ޚަބަރު

"2 އަހަރު ތެރޭގައި އިސްލާމީ ދާއިރާތަކަށް ބޭނުންވާ ޚަރަދުގެ ދަތިކަން ފިލައިދާނެ"


  • ވަޤްފް އިމަރާތްތަކުގެ 6 މަޝްރޫޢުއެއް ކުރިއަށްއެބަގެންދޭ

  • "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ވަނީ އުފައްދަވާފައި

މިހާރު ކުރިއަށްދާ ވަޤްފް މަޝްރޫޢުތަކާއެކު، ރާއްޖޭގައި އިސްލާމީ ދާއިރާއަށް ބޭނުންވާ ޚަރަދުތަކުގެ ދަތިކަން ކުރިއަށް އޮތް 2 އަހަރު ތެރޭގައި ފިލައިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

"މި މަސައްކަތްތައް ހަރުދަނާކުރުމަށް "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ވަނީ އުފައްދަވާފައެވެ.

ވަޒީރު ވިދާޅުވީ މިސްކިތްތައް ބެލެހެއްޓުން "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ދަށަށް ބަދަލު ނުކުރުރާނެކަމަށާއި ކުންފުނީގެ މަސައްކަތަކަށްވާނީ މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ފައިސާ ހޯދަން ވިޔަފާރި ހިންގުންކަމަށެވެ. މިސްކިތްތައް މަރާމާތުކުރުމަށް މިހާރުވެސް އެ ރަށްރަށުގެ އާބާދީއަށް ބަލާއި، އެހިތެރިކަން ފޯރުކޮށްދެމުންދެއެވެ. ރާއްޖޭގައި މިހާރުވެސް 800އަށްވުރެ ގިނަ މިސްކިތް އެބަހުއްޓެވެ.

ވަޒީރު ވިދާޅުވީ ޝަރީޢަތް ހުއްދަކުރަ ދާއިރާގެ ތެރެއިން، ވަގުފްގެ ދާއިރާ ޒަމާނީ ނިޒާމަކުން ބެލެހއްްޓޭނެ ގޮތް ހޯދަންޖެހޭކަމަށެވެ. އެމަގުން ސަރުކާރުން ވަށާފައިވާ މަޤްފް މަސައްކަތްތަކަކީ ސަރުކާރުގެ ވަރަށް ހަރުދަނާ ފިޔަވަޅެއްކަމަށާއި އެކަމުން މަންފާ ކުރާނީ، ވަގްފް އިމާރާތްތައް ހަދާ ރަށްތަށުގެ އާބާދީއާއި އަތޮޅުގެ މުޅި އާބާދިއަށްކަމަށެވެ.

މިހާރު ކުރިއަށްދާ ވަގުފް އިމާރާތްތައް ބިނާކުރުމުގެ މަސައްކަތުގައި 6 މަޝްރޫޢުއެއް އަންނަނީ ކުރިއަށްގެންދަމުންނެވެ. އެއީ ގއ.ވިލިނގިލި، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީގައި ކުރިއަށގެންދާ 10 މިލިޔަން ރުފިޔާގެ ވަޤްފް މަޝްރޫޢުއާއި އައްޑޫގައި ކުރިއަށްގެންދާ 20 މިލިޔަން ރުފިޔާގެ މަޝްރޫޢުއާއި އަދި މާލޭޣައި ގެންދާ 40 މިލިޔަން ރުފިޔާގެ މަޝްރޫޢުގެ އިތުރުން ހުޅުމާލޭގައި ފަށާފައިވާ 250 މިލިޔަން ރުފިޔާގެ މަޝްރޫޢުއެވެ. މި ތަންތަނުން ލިބޭ އާމްދަނީ ބޭނުންކުރާނީ މިސްކިތްތައް މަރާތުކުރުމާއި ގުޅޭ މަސައްކަތްތަކާއި ދީނީ ދާއިރާގެ ޚިދުމަތްތަކަށެވެ.

"މިސްކިތްތައް ބެލެހެއްޓުމުގެ މަސައްކަތް ހަމައެކަނި ސަރުކާރުގެ ބަޖެޓަކުން ނުވާނެ. ފައިދާ ހޯދޭނެ ގޮތްތައް ހޯދަންޖެހޭ. އިސްލާމީ ހަޞާރަތުގެ ބިނާތައް ޙިމާޔަތްކުރަންޖހޭ. އިސްލާމީ މަރުކަޒުތަކުގައިވެސް ފިހާރައާއި ބުކްޝޮޕްތައް ހެދުންފަދަ ސަޤާފަތް ރާއްޖެއަކު ނެތް. މިއީ އެހެން ޤައުމުތަކުގައިވެސް ކުރާ ކަމެއް." ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިހާރު ފަށާފައިވާ މަސައްކަތްތަކާއެކު، އިސްލާމީ ދާއިރާގެ ޚަރަދުތަކުގެ މިފަދަ ދަތިތައް ފިލައިދާނެކަމަށެވެ. މިއީ އިސްލާމީ މަސައްކަތްތަކަށް އަންނަ ވޮޑު ކުރިއެރުމެއްކަމަށް ވިދާޅުވިއެވެ.

މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"އިން ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައްވެސް ކުރިއަށްގެންދާނެއެވެ.