ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގު 2025 ގެ ފިރިހެން ޑިވިޝަނުގައި ހުރާ ކޮމިއުނިޓީ ކުލަބު ބަލިކޮށް، ދިވެހި ސިފައިންގެ ކުލަބުން ފެށުން ރަނގަޅުކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗު ސިފައިންގެ ކުލަބުން ކާމިޔާބުކޮށްފައިވަނީ 3-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-20 އިން ގެންދިޔައީ ސިފައިންގެ ކުލަބުންނެވެ. އެކަަމަކު ހުރާއިން ވަނީ ޖެހިގެން އައި ސެޓު 25-20 އިން ކާމިޔާބުކޮށްފައެވެ.
ނަމަވެސް އަނެއް ދެ ސެޓުގައި ސިފައިންގެ ކުލަބުން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ދެ ސެޓު އެ ޓީމުން ގެންގޮސްފައިވަނީ 25-17 އަދި 25-23 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސިފައިންގެ ކުލަބުގެ ބިދޭސީ ކުޅުންތެރިޔާ ލުއިޒް ފެލީޕޭ ފެރެއިރާ ޕެރޮއްޓޯއެވެ.
މި މެޗުން ހުރާ ބަލިވިއިރު، މިއީ ލީގުގައި އެ ޓީމުން ކުޅުނު ދެވަނަ މެޗެވެ. އެގޮތުން ލީގުގެ ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ 3-1 ސެޓުން ޕޮލިސް ކުލަބު ބަލިކޮށްފައެވެ.
ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގައި ވާދަކުރަމުންދަނީ މި ފަހުން ނިމުނު ވީއޭއެމް ކަޕް 2025 ގެ ގަދަ ފަސް ޓީމެވެ. އެއީ ވީއޭއެމް ކަޕުގެ ޗެމްޕިއަނުން ކަމަށްވާ ދިވެހި ސިފައިންގެ ކުލަބާއި، ރަނަރަޕް ކުލަބު އެޗްޑީސީ އާއި، ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި، ހުރާ ކޮމިއުނިޓީ ކުލަބުގެ އިތުރުން ޕޮލިސް ކުލަބެވެ.
ގައުމީ ވޮލީބޯޅަ ލީގުގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަށް ކުރިއަށް އޮތް ގައުމީ ވޮލީބޯޅަ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.