ކޯވިޑް-19

ކޯވިޑް-19 : ބޮލީވުޑަށް 330 މިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް!


ކޮންމެ އަހަރެއްގެވެސް މިދުވަސްވަރަކީ އިންޑިއާގެ ފިލްމް އިންޑަސްޓްރީއަށް ބިޒީ، އަދި ސިނަމާތަކަށްވެސް ބާރުބޮޑު ދުވަސްކޮޅެކެވެ.

ނަމަވެސް ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ސަބަބުން، ފިލްމީ ދުނިޔޭގައި އެންމެ އުފެއްދުންތެރި އެއް އިންޑަސްޓްރީކަމަށްވާ އިންޑިއާގެ ފިލްމް އިންޑަސްޓްރީވެސް މިވަނީ ހުއްޓުމަކަށް އައިސްފައެވެ. ސިނަމާތައް ބަންދުކޮށް، ޕްރޮަޑަކްޝަން ކުންފުނިތަކުން ޝޫޓިންގތައް ކެންސަލްކޮށް، ފިލްމް ސްޓޫޑިއޯތަކުން މިވަނީ ފިލްމްތައް ރިލީޒްކުރާ ތާރީޚުތައް ފަސްކޮށްފައެވެ.

މިއަހަރުގެ މި ސީޒަންގައިވެސް ބައެއް ބޮޑެތި ފިލްމްތައް ރިލީޒްކުރުމަށް ކުރިން އޮތީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ރޯހިތު ޝެޓީ ޑައިރެކްޓްކޮށް، އަކްޝޭ ކުމާރު، ކެޓްރީނާ ކައިފް، އަޖޭ ދޭވްގަން އަދި ރަންވީރު ސިންގް މުހިއްމު ރޯލުތަކުން ފެނިގެންދާ އެކްޝަން ފިލްމް "ސޫރްޔަވަންޝީ" އާއި 1983 ވަނަ އަހަރު ކްރިކެޓް ވޯލްޑްކަޕް އިންޑިއާއިން ކާމިޔާބުކުރި ކުރުން އަސްލަކަށް ބަލައިގެން ކަބީރު ޚާން ޑައިރެކްޓްކޮށް ރަންވީރު ސިންގް ލީޑު ރޯލުން ފެނިގެންދާ ކްރިކެޓް ބައޯޕިކް "83" ހިމެނެއެވެ. ގިނަތަރިންތަކަކާއެކު އުފައްދާފައިވާ މި ދެ ފިލްމްވެސް ރިލީޒްކުރުން ފަސްކޮށްފައިވާއިރު، ފިލްމް އަލުން ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއްނުވެއެވެ.

ކޯވިޑް-19 ޕެންޑަމިކްއާއެކު ބޮލީވުޑް ބޮކްސް އޮފީހުގެ އާމްދަނީ ދަށަށްގޮސް، ފިލްމް ޝޫޓިންގތައް ކެންސަލްކުރަން ޖެހުމުން އިންޑިއާގެ ފިލްމް އިންޑަސްޓްރީއަށް 330 މިލިއަން ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް ލިބިދާނެކަމަށް މަޝްޙޫރު ބޮލީވުޑް ޓްރޭޑް އެނަލިސްޓް ކޯމަލް ނެހްތާ ވަނީ ލަފާކޮށްފައެވެ.

ބޮލީވުޑްގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ހިންދީ ފިލްމްތަކެވެ. ނަމަވެސް ޓެލުގޫ، މަރާޓީ، ބޮޖްޕޫރީ އަދި ބެންގާލީ ބަހުން އުފައްދާ ފިލްމްތަކަކީވެސް އިންޑިއާ ސިނަމާތަކުގައި ޑިމާންޑް ބޮޑު ފިލްމްތަކެކެވެ. 2018 ވަނަ އަހަރު އެކަނިވެސް 1800 އަށްވުރެ ގިނަ ފިލްމް އިންޑިއާގައި އުފައްދާފައިވެއެވެ. 2019 ވަނަ އަހަރު 1.4 ބިލިއަން ޑޮލަރުގެ ޢާމްދަނީއެއް އިންޑިއާގެ ބޮކްސް އޮފީހަށް ލިބިފައިވާއިރު، މިއީ 2018 ވަނަ އަހަރު ލިބުނު ޢާމްދަނީއަށްވުރެ 12 އިންސައްތައިގެ ކުރިއެރުމެކެވެ.

މީގެ ތެރެއިން ބޮޑު ބައެއް އިންޑިއާގެ ފިލްމްތައް ހިއްސާކުރާއިރު، ހޮލީވުޑްގެ ފިލްމްތައް އިންޑިއާގައި ދައްކައިގެން ލިބުނު ޢާމްދަނީ ހިއްސާކުރަނީ އެންމެ 15 އިންސައްތައެވެ.

1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން މިދިޔަ މާރިޗުމަހުގެ ފަހުކޮޅު އެ ޤައުމުގައި ފުރަބަންދު އިޢުލާންކުރުމުގެ ކުރިންވެސް އިންޑިއާގެ ފިލްމް އުފައްދާ ގިނަ ކުންފުނިތަކުން ވަނީ ފިލްމްތަކާއި، ޓީވީ އަދި ވެބް ސީރީޒްތައް ޝޫޓްކުރުން ކެންސަލްކުރަން ފަށާފައެވެ. އިންޑިއާގެ ފުރަބަންދު މިމަހުގެ 17 އާއި ހަމައަށް ދެމިގެންދާއިރު، މި މުއްދަތުގެ ތެރޭގައި ފިލްމް އިންޑަސްޓްރީގައި މާ ބޮޑެތި މަސައްކަތްތަކެއް ކުރިއަކަށްނުދާނެއެވެ.

