ކޯވިޑް-19

ކޯވިޑް-19 : އެއް ބުޅަލުން އަނެއް ބުޅަލަށް ވައިރަސް ފެތުރޭ - ދިރާސާ


އެއް ބުޅަލުން އަނެއް ބުޅަލަށް ކޯވިޑް-19 ބަލި ޖައްސާ ވައިރަސް ފެތުރޭކަން އެމެރިކާގައި ހެދި ދިރާސާއަކުން ހާމަވެއްޖެއެވެ.

ޗަޕާނުގެ ޔުނިވަރސިޓީ އޮފް ޓޯކިޔޯގައި މަސައްކަތްކުރާ އިންޓަރނޭޝަނަލް ވައިރަސް އެކްސްޕާޓެއްކަމަށްވާ ޔޮޝިހިރޯ ކަވައޮކާ އިސްކޮށް ހުންނަވާ ކުރިއަށްގެންދިޔަ މި ދިރާސާ ހަދާފައިވަނީ އެމެރިކާގެ ޔުނިވަރސިޓީ އޮފް ވިސްކޮންސިންއާއި ގުޅިގެންނެވެ. މިއީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރުމެންދާ ކޯވިޑް-19 ބަލި ބުޅަލުގެ ކިބައިން ފެތުރޭތޯ ދެނެގަތުމަށް ކޮށްފައިވާ ދިރާސާއެކެވެ.

މި ދިރާސާ ހެދުމަށްޓަކާ ރިސާރޗަރުން ވަނީ 3 ބުޅަލަކަށް ކޮރޯނާ ވައިރަސް އިންފެކްޓްކޮށްފައެވެ. އަދި ވައިރަސް އިންފެކްޓް ކުރިތާ 3 ދުވަސް ތެރޭ، ބުޅާތަކުގެ މުޅި ހަށިގަނޑަށް ވައިރަސް ފެތުރިފައިވެއެވެ. އެއަށްފަހު ޞިއްޙަތު ރަނގަޅު ބުޅާތަކެއްގެ ތެރެއަށް އެ 3 ބުޅާ ދުވަސްކޮޅަކަަށް ދޫކޮށްލުމުން، އެ 3 ބުޅަލުގެ ޒަރިއްޔާއިން ބާކީ ތިބި ބުޅާތަކުގެ ހަަށިގަނޑަށް ވައިރަސް ފެތުރިފައިވާކަން ވަނީ ދެނެގަނެވިފައެވެ. ނަމަވެސް މި ދިރާސާގައި ބޭނުންކޮށްފައިވާ އެއްވެސް ބުޅަލެއްގެ ކިބައިން އާދަޔާ ޚިލާފަށް ހަށިގަނޑުގެ ފިނިހޫނުމިން ބަދަލުވުމާއި، ބަރުދަން ލުއިވުންފަދަ އަލާމާތެއް ފެނިފައެއްނުވެއެވެ.

މި ދިރާސާގެ އަލީގައި އެއް ބުޅަލުން އަނެއް ބުޅަލަަށް އެއްވެސް އަލާމާތެއްނެތިވެސް ކޯވިޑް-19 ފެތުރިދާނެކަން ހޯދިފައިވެއެވެ. އެހެންނަމަވެސް ބުޅަލުގެ އާއިލާއަށް ނިސްބަތްވާ ޖަނަވާރުންގެ ކިބައިން އިންސާނުންނަށް މި ބަލި ޖައްސާކަމުގެ އެއްވެސް ހެއްކެއް ލިބިފައެއްނުވެއެވެ. އެހެންކަމުން މިކަމާގުޅޭ އިތުރު ސައިންޓިފިކް ހޯދުންތައް ހޯދަންޖެހޭކަން މި ދިރާސާކުރި ޓީމުން ބުނެފައިވެއެވެ.

މިކަމާގުޅިގެން އެމެރިކާގެ ވެޓެރިނަރީ މެޑިކަލް އެސޯސިއޭޝަނުން ބުނިގޮތުގައި މި ދިރާސާކޮށްފައިވަނީ ލެބޯޓްރީއެއްގައިކަމުން މުޖުތަމަޢުގެ ތެރޭގައި އެއް ބުޅަލުގެ ގައިން އަނެއް ބުޅަލަަށް މިހާ ފަސޭހައިން ބަލި ފެތުރިދާނެކަމަށް ސާފުކޮށް ބުނަންނޭނގޭކަމަށެވެ. އަދި ޖަނަވާރުންނަށް ކޯވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައިވަނީ ދުނިޔޭގެ ނިސްބަތުންވެސް ވަރަށް މަދު ޢަދަދެއްކަމުން، އިންސާނުންނަށް މި ބަލި ޖެއްސުމުގައި ޖަނަވާރުންގެ ދައުރެއް އޮވެދާނެކަމުގެ ހެކިތަކެއް މިހާތަނަށް ހޯދިފައިނުވާކަމަށް އެ އެސޯސިއޭޝަނުންވެސް ބުނެފައިވެއެވެ.

ކޯވިޑް-19އާއި އެކި ޖަނަވާރުންނާއި ހުރި ގުޅުން ދެނެގަތުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް އަންނަނީ ގިނަ ދިރާސާތަކެއް ހަދަމުންނެވެ. އިންސާނުންގެ މެދުގައި ގައިދުރުކަން ބެހެއްޓުމަށް އިރުޝާދުދޭ ފަދައިން އިންސާނުންނާއި ޕެޓުންގެ ގޮތުގައި ގެންގުޅޭ ޖަނަވާރުންނާއި މެދުވެސް މިދުވަސްވަރު ގައިދުރުކަން ބެހެއްޓުމަށާ، ޖަނަވާރުންނާއި އޮޅުލާ ނުހެދުމަށް އެމެރިކާގެ ސެންޓާސް ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަލިވެ އުޅޭނަމަ އެއްވެސް ވަރަކަށް ޖަނަވާރުންނަށް ބޮސްދީ ގާތްވެ ނޫޅުމަަށްވެސް އިރުޝާދު ދީފައިވެއެވެ.