ޚަބަރު

ކޯވިޑް-19 : ރާއްޖެއިން އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝް މީހުން


ކޯވިޑް 19ގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުނުތާ 50 ދުވަސް ވެފައިވާއިރު، މިހާރު ރާއްޖޭގައި މިވަނީ ހީނުކުރާހާ ބާރަށް ބަލި ފެތުރެން ފަށާފައެވެ. މުޖުތަމަޢުގެ ތެރޭގައި ބަލި ފެރުރެން ފެށިތާ ދިހަވަރަކަށް ދުވަހުގެ ތެރޭގައި ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 200 އަށްވުތެ ގިނަވެފައެވެ.

ރާޢްޖެއިން 214 ކޭސް މިހާތަނަށް ފެނިފައިވާއިރު ބަލިން ރަނގަޅުވެފައިވަނީ 17 މީހުންނެވެ. ރާއްޖޭގައި މި ބައްޔަށް މިހާރު ފަރުވާދެމުންދަނީ 197 މީހުންނަށެވެ.

ރާއްޖެއިން ކޯވިޑް 19އަށް އެންމެ ގިނަ މީހުން ޕޮސިޓިވްވީ އިއްޔެއެވެ. އިއްޔެ އެކަނި 73 މީހަކު ވަނީ ބައްޔަށް ޕޮސިޓިވްވެފައެވެ. 200 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވިޔަސް ރާއްޖޭގައި އެންދުމަތިކޮށްގެން ފަރުވާދެމުންދަނީ އެންމެ މީހަކަށެވެ.

ކޯވިޑް19 ބަލި ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވަނީ މިމަހުގެ 15 ދުވަހު މާލެއިންނެވެ. ރާއްޖޭގައި މިހާތަނަށް ކޯވިޑް ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 171 ފިރިހެނުންނާއި، 43 އަންހެނުންނެވެ..

ރާއްޖެއިން މިހާތަނަށް އެންމެ ގިނައިން ޕޮސިޓިވްވީ ބަންގްލަދޭޝް މީހުންނެވެ. ނިސްބަތުން ބަލާއިރު ބަލި ޖެހުނު މީހުންގެ 48 އިންސައްތައަކީ ބަންގްލަދޭޝް މީހުންނެވެ. އަދަދުން ބަލާނަމަ އެއީ 102 މީހުންނެވެ.

މިހާތަނަށް 80 ދިވެހިން ކޯވިޑްއަށް ޕޮޒިޓިވްވެފައިވާއިރު ބަލިޖެހުނު ދިވެހިންގެ ނިސްބަތަކީ 37 އިންސައްތައެވެ.
އަދި އިންޑިއާގެ 13 މީހުން، އިޓަލީގެ 11 މީހުން، ސްރީލަންކާ 2 މީހުން އަދި ޕާކިސްތާނަށް ނިސްބަތްވާ މީހަކަށްވެސް ވަނީ ރާއްޖެއިން ކޯވިޑް ޖެހިފައެވެ. އަދި އެހެނިހެން ޤައުމުތަކަށް ނިސްބަތްވާ 5 މީހަކު ރާއްޖެއިން ޕޮޒިޓިވްވެފައިވެއެވެ.

ރާއްޖޭގައި ކޯވިޑް 19 އެންމެ ގިނައިން ޖެހިފައިވަނީ އުމުރުން 31 އަހަރާއި 40އަހަރާއި ދެމެދުގެ މީހުންނަށެވެ. މި އުމުރުފުރާގެ 40 ފިރިހެނުންނާއި، 11 އަންހެނެކަށް ވަނީ މި ބަލި ޖެހިފައެވެ. 70 އަހަރުން މަތީގެ މީހުންގެ ތެރެއިން މިބަލި ޖެހިފައިވަނީ އެންމެ މީހަކަށެވެ.

10 އަހަރުން ދަށުންގެ 5 ކުއްޖަކު ކޯވިޑްއަށް ޕޮޒިޓިވްވެފައިވާއިރު މީގެތެރޭގައި ހިމެނެނީ 2 ފިރިހެން ކުދިންނާއި 3 އަންހެން ކުދިންނެވެ.