މިކަމުގެ ސަބަބުން މިއަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ހުރިހާ ފިލްމަކަށްހެން ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ބެލެވެއެވެ. ސިނަމާތަކާއި މޫވީ ތިއޭޓަރތައް އަލުން ހުޅުވުންކަމުގައި ވިޔަސް، އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމާއި، ކޯވިޑް-19ގެ ސަބަބުން އިންސާނުންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާއެކު ފިލްމް އިންޑަސްޓްރީއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެކަމަށް އިންޑިއާގެ ފިލްމީ މަޝްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

"ސޯޝަލް ޑިސްޓެންސިންގއަށް ބަލައިގެން ޓިކެޓް ވިއްކާނަމަ، ވިއްކާ ކޮންމެ ޓިކެޓަކާއެކު އެ ގެއްލިގެންދަނީ ހުސް ގޮނޑިއެއް. ކެޕޭސިޓީ 50 އިންސައްތައަށް އެރިކަމުގައިވިޔަސް ބޮޑެތި ބަޖެޓުތަކާއެކު އުފައްދާ ފިލްމްތަކަކަށް އެކަށީގެންވާވަރުގެ ޢާމްދަނީއެއް ނުލިބޭނެ" ބޮލީވުޑް ޓްރޭޑް އެނަލިސްޓް ކޯމަލް ބުނެފައިވެއެވެ.

ގިނަ އަދަދެއްގެ ޝޫޓިންގތައް ކެންސަލްވުމުގެ ސަބަބުން، އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭ އެއްބަޔަކީ މޭކަޕް އާޓިސްޓުންނާއި، ލައިޓްސްމަނުންނާއި ޓެކްނީޝަނުން ފަދަ ފިލްމް އިންޑަސްޓްރީގައި ދުވަހު ޢާމްދަނީއަށް މަސައްކަތްކުރާ މީހުންނެވެ. ސަބަބަކީ އެމީހުންގެ ދިރިއުޅުމުގެ ހުރިހާކަމެއްހެން ބަރޯސާވަނީ ސެޓްތަކަށްގޮސް ކޮށްލާ މަސައްކަތުން ލިބޭ ދުވަހު ޢާމްދަނީއަށެވެ. ދަ ޕްރޮޑިއުޒާސް ގިލްޑް އޮފް އިންޑިއާ އާއި، އިންޑިއަން ފިލްމް އެންޑް ޓެލެވިޜަން ޕްރޮޑިއުޒާސް ކައުންސިލް އަދި ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނޭ އެމްޕްލޮއީޒް ގުޅިގެން މިހާރު ވަނީ ފިލްމް އިންޑަސްޓްރީގައި ދުވަހު ޢާމްދަނީއަށް މަސައްކަތްކުރާ ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އަނެއްކޮޅުން ފިލްމްތައް އުފެއްދުމުގައި ކެމެރާ ކުރިމަތީގައާއި ކެމެރާ ފުރަގަހުގައި މަސައްކަތްކުރާ އެތައް ފަންނާނުންނަކަށް "ޕޭ-ކަޓް" އަކަށް ދާންޖެހިދާނެއެވެ. ޚަރަދުތައް ދެކޮޅު ޖެއްސުމުގެ ގޮތުން މިކަމުގެ ބިރު އެންމެ ބޮޑަށް އޮތީވެސް މަޝްހޫރު ފަންނާނުންނަށެވެ. ސަބަބަކީ އެމީހުންގެ ފީތައް ބޮޑުވެފައި، ބަޖެޓުގެ ބޮޑުބައެއް އެމީހުންނަށް ހޭދަކުރަންޖެހުމެވެ.

ފުރަބަންދު އުވާލުމަށްފަހުވެސް އިޖްތިމާއީ ގައިދުރުކަން ބަހައްޓައިގެން މަސައްކަތްކުރުމަށް ބާރުއެޅިނަމަވެސް، ފިލްމް އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންނަށް އެގޮތަށް މަސައްކަތް ބައްޓަންކުރެވިދާނެތޯ މިއީވެސް މިހާރު އުފެދިފައިވާ ބަހުސްއެކެވެ. ސަބަބަކީ އެހެން ގިނަ ސިނާޢާތްތަކާއި ޚިލާފަށް ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހުންނަކީ ގާތްގާތުގައި މަސައްކަތްކުރަންޖެހޭ ބަޔަކަށްވުމުންނެވެ.

ކޮންމެއަކަސް ކޯވިޑް-19ގެ ސަބަބުން އިންޑިއާގެ ފިލްމް އިންޑަސްޓްރީއަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަނެ، ކަންކަން އާއްމު ހާލަތަކަށް ގެނައުމަށް އިންޑަސްޓްރީގައި މަސައްކަތްކުރާ އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް ބޮލީވުޑް ޓްރޭޑް އެނަލިސްޓް ކޯމަލް ބުނެފައިވެއެވެ. ވަކިން ޚާއްސަކޮށް ބޮޑެތި ފިލްމްތައް އެއް ފިލްމް އަނެއް ފިލްމުގެ ޢާމްދަނީއަށް ބުރުއަރާހެން ގާތްގާތުގައި ރިލީޒްނުވާނެގޮތަކަށް ކަންކަން އިންތިޒާމްކުރުން ބުއްދިވެރިކަމަށް އޭނާ ބުނެފައިވެއެވެ.