ޚަބަރު

ކޯވިޑް-19 : މިމަހު ގެއަށް ވަދެނިކުތުމުގައި ވަރަށް ބޮޑަށް ރައްކާތެރިވޭ - ޑރ.ޝީނާ


ހުއްދަ ލިބިގެންނަމަވެސް އެކި ބޭނުންތަކުގައި ބޭރަށްދާ މީހުންގެ ކިބައިން ގޭތެރޭގައި ފުރަބަންދުގައި ތިބޭ މީހުންނަށް ކޯވިޑް-19ގެ ވައިރަސް އަރާފައި އެބަހުރިކަމަށާ، އެގޮތަށް ބޭރަށްދާ މީހުން މިމަސް ނިމެންދެން ވަރަށް ބޮޑަށް ސަމާލުވާންޖެހޭކަމަށް ކުރީގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު، އަދި މިހާރު ކޯވިޑް-19އާ ގުޅިގެން އުފައްދާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕާއެކު މަސައްކަތްކުރައްވާ ޑރ.ޝީނާ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ޝީނާ ވިދާޅުވީ މިމަހުގެ 31ވަނަ ދުވަހާ ހިސާބުގައި، ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު ވަރަށްބޮޑަށް އިތުރުވެދާނެކަމަށް ލަފާކުރެވިފައިވެއެވެ. މާލެ ފުރަބަންދުގައިވާ މިދަނޑިވަޅުގައި ބަލި ޖެހޭމީހުންގެ ޢަދަދު ވީހާވެސް ދަށްކުރުމަށް ވަރަށްބޮޑަށް މަސައްކަތްކުރަންޖެހޭކަމަށެވެ.

ޑރ.ޝީނާ ވިދާޅުވީ މިހާރުވެސް މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްއިރު އޭގެސަބަބުން މަދުން ނަމަވެސް ގެތަކަށް ބަލީގެ ވައިރަސްދާކަން މިހާތަނަށް ހަދާފައިވާ ސާމްޕަލްތަކުން އެނގެން އެބައޮތްކަމަށެވެ. އެގޮތުން މިމަހުގެ ތެރޭގައި ބަލީގެ ފުރަތަމަ އެންމެ މައްޗަށްދާނީ މިމަހުގެ 31ވަނަ ދުވަހުކަމަށް ލަފާކުރާއިރު، އެދުވަހުއެކަނިވެސް 1600 އެއްހާ މީހުން ބައްޔަށް ޕޮޒިޓިވްވެދާނެކަމަށް ލަފާކުރެވޭކަމަށް ޑރ.ޝީނާ ވިދާޅުވިއެވެ.

މިއީ ކުރިން ލަފާކުރެވުނު ޢަދަދަށްވުރެ މަދު ޢަދަދަކަށް ވީނަމަވެސް ރާއްޖޭގައިހުރި ވަސީލަތްތަކަށް ބަލާއިރުވެސް އެއީ ޚިދުމަތްދެވޭނެ މިންވަރެއްކަމަށް ނުބެލެވޭކަމުގައި ޑރ.ޝީނާ ވިދާޅުވިއެވެ. މާލޭގައި ބަލީގެ ޙާލަތު އެއްމެ މައްޗަށްދާދުވަހުވެސް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ވަޒީފާގެ ގޮތުން އެއްތަނެއަގައި ގިނަޢަދަދަކަށް މީހުން ދިރިއުޅޭ ތަންތަނުން ބަލިޖެހޭމީހުން އިތުރުވާނެކަމަށާ، އޭގެ ތެރޭގައި ގެތަކުން ބައްޔަށް ޕޮޒިޓިވްވާނެކަމަށް ލަފާކުރެވޭ މީހުންވެސް މިހާރަށްވުރެ އިތުރުވާނެކަމަށް ބެލެވޭކަމަށް ޑރ.ޝީނާ ވިދާޅުވިއެވެ.

"މިހާރުވެސް ގޭބިސީތަކުގެ ތެރެއަށް އިންފެކްޝަން ވަންނަން ފަށާފައިމިވަނީ މިހާރު ޚިދުމަތަށް ނިކުމުގެ މިއުޅޭ ގްރޫޕްގެ ތެރޭގައި އެހެންވީމައި އެބައިމީހުންގެ ތެރޭގައި ފެންނަ ނިސްބަތް އަދި ތަންކޮޅެއް ފަހުން އަނެއްކާ ފެންނަން ފަށާނީ. މުހިއްމުކަމަކީ މަމަހުގެ ތެރޭގައި ތަންކޮޅެއް ބޮޑަށް ބަލައިގެން އުޅުން އެހެން ނޫންނަމަ ދިވެހިންގެ ތެރެއަށް ފެތުރުންވެސް ތަންކޮޅެއް ބޮޑުވެދާނެ" ޑރ.ޝީނާ ވިދާޅުވިއެވެ.

ޕީކަށް ދާނެކަމަށް ބެލެވިފައިވާ ދުވަސްވަރަކީ ރަމަޟާން މަސް ނިމި ޢިދުވެސް އަންނަ ދުވަސްވަރުކަމަށްވާތީ، ޢާންމުކޮށް މީހުންއެއްވުން ގިނަ ދުވަސްވަރެއްގެގޮތުގައި އެދުވަސްތައްވީނަމަވެސް، އީދަށް ވިޔަފާރިކުރުމުގައިވެސް އަދި އެނޫންވެސް ކަމެއްގައި ބޭރަށް ނިކުންނަނަމަ ގައިދިރުކަން އިޙްތިޔާރުކުރުމާއި، އާންމު ސާފްތާހިރުކަމަށް ވަރަށް ޚާއްސަ އިސްކަމެއްދީ ސަމާލުވާން ޖެހޭކަމަށް
ޑރ.ޝީނާ ވިދާޅުވިއެވެ.

ކުރިއަށްއޮތް ދެހަފްތާގެތެރޭގައި މާލޭގެ މަގުމަތީގައި މީހުން ޙަރަކާތެރިވުން މަދުކުރުމަށް ސަރުކާރުގެ ގުޅުހުންހުރި މުއައްސަސާތަކުންދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށް ބޭރަށް ނުކުމެއުޅުމުގެ ކަންކަން އިތުރަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތަކާއި ގެންނާނެ ބަދަލުތައް މާދަމާއިންފެށިގެން އަމަލުކުރެވެން ފަށޭނެކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވިއެވެ.