އައިއޯއައިޖީ

މެޑަލް ނުލިބުނަސް، ކުރިއެރުންތަކަކާއެކު ގިނަ ޓީމްތައް ފުރައިފި


މި އޮގަސްޓް މަހުގެ ފުރަތަމަ ދުވަހު ރީޔޫނިއަންގައި ފެށި އިންޑިއަން އޯޝަން
އައިލެންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޓީމްތަކުގެ ތެރެއިން އިތުރަށް ކުރިއަށް
ދިއުމުގެ ފުރުޞަތު ގެއްލުނު ޓީމްތައް އެނބުރީ މާލެ ދިޔައީ މޯލްޑިވިއަންގެ ޗާޓަރ
ފްލައިޓެއްގައެވެ. އެޓީމްތަކަކީ ބާސްކެޓްބޯޅަ ޓީމް، ހޭންޑްބޯޅަ ޓީމް، އަންހެން
ވޮލީބޯޅަ ޓީމް، އަންހެން އަދި ފިރިހެން ފުޓްބޯޅަ ޓީމްގެ އިތުރުން ރާއްޖޭގެ ޓެނިސް
ކުޅުންތެރިންނެވެ.



މީގެތެރެއިން ދިވެހިންގެ ސަމާލުކަމާއި ޝައުޤުވެރިކަން އެންމެ ބޮޑު ފިރިހެން
ފުޓްބޯޅަ ޓީމް ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ އެއް މެޗުންނެވެ. ދެމެޗުން ވަނީ
ބަލިވެފައެވެ. ފުރަތަމަ މެޗުގައި މެޔޯޓް އަތުން ބަލިވީ ތިނެއް އެކަކުންނެވެ. ދެވަނަ
މެޗު ސީޝެލްސްއާއި ވާދަކޮށް ދޭއް އެކަކުން ކާމިޔާބުކުރި ނަމަވެސް ސެމީގެ ފުރުޞަތު
ގެއްލުނީ މަޑަގަސްކަރަ އަތުން ބަލިވުމުންނެވެ. އެއީ ހަތަރެއް ސުމަކުންނެވެ. އެމެޗަށްފަހު
ދިވެހި ޓީމްގެ ކޯޗު ޕޮޕޯވް ބުނެފައިވަނީ ޤަބޫލުކުރަން އުނދަގޫވިޔަސް އަދި ބޭނުން
ނުވިއަސް މިއީ ދިވެހި ޓީމްގެ ފެންވަރުކަމަށާއި، ޓީމަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށެވެ.




އަންހެން ޓީމް މުބާރާތުގައި ކުޅުނީ ދެމެޗެވެ. ފުރަތަމަ މެޗުގައި މެޔޯޓް އަތުން
ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. ނަމަވެސް ދެވަނަ މެޗުގައި ސީޝެލްސް އަތުން ބަލިވީ
ހަތަރެއް އެކަކުންނެވެ. ދެ މެޗުން ބަލިވި ނަމަވެސް އަންހެން ފުޓްބޯޅަ ޓީމް އެނބުރި
ޤައުމަށް ފުރީ ހިތްހަމަ ޖެހިގެންނެވެ.



" އޯވަރޯލްކޮށް ޓީމް ހަމަ ވަރަށް ރަނގަޅު. އެއްވެސް އިންޖަރީއެއްވެސް
ނެތް. ހަމަ ވަރަށް ރަނގަޅަށް ކޯޗުގެ އިރުޝާދުގެ ދަށުން ކުޅެ ނިންމައިގެން،
ކުރިއަށް އޮތް ތާނގައި ރަނގަޅުކުރަން ނިންމައިގެން މިދަނީ." އަންހެން ޓީމްގެ
އެސިސްޓެންޓް ކޯޗު މަރިޔަމް މުޙައްމަދު ބުންޏެވެ.



ގޭމްސްގައި ވާދަކުރި ކުޅިވަރުތަކުގެ ތެރެއިން އެންމެ ހަގު ކުޅިވަރުކަމަށްވާ
ހޭންޑްބޯޅަ ޓީމް ކުޅުނު ދެމެޗުން ބަލިވި ނަމަވެސް ޓީމްގެ ކުރިއެރުންތަކާއި މެދު
ޓީމް އޮތީ ހިތްހަމަ ޖެހިފައެވެ. ދެ މެޗުން ބަލިވުމުގެ އެންމެ ބޮޑު ސަބަބެއްކަމަށް
ކުޅުންތެރިންވެސް ކޯޗިންގ ޓީމުންވެސް ޤަބޫލުކުރަނީ ތައްޔާރުވުމުގައި ހުރި
ބައެއްކަންކަމެވެ. އަދި އެހެން ޓީމްތައް ރާއްޖެއަށްވުރެ މޮޅުވުމެވެ.



 " ފުލްކޯޓްގައި ކުޅެން ނުލުބުން
ތަންކޮޅު އަސްލު ބޮޑަށް. ދެން މިކޮޅަށް އައިސް އަޅުގަނޑުމެންނަށް ވެކްސް ލައިގެން
ކުޅެން މިޖެހުނީ. " ހޭންޑް ބޯޅަ ޓީމްގެ އައިޝަތު ރީމާ ބުންޏެވެ.



އަންހެން ވޮލީބޯޅަ ޓީމްވެސް ކުޅުނު ދެ މެޗުން ބަލިވި ނަމަވެސް ކޯޗު
އިބްރާހީމް ޖަލީލްގެ މާބޮޑު ޝަކުވާއެއް ނެތެވެ. އެއީ އިދިކޮޅު ޓީމްތައް
ރާއްޖެއަށްވުރެ މޮޅުވުމުންނެވެ. ނަމަވެސް ރާއްޖޭގެ އަންހެން ޓީމްގެ ކުރިމަގު ރަނގަޅުވާނެކަމަށް
ކޯޗު ޤަބޫލުކުރެއެވެ. އެކަން ބިނާވަނީ ވޮލީބޯޅަ އެސޯސިއޭޝަނުން ދެން ކުރާ
މަސައްކަތްތަކެއްގެ މައްޗަށެވެ.



" މިކޮޅު ކުޅުންތެރިން ވަރުގަދަ. ހަމަ ދިމާވި އަޞްލު ހަޤީޤި ކަމަކީ
އެއީ." ކޯޗު ޖަލީލް ބުންޏެވެ.



ބާސްކެޓްބޯޅަ ޓީމްވެސް ވާދަކުރީ ރާއްޖެއަށްވުރެ ވަރުގަދަ ދެޓީމާއި ކަމަށް
ކޯޗު ނާހިދު ޤަބޫލުކުރެއެވެ. ނަމަވެސް ފުރަތަމަ މެޗުގައި ދިވެހި ޓީމް ދެއްކި
ކުޅުން ރަނގަޅުކަމަށް ކޯޗުގެ އިތުރުން ކުޅުންތެރިންވެސް ޤަބޫލުކުރެއެވެ.



" އަބަދުވެސް އަހަރެމެން ބުނަމުން މިއަންނަނީ މިތައްޔާރުވަނީ
ސަފްގޭމްސްއަށްދާށޭ، އެހެންވެއްޖިއްޔާ މިތަޖްރިބާއާއި މިހުރިހާއެއްޗެއް ވަރަށް
މުޙިއްމު." ކޯޗު އިބްރާހީމް ނާހިދު ބުންޏެވެ.



ގިނަ އަހަރުތަކެއްގެ މެދު ކެނޑުމަކަށްފަހު ރާއްޖެއިން ބޭރު މުބާރާތެއްގައި
ވާދަކުރި ޓެނިސް ކުޅުންތެރިންވެސް ރީޔޫނިއަން ދޫކޮށް ފުރީ ހިތްހަމަ ޖެހިގެންނެވެ.
މެޑަލްއެއް ނުލިބުނަސް ބައެއް މެޗުތަކުގައި ނެރެވުނު ނަތީޖާތަކާއި، ދެއްކުނު
ކުޅުމުގެ ސަބަބުން ކުޅުންތެރިންނަށް ވަނީ އުއްމީދުތަކެއް ލިބިފައެވެ. ޚާއްޞަކޮށް
ސީޝެލްސް މެޗުގައި ރާއްޖޭގެ އަލީ ފާރިޝް ދެއްކި ކުޅުމާއި ނެރުނު ނަތީޖާ
ފާހަގަކުރެވެއެވެ.



" އަޅުގަނޑުމެން ކުޅެން މިޖެހުނީ އަޅުގަނޑުމެން ފެންވަރަށްވުރެ މާމޮޅު
ބަޔަކާ، ޔޫރަޕްގަވެސް ކުޅެފަ ތިބި މީހުންނާއި، އެހެންވީމާ އެމީހުންނާއެކު ކުޅެން
ޖެހިގެން ވަރަށް ރަނގަޅު ފައިޓެއް ދެވުނު. ވަރަށް ރަނގަޅަށް ދިޔައީ
ރިޒަލްޓްސްތައް. " ޓީމްގެ ޒުވާން ކުޅުންތެރިއަކު ބުންޏެވެ.



ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އެހެން އެތްލީޓުންނާއި ޓީމްތައް އަދި މުޅި
ކޮންޓިންޖެންޓް ރާއްޖެ ދިއުމަށް ހަމަޖެހިފައިވަނީ މިއޮގަސްޓް މަހުގެ ދިހަވަނަ
ދުވަހުއެވެ.