދާފައިވާ ފިލްމުގެ ހިންދީ ރީމޭކެކެވެ. މިއަންނަ އަހަރުގެ ޖެނުއަރީމަހު ސްކްރީންތަކަށް އަންނާނެކަމަށް ބެލެވުނު މި ފިލްމުގެ ޝޫޓިންގެ ބޮަޑުބައެއް އިންޑިއާއިން ބޭރުގައި ޝޫޓްކުރާ ގޮތަށް އޮތްނަމަވެސް، ފުރަބަންދާއެކު ޝޫޓިންގެ ކަންކަން ވަނީ މަޑުޖައްސާލާފައެވެ.

އެހެންކަމުން މި ފިލްމުވެސް ރިލީޒްކުރާނެ ތާރީޚު ފަސްކުރުން އެކަށީގެންވެއެވެ.

ޢުމުރުން 52 އަހަރުގެ އަކްޝޭ ކުމާރަކީ ރޮމޭޓިކް ހީރޯއެއްގެ ރޯލާއި، ސީރިއަސް ކެރެކްޓަރތައް ދައްކުވައިދިނުމުގެ އިތުރުން ހެއްވާ މަޖާރޯލުތައް ކުޅުމުގައިވެސް އެފަދަ ދެވަނައެއްނެތް މޮޅު އެކްޓަރެކެވެ. އެގޮތުން އަކްޝޭވަނީ އޭނާގެ ފިލްމީ ކެރިއަރުގައި އާއްމުން ބަލައިގަތް ކާމިޔާބު އެތައް ކޮމެޑީ ފިލްމްތަކެއްވެސް ގެނެސްދީފައެވެ. އެހެންކަމުން އަހަރަކު އެއްފަހަރު ނަމަވެސް އަކްޝޭގެ ކޮމެޑީ ފިލްމެއް ބަލާލުމަށް ބޭނުންވާ އެތައް ބަޔަކު އެބަތިއްބެވެ.

2021 ވަނަ އަހަރު ރިލީޒްކުރާނެކަމަށް އިޢުލާންކޮށްފައިވާ އަކްޝޭގެ ކޮމެޑީ 2 ފިލްމުކަމަށްވާ "ބައްޗަން ޕާންޑޭ"އާއި "ހީރާ ޕެރީ-3"ގެ މަސައްކަތްތައްވެސް ކޯވިޑް-19ގެ ސަބަބުން މިވަގުތު ވަނީ ހުއްޓިފައެވެ.

އަކްޝޭގެ ގާތްފަރާތަކާ ޙަވާލާދީ އިންޑިއާގެ ބައެއް ވެބްސައިޓުތަކުގައިވާގޮތުން މިއަހަރުގެ އޮކްޓޯބަރުމަހުގެ ކުރި، އަކްޝޭ އޭނާގެ މަޑުޖެހިފައިވާ އެއްވެސް ފިލްމެއްގެ ޝޫޓިންގ އަލުން ފަށާފާނެކަމަކަށް ނުބެލެވެއެވެ. ނަމަވެސް ޕްރޮޖެކްޓްތައް ވީ އެންމެ އަވަހަކަށް ނިންނުމަށް އަކްޝޭ މަސައްކަތްކުރާނެކަމަށް ބުނެފައިވެއެވެ.

އަކްޝޭގެ އެންމެފަހުން ރިލީޒްވި ދެ ފިލްމްކަމަށްވާ "ހައުސްފުލް-4" އަދި "ގުޑް ނިއުޒް"ވަނީ ބޮލީވުޑް ބޮކްސް އޮފީހުގައި ރަނގަޅު އާމްދަނީއެއް ހޯދާފައެވެ.