ޚަބަރު

އޮންލައިންކޮށް ޅެން ހަދަން ދަސްކޮށްދެނީ


ގޭގައި ތިބެގެން ޅެން ހަދަން ދަސްކުރަން ބޭނުންވާ ފަރަތްތަކަށް ހާއްސަ އޮންލައިން ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ބަހުގެ އެކަޑަމީން ހުޅުވާލައިފިއެވެ.

ދިވެހި ބަހުގެ އެކަޑަމީއިން މިކަމާބެހޭ ގޮތުން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިދުވަސްވަރު ކޯވިޑް-19ގެ ފުރަބަންދުގެ ދުވަސްވަރު ގޭގައި ތިބެގެން ޅެން ހަދަން ދަސްކުރަން ޝައުގުވެރިވާ ފަރާތްތަަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން ކުރިޔަށްގެންދާ އޮންލައިން ކްްލާހަކީ ހިލޭ ބައިވެރިވެވޭ ކްލާހެއް ކަމަށް އެކަޑަމީއިން މައުލޫމަތުދެއެވެ.

މިކޯސް ފެށޭނީ މިމަހުގެ 15ގައި ކަމަށާއި މިއީ ވިހި ގަޑިއިރުގެ ކިޔެވުން ފޯރުކޮށްދޭނެ ކޯހެއްކަމަށެވެ. އަދި މިކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯއެއް އެކަޑަމީގެ 7986230 ނަންބަރާ ހިއްސަކުރުމަށް އެދެއެވެ. ކޯހުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މޭމަހުގެ 10 ވަނަ ދުވަހުގެ 1400ގެ ކުރިންނެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކަކަށް ކުރިމަތިވެފައިވަ ކޯވިޑް-19އާ ގުޅިގެން ސްކޫލް، ކޮލެޖް އަދި ޔުނިވާސިޓީތައް ވަނީ ބަންދުކޮށްފައެވެ. މިކަމާގުޅިގެން މިދަނޑިވަޅުގައި ދުނިޔޭގެ ގިނަ ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގެ ތައުލީމީ އިދާރާތަކުންވެސް ދަނީ ކޯސްތަކާއި ޓްރެއިނިންތައް އޮންލައިންކޮށް ފޯރުކޮށްދެމުންނެވެ.