ޚަބަރު

ކޯވިޑް-19 : ފަތުރުވެރިން ބަލާ އަންނަ ފްލައިޓްތަކުގައި އެޤައުމުތަކުގައި ތިބި ދިވެހިން ރާއްޖެ ގެންނަނީ


ރާއްޖޭގައި ތިބި ފަތުރުވެރިން ބަލާ އަންނަ ފްލައިޓުތަކުގައި ރާއްޖެ ނާދެވިފައިތިބި ދިވެހިން ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ، ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މިހާރުވެސް އެކި ޤައުމުތަކަށް ނިސްބަތްވާ ފަތުރުވެރިން ރާއްޖޭގެ 10 ރިސޯޓެއްގައި އެބަތިބިކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެއެންމެންވެސް އެޤައުމުތަކުގެ ފްލައިޓްތަކުގައި އަނބުރާ ފޮނުވާލުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާކަމަށާއި، މާލެއިން ކޯވިޑް-19 ފެނުމާއި ގުޅިގެން އެހެން ޤައުމުތަކުގައި ހާލުގައި ޖެހިފައިތިބި ދިވެހިން ގެނައުން މަޑުޖައްސާލާފައި އޮތުމަށްފަހު އެމަސައްކަތް އަލުން ފަށާފައިވާކަމަށެވެ. އެގޮތުން ފޮރިން މިނިސްޓްރީން އެކަމުގެ އިންތިޒާމުތައް ހަމަޖައްސަވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިހާރު ރައީސުލްޖުމްހޫރިއްޔާ ވަނީ އިތުރު އެއް ފެސިލިޓީ ކަނޑައަޅުއްވައިދެއްވާފައި، އެހެން ޤައުމުތަކުގެ މީހުން ބަލާ އަންނަ ފްލައިޓްތަކުގައި އެޤައުމުތަކުގައި ތާށިވެފައިވާ ދިވެހިން ގެނައުމަށް ކުރަންޖެހޭ މަސައްކަތް ޚާރިޖީ ވުޒާރާއާ ގުޅިގެން އެކަންކަން ކުރަން. އެހެންވީމަ އިރާދަކުރެއްވިއްޔާ އެހެން ޤައުމުގައި ނާދެވިފައިތިބި ދިވެހިން ގެނައުމުގެ އިންތިޒާމުތައް އަޅުގަނޑުމެން ހަމަޖައްސަމުންދާނަން" މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.

ބޭރުގެ އެކި ޤައުމުތަކުގައި އެކި ބޭނުންތަކަށް ގޮސް ތިބި ދިވެހިންގެ ތެރެއިން ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖެ ނާދެވި ހާލުގައި ޖެހިފައި ތިބި އެތައް ދިވެހިންނެއް ސަރުކާރުން ވަނީ ރާއްޖެ ގެނެސްފައެވެ.

އެގޮތުން ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޚާއްސަ ފްލައިޓްތައް ބާއްވައިގެން އިންޑިއާ، ސްރީލަންކާ، މެލޭޝިޔާ، ގައި ތިބި ބައެއް ދިވެހިންވަނީ ރާއްޖެގެނެސްފައެވެ.

އަދި ނޭޕާލާއި ބަންގްލަދޭޝްގައިތިބި ދިވެހިންވަނީ ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގައި ރާއްޖެގެނެސްފައެވެ. މީގެއިތުރުން ރާއްޖޭގައި ތިބި މޮރިޝަސްއާ ސައުތުއެފްރިކާގެ މީހުންގެ އެދުމަކަށް މޯލްޑިވިއަންގެ ފްލައިޓެއްގައި އެމީހުންވެސް ވަނީ އެ ދެޤައުމަށް ގެންގޮސްދީފައެވެ.