ބައެއް ވަޒީރުންވެސް މިވަގުތު އައިސޮލޭޝަންގައި އެބަތިބިކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިހާލާތުގައި އިސްސަފުގައި ހަރަކާތްތެރިވާ އެންމެންވެސް މަސައްކަތްކުރަމުންދަނީ ކޮންމެ ވަގުތެއްގައިވެސް ކަރަންޓީންއަށް ދާންޖެހިދާނެކަމުގެ ބިރުވެރިކަމާއެކުގައި ކަމަށެވެ.
އެގޮތުން ޑައިރެކްޓް ކޮންޓެކްޓްވެގެން ބައެއް ވަޒީރުން މަސައްކަތަށް ނުނިކުމެވި އައިސޮލޭޝަންގައި ގޭގައިތިއްބެވިކަމަށާއި، ސަރުކާރުން ކަންކަން އިންތިޒާމުކުރަމުންދަނީ އެއްފަހަރާ އެންމެން ތާށިނުވާނެފަދަގޮތަކަށް ކަންކަން ބަހާލައިގެން ކަމަށެވެ. އަދި ވަޒީރުންގެ މަޖިލީހާއެއްކޮށް ސަރުކާރު ތަރުތީބުކޮށްފައި ރައީސުލްޖުމްހޫރިއްޔާމިވަނީ ކޮންމެ ނުރައްކާތެރި ހާލަތަކަށް ދިޔައަސް ކަންކަން މެނޭޖްކުރެވޭނެ ގޮތަކަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"އެންއީއޯސީގައި، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީއާ، ހޯމް މިނިސްޓަރ އިމްރާން، ހެލްތް މިނިސްޓަރ އަމީން، ޕްލޭނިންގ މިނިސްޓަރު އަސްލަމާއި އަޅުގަނޑުވެސް މިދަނީ މިތަނުގައި މަސައްކަތްކުރަމުން. އޭގެ މާނައަކީ މިތަނުގައި އަޅުގަނޑުމެން މިތަނުގައި މިތިބި މީހުންނަކީ ކޮންމެ ވަގުތެއްގައިވެސް މިބަލީގައި ޑައިރެކްޓް ކޮންޓެކްޓަކަށް ވެދާނެ މީހުން. ނަމަވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނެތިއްޔާ ދެން ހުންނަ މީހާ ހުންނާނެ" މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ ރާއްޖެއިން މިހާރު ކުރިމަތިލަމުން މިދަނީ ކޯވިޑް-19ގެ އެންމެ ނުރައްކާތެރި ހާލަތުކަމުގައިވާ ފޭސް ދެއަކާއިކަމަށާއި، ދެން ކުރިމަތިލާން އޮތީ މިހާލަތުން އަރައިގަނެވި ރާއްޖޭގެ އިޤްތިސާދާއި އާންމު ސިއްޙަތު ރިކަވަރީއަށްގެންދާނެ 3 ވަނަ ފޭސްއާކަމަށެވެ. އެހެންކަމުން އެންމެން ގުޅިގެން އަދިވެސް މަސައްކަތްކޮށްފިނަމަ މިކަމުން އަރައިގަނެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށްވެސް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.
ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ސަރުކާރުން ދުރާލާ އަޅުއްވާފައިވާ ފިޔަވަޅުތައް އެޅުއްވުމުގައި ކަންކުރަންވީ ގޮތުގެ އިރުޝާދު ދެއްވައި ކަންކަން އިންތިޒާމްކުރަމުން ދަނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިންނެވެ. މާޗް 7 އިން ފެށިގެން ޤައުމީ ޓާސްކްފޯސް އުފައްދަވައި ކޮންމެރެއަކުވެސް ކޯވިޑް-19 ގެ އެންމެ ފަހުގެ އަޕްޑޭޓްތައް ބައްލަވައި ދެން ކަންކަން ކުރާނެގޮތްތަކާއި ބަލިން ރައްކާތެރިވުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ގުޅޭގޮތުން އެމަނިކުފާނު ގެންދެވީ މަޝްވަރާކުރައްވަމުންނެވެ. ކުރިން ޓާސްކްފޯހާއި ވަޒީރުންގެ މަޖިލީގުގެ ބައްދަލުވުންތައް މުލީއާގޭގައި ބޭއްވިނަމަވެސް މިމަހުގެ 15 ވަނަ ދުވަހު މާލެއިން ކޯވިޑް-19 ފެނުމާއެކު އެބައްދަލުކުރެއްވުންތައް ބާއްވަމުންގެންދަވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.