އައިއޯއައިޖީ

ހާޞިލްކުރެވުނީ 88 އިންސައްތަ – މަރުޒޫޤް


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހާޞިލްކުރެވުނީ ކަނޑައެޅި އަމާޒުގެ
88 އިންސައްތަކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބުނެފިއެވެ. ރާއްޖޭގެ
އިވެންޓްތައް މިއަދު ނިމުމާއި ގުޅިގެން ޖެނެރަލްސެކެޓްރީ އަހުމަދު މަރުޒޫޤް އޭނާގެ
ފޭސްބުކް ޕޭޖްގައި ވިދާޅުވެފައިވަނީ ކަނޑައެޅި އަމާޒަށް ވާޞިލްނުވެވުމުން މަޢާފަށް
އެދޭކަމަށެވެ.



" މަޢާފްކުރޭ. ވާޞިލްވެވުނީ ކަނޑައެޅި އަމާޒުގެ އަށްޑިހަ އަށެއް
އިންސައްތައަށް. " މަރުޒޫޤް ވިދާޅުވިއެވެ.



އިތުރަށް އޭނާ ވިދާޅުވީ މިދިޔަ ފަސްއަހަރުގެ ތެރޭގައި އެތްލީޓުންނާއި
ކުޅުންތެރިންގެ އުއްމީދުތައް ހަޤީޤަތަކަށް ހަދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް
ކުރިންކަމަށެވެ. ރަން މެޑައްޔަށް އުއްމީދުކުރި ބެޑްމިންޓަން އިންޑިވިޖްއަލް
އިވެންޓާއި ޓޭބަލް ޓެނިސް އިންޑިވިޖުއަލް އިވެންޓް ނިމުނުއިރު މަރުޒޫޤް ހުންނެވީ
ރޮވިފައެވެ. އަދި ފުރަތަމަ ރަންމެޑަލް ހަސަން ސާއިދު ހޯދި އިރު އޭނާ ހުންނެވީ
އުފަލުން ރޮވިފައެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި މަރުޒޫޤް ވަނީ މިގޭމްސްއަށް
އަމާޒުކޮށްގެން އެތްލީޓުންނަށް ގިނަ ފުރުޞަތުތަކެއް ހޯދައިދީ، ގިނަ
މަސައްކަތްތަކެއް ކޮށްފައެވެ.



އަޖުފާންގެ އިތުރުން ޓީޓީ ކުޅުންތެރިޔާ މުއީނާ މުޙައްމަދުވެސް ވަނީ ތިންވަނަ ހޮވުމަށް ކުޅުނު މެޗުން ބަލިވުމުން މަޢާފަށް އެދިފައެވެ. މުއީނާ ބުނީ އޭނާގެ ބެސްޓް
ދިންކަމަށާއި، ނަމަވެސް އަމާޒަށް ވާޞިލް ނުވެވުމުން މަޢާފަށް އެދޭކަމަށެވެ.



މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން މިގޭމްސްއަށް ކަނޑައެޅީ ނުވައަކާއި
ފަނަރައާއި ދެމެދުގެ އަދަދަށް މެޑަލް ހޯދުމަށެވެ. ނަމަވެސް ލިބުނީ 8 މެޑައްޔެވެ.