ކޯވިޑް-19

ކޯވިޑް-19 : ޖަރުމަނުވިލާތުގައި ވައިރަސް ފެތުރޭ މިންވަރު ދަށަށް ދާން ފަށައިފި


ޖަރުމަނުވިލާތުގައި ކޯވިޑް-19 ފެތުރޭ މިންވަރު ދަށަށްދާން ފަށައިފިއެވެ.

ޖަރުމަނުވިލާތުގެ ޑިޒީސް ކޮންޓްރޯލް ސެންޓަރ ރޮބާޓް ކޮޗް އިންސްޓިޓިއުޓުން ބުނެފައި ވަނީ އެ ޤައުމުގައި ކޯވިޑް-19 ބަލި ޖައްސާ ވައިރަސް ރިޕްރޮޑިއުސްކުރާ ރޭޓު ނުވަތަ އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފެތުރޭ ރޭޓު 0.75 އަށް މިހާރު ދަށްވެފައިވާކަމަށެވެ. ކުރިން މި ރޭޓު ހުރީ 0.81 ގައެވެ.

83 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅޭ ޖަރުމަނުވިލާތުގެ ޗާންސެލަރ އެންގެލަރ މާރކެލް ވަނީ އެ ޤައުމުގައި ގައިންގަޔަށް މި ވައިރަސް ފެތުރޭ ރޭޓު 1 އަކަށްވުރެ މައްޗަށް އަރައިފިނަމަ، ހެލްތްކެއަރ ފެސިލިޓީތަކުން ޚިދުމަތް ނުދެވޭ މިންވަރަށް ބަލި ފެތުރިދާނެކަމުގެ އިންޒާރު ތަކުރާރުކޮށް ދީފައެވެ.

ރޮބާޓް ކޮޗް އިންސްޓިޓިއުޓުން ހާމަކޮށްފައިވާގޮތުން ޖަރުމަނުވިލާތުގައި އައުޓްބްރޭކެއްގެ ގޮތުގައި ކޯވިޑް-19 ފެތުރެން ފެށިފަހުން 3.1 މިލިއަން ސާމްޕަލް ނަގައި މިހާރު ޓެސްޓްކޮށްފައި ވެއެވެ. ޖަރުމަނުވިލާތުގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެއްލައްކަ ހަތްދިހަ ހަތަރު ހާހަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާއިރު، ހަތް ހާސް ނުވަ ސަތޭކައަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ ރިކަވަރީ ރޭޓު އެންމެ މަތީގައި އުޅޭ އެއް ޤައުމަކީވެސް ޖަރުމަނުވިލާތެވެ. އެގޮތުން އެ ޤައުމުގައި ބަލި ޖެހުނު މީހުންގެ ތެރެއިން އެއްލައްކަ ފަންސާސް ހާހަށްވުރެ ގިނަ މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

ކޯވިޑް-19އަށް ވެކްސިނެއް އުފެއްދުމަށް ޖަރުމަނުވިލާތުން 750 މިލިއަން ޔޫރޯ ޚަރަދުކުރަން ނިންމާފައިވާކަންވެސް އެ ޤައުމުގެ ސަރުކާރުން ދާދިފަހުން ވަނީ އިޢުލާންކޮށްފައެވެ. އެޤައުމުގެ ދިރާސާތަކާބެހޭ ވަޒީރު އަންޔާ ކާލިޗެކު ވިދާޅުވެފައި ވަނީ، އޭގެތެރެއިން 500 މިލިއަން ޔޫރޯ ޚަރަދުކުރާނީ ވެކްސިނެއް އުފެއްދުމަށް ކުރާ ތަހުލީލުތަކަށް ކަމަށެވެ. އަދި 250 މިލިއަން ޔޫރޯ ޚަރަދުކުރާނީ ވެކްސިން ބާޒާރަށް ނެރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ.

އޭނާ ވިދާޅުވެފައިވަނީ، ކޯވިޑް-19އަށް ވެކްސިނެއް އުފެއްދުމަކީ ކުރީގެ ދިރިއުޅުމުގެ ޙާލަތަށް ރުޖޫޢަވެވެންއޮތް އެންމެ މުހިންމު މަގުކަމަށެވެ.