ޚަބަރު

ކޯވިޑް-19 : 837 ބިދޭސީއަކު އުޅޭ 18 ތަނެއް މޮނިޓަރިންގެ ޙާލަތަށް


މަލޭގައި ތޮއްޖެހިންގެ ބިދޭސިން ދިރިއުޅޭ ތަންތަން ބަލައި އެތަންތަނުގެ ޙާލަތު ދެނެގަތުމަށްފަހު 837 މީހުން ދިރިއުޅެމުންދިޔަ 18 ތަނެއް މޮނީޓަރިންގެ ޙާލަތަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލޭގައި ތޮއްޖެހިގެންއުޅޭ މީހުން ދެނެގަތުމަށް ކުރަމުންދިޔަ މަސައްކަތްތަކުގެ ތެރެއިން 837 މީހަކު ދިރިއުޅެމުންދިޔަ 18 ތަނެއް ވަނީ މޮނިޓަރިންގެ ހާލަތަކަށް ގެންގޮސްފައެވެ. ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ މިތަންތަނަށް މީހުން ވަދެނުކުމެ އުޅުން މަނާކޮށް އެތާގައި ތިބިމީހުންގެ މައުލޫމާތު ސާފުކޮށްފައިވާކަމަށެވެ.

ކޯވިޑް-19 ފެތުރެމުންދާތީ މާލޭގައި ދިރިއުޅޭ ބިދޭސީންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ބިދޭސީންގެ މެދުގައި މިބަލި ފެތުރިގެން ދިއުމުގެ ފުރުޞަތު ބޮޑުކަމަށް، ބެލެވޭތީ މިބަލި ފެތުރުން ކޮންޓްރޯލްކޮށް ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ ޢަދަދެއްގެ ބިދޭސީން އެއްކޮށް ދިރިއުޅޭ ތޮއްޖެހިފައިވާ ތަންތަނަށް، މީހުން ވެދެނިކުމެ އުޅުންކޮންޓްރޯލްކޮށް މޮނިޓަ ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ.

ރައްޖެއިން މިހާތަނަށް 177 މީހަކު ކޯވިޑް-19 ޕޮޒިޓިވް ވެފައިވާއިރު، މީގެ ތެރެއިން 75 މީހުންނަކީ ބަންގްލަދޭޝަށް ނިސްބަތްވާ މީހުންނެވެ. ރައްޖޭގައި އެކި މަސައްކަތުގައި ގިނަ ޢަދަދެއްގެ ބަންގްލަދޭޝް މީހުން ޙަރަކާތްތެރިވެއެވެ. މިމީހުން ދިރިއުޅެމުންދަނީ އެކަށީގެން ނުވާވަރުގެ ކުޑަ ތަންކޮޅުތަކުގައިކަމަށްވެސް ކަމާއިބެހޭ ފަރާތްތަކުންވެސް ވަނީ ހާމަކުރައްވާފައެވެ.

ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ބިދޭސީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި، ގުޅީފަޅުގައި އިމާރާތްކޮށް ނުނިމިހުރި ތަންތަން ތަރައްޤީކުރަންވަނީ ފަށާފައެވެ. ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅެމުންދާ ބިދޭސީން ޖާގަ ތަނަވަސް ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސްދަނީ ކުރަމުންނެވެ.

މިހާތަނަށް މީގެ ތެރެއިން 300 އަށް ވުރެ ގިނަ ބިދޭސީންނަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޯހިޔާވަހިކަން ލިބޭނެ އިންތިޒާމްތަކެއް ހަމަޖައްސައި އެތަންތަނަށް ވަނީ ބަދަލުކޮށްފައެވެ. އަދި އިތުރު ގިނަ ތަންތަން ދަނީ ތަރައްޤީކުރަމުންނެވެ.