އައިއޯއައިޖީ

އިބްރާހީމް އިސްމާއީލްގެ އަގު ވަޒަންކުރައްވައިފި


އިންޑިއަން އޯޝަން ޞަރަހައްދުގެ ކުޅިވަރު ކުރިއެރުވުމަށް ރާއްޖޭގެ އޮލިމްޕިކް
ކޮމިޓީގެ ކުރީގެސް ރައީސް އިބްރާހީމް އިސްމާއީލް ކުރެއްވި މަސައްކަތުގެ އަގު
ވަޒަންކުރައްވައިފިއެވެ. އަގު ވަޒަންކުރައްވައި މިގޭމްސްގެ އޮގަނައިޒިންގ ކޮމިޓީން
ވަނީ ހަނދާނީ އައްޑަނައެއް ދެއްވާފައެވެ. މިއައްޑަނަ ދެއްވީ ރޭ ބޭއްވި
ރަސްމިއްޔާތެއްގައެވެ.



އިބްރާހީމް އިސްމާއީލްއަކީ 1979 ވަނަ އަހަރު އޮތް ފުރަތަމަ އިންޑިއަން އޯޝަން
އައިލެންޑް ގޭމްސްއިން ފެށިގެ އެކިގޮތް ގޮތުން ބައިވެރިވަމުން އަންނަ
ޚިދުމަތްކުރައްވަމުން އަންނަ ބޭފުޅެކެވެ. ފުރަތަމަ ގޭމްސްގައި އިބްރަހީމް
އިސްމާއީލް ބައިވެރިވެވަޑައިގެންނެވީ ރާއްޖޭގެ ފުޓްބޯޅަ ޓީމްގެ ކެޕްޓަނެއްގެ
ގޮތުގައެވެ.



އޭގެފަހުން 1984 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ
ޖެނެރަލް ސެކެޓްރީގެ ހައިޞިއްޔަތުން ކުޅިވަރުތައް ކުރިއަރުވައި ކުރިއަށް
ގެންދިއުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިދިޔަ ހަތަރު އަހަރުގެ
ދައުރުގައި މަސައްކަތް ކުރެއްވީ އޮލިމްޕިކް ކޮމިޓީގެ ރައީސްގެ ގޮތުގައެވެ.



ރޭ އިބްރާހީމް އިސްމާއީލްގެ ޚިދުމަތުގެ އަގު ވަޒަންކުރެއްވުމުން ވިދާޅުވީ
މިއީ ވަރަށް ބޮޑު އުފަލެއްކަމަށެވެ.



" އެހެންވީމާ މިހާރު އޮލިމްޕިކް ކޮމިޓީގެ ވެރިންގެ ގޮތުގައި ތިއްބެވި
ބޭފުޅުން، ޚާއްޞަކޮށް ޝަވީދާއި މަރުޒޫގަށް އަޅުގަނޑުމެން ކުރި ޚިދުމަތުގެ އަގު
ވަޒަންކޮށް މިދެއްވިކަމީ އަޅުގަނޑުމެން ވަރަށް އުފަލާއެކު ފާހަގަކުރާކަމެއް. މި
ލިބުނީމާ ވަރަށް އުފާވޭ. މިއީ މިވޭތުވެދިޔަ ތަނުގައި އަޅުގަނޑުމެން ކުރި
މަސައްކަތުގެ ފޮނި ނަތީޖާއޭ އަޅުގަނޑު ދަންނަވާނީ. މިފަދަ އިނާމެއް އިންޑިއަން
އޯޝަންގެ ގެތެއިން، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޞަރަހައްދުގެ ތެރެއިން
ލިބުނީމާ އަޅުގަނޑު ހަމަ ވަރަށް އުފާވޭ." މިހާރު ހޭންޑްބޯލް އެސޯސިއޭޝަންގެ
ރައީސްގެ މަޤާމްގައި ހުންނެވި ޚިދުމަތްތެރިޔާ ވިދާޅުވިއެވެ.