ކޯވިޑް-19

ކޯވިޑް-19 : ވައިރަހުގެ ނުރައްކާ ރޮހިންޔާ ރެފިއުޖީން ދިރިއުޅޭ ކޭމްޕްތަކާއި ހިސާބަށް ފޯރައިފި


ކޯވިޑް-19ގެ ނުރައްކާ ބަންގްލަދޭޝްގައި މިލިއަނަަކަށްވުރެ ގިނަ ރޮހިންޔާ ރެފިއުޖީން ދިރިއުޅޭ ކޭމްޕްތަކާއި ހިސާބަށް ފޯރައިފިއެވެ.

ބަންގްލަދޭޝްގެ ކޮކްޒް ބާޒާރުގައި ރޮހިންޔާ ރެފިއުޖީންގެ ކޭމްޕެއްގައި ދިރިއުޅޭ މީހަކާއި، އެ ސަރަޙައްދުގައި އުޅޭ ބަންގްލަދޭޝް ރައްޔިތެއްގެ ގައިން ކޯވިޑް-19 ފެނިފައިވާކަން އެ ޤައުމުން އދ. އަށް ކަނޑައަޅާފައިވާ އިސް އޮފިޝަލަކު ވަނީ ހާމަކޮށްފައެވެ. މިއީ ރޮހިންޔާ ކޭމްޕަކުން މި ވައިރަސް ފެނުނު ފުރަތަމަ ފަހަރެވެ.

ރޮއިޓާސްއަަަށް މަޢުލޫމާތުދެމުން އެ ޤައުމުގެ ރެފިއުޖީ ރިލީފް އެންޑް ރެޕްރިޓްރީއޭޝަން ކޮމިޝަނަރ ބުނެފައިވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވި 2 މީހުން އައިސޮލޭޝަން ސެންޓަރަކަށް މިހާރު ގެންގޮސްފައި ވާކަމަށެވެ. ބަންގްލަދޭޝްގައި ރޮހިންޔާ ރެފިއުޖީން ދިރިއުޅޭ ކޭމްޕުތަކުގައި ކޯވިޑް-19 ފެތުރުމުގެ ނުރައްކާ އެބައޮތްކަމަށާއި، ބަލި ފެތުރެން ފަށައިފިނަމަ އެކަން ކޮންޓްރޯލްކުރުން ވެގެންދާނީ ގޮންޖެހުން ބޮޑު ކަމަކަށްކަމަށް އިންސާނިއްޔަތަށް މަސައްކަތްކުރާ އެކި ޖަމާޢަތްތަކުން މީގެކުރިން ބުނެފައިވެއެވެ.

ބަންގްލަދޭޝްގައި ކޯވިޑް-19 ފެތުރޭ މިންވަރު ފާއިތުވި ދުވަސްތަކުގެ ތެރޭގައި ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިހާތަނަށް އަށާރަ ހާހަށްވުރެ ގިނަ މީހުންގެ ގައިން މި ބަލި ފެނިފައިވާއިރު، މަރުވި މީހުންގެ އަދަދު އުޅެނީ 280 އަށްވުރެ މަތީގައެވެ. ކޮކްޒް ބާޒާރުގެ ރެފިއުޖީ ކޭމްޕުތަކުގައި މި ބަލި ފެތުރެން ފަށައިފިނަމަ އިންސާނީ ބޮޑު ކާރިސާއެއް އެ ޤައުމަށް ކުރިމަތިވެދާނެކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ދީފައިވެއެވެ.

އިންސާނިއްޔަތަށް މަސައްކަތްކުރާ ޖަމިއްޔާއެއްކަމަށްވާ ސޭވް ދަ ޗިލްޑްރަންގެ ބަންގްލަދޭޝް ޑިރެކްޓަރ ޑރ. ޝަމީމް ޖަހާން ނެރުނު ބަޔާނެއްގައި 160 މިލިއަނަށްވުރެ ބޮޑު އާބާދީއެއް އޮންނަ އެ ޤައުމުގައި ހުރީ ގާތްގަނޑަކަށް އެންމެ ދެހާހެއްހާ ވެންޓިލޭޓަރުކަމަށެވެ. އަދި ރޮހިންޔާ ރެފިއުޖީ ކޭމްޕުތަކުގައި ކޯވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުވެފައިނެތްކަމަަށެވެ.

"ރޮހިންޔާގެ މިލިއަނެއްހާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެމުންދާ ރެފިއުޖީ ކޭމްޕުތަކާ ހަމައަށް މިހާރު ވައިރަސް ފޯރައިފި. ކޯވިޑް-19ގައި އެތައް ހާސް ބައެއްގެ ފުރާނަ ގެއްލިދާނެކަމުގެ ބިރު އެބައޮތް. މި ޕެންޑަމިކާއެކު ބަންގްލަދޭޝް މީގެ އެތައް އަހަރެއް ކުރިން އޮތް ހާލަތަށް އަނެއްކާ ގެންގޮސްދާނެ" ޑރ. ޝަމީމް ބުނެފައިވެއެވެ.

ރޮހިންޔާ ރެފިއުޖީން ދިރިއުޅޭ ކޭމްޕްތަކުގައި އެކަށީގެންވާ ވަރަަށް ފެނާއި ސައިބޯނި ލިބެން ނެތްކަމަށާއި، އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުމަށް އެކަށީގެންވާ ޖާގަނެތްކަމަށް އިންޓަރނޭޝަނަލް ރެސްކިއު ކޮމިޓީން ބަންގްލަދޭޝްއަށް ކަނޑައަޅާފައިވާ ކަންޓްރީ ޑިރެކްޓަރ މަނީޝް އަގަރްވާލު ވަނީ ވިދާޅުވެފައެވެ.

އެގޮތުން އަކަ ކިލޯމީޓަރެއްގެ ސަރަޙައްދެއްގައި ސާޅިސް ހާހާއި ހަތްދިހަ ހާހާއި ދެމެދުގެ މީހުން އުޅޭއިރު، ކޭމްޕުތަކުގައި ބަލި ފެތުރެން ފަށައިފިނަމަ، ޗައިނާގެ ވޫހާން ސިޓީގައި ބަލި ފެތުރުނު މިންވަރަށްވުރެ 4 ގުނަ ބާރު މިނުގައި ކޭމްޕްތަކުގައި ވައިރަސް ފެތުރިދާނެކަމަށް މަނީޝް އަގަރްވާލު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ރޮހިންޔާ ކޭމްޕްތަކުގައި ދިރިއުޅޭ ފަރާތްތަކަށްވެސް ހެލްތް ކެއަރ ފެސިލިޓީތުން ފަސޭހައިން ޚިދުމަތް ލިބޭނެ ގޮތްހަދައި، ސާފުތާޙިރުވުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ، ބައްޔަށް ޝައްކުކުރެވޭ މީހުން އައިސޮލޭޓްކުރުމުގެ އިތުރުން، ކޭމްޕްތައް ޑީކޮންޖެސްޓްކުރުން މުހިއްމުކަމަަށް މަނީޝް ވަނީ ވިދާޅުވެފައެވެ. ނޫންނަމަ، ވައިރަސް ފެތުރުން ކޮންޓްރޯލުން ނެއްޓި އެކަމުގެ ނުރައްކާ ރޮހިންޔާ ރެފިއުޖީންގެ އިތުރުން ހުދު ބަންގްލަދޭޝްގެ ރައްޔިތުންނަށްވެސް އެބައޮތްކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.