ޚަބަރު

ކައުންސިލް އިންތިޚާބު ފަސްކުރުމުގެ ބިލު ކޮމިޓީއަށް ފޮނުވައިފި


މިހާރު ފެތުރެމުންދާ ބަލިމަޑުކަމުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް މަޖިލީހަށް ހުށައެޅި ވަގުތީ ބިލު ދިރާސާކުރައްވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

މިމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ކުރިން އިޢުލާންކުރަން ތަޢާވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކޯވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމުން ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާރު އިޢުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުނުކަން ކަމާގުޅުންހުރި އިދާރާތަކުން އިޢުލާންކުރުމުން މެނުވީ އިންތިޚާބު ބާއްވާނެ ތާރީޚެއް އިޢުލާން ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020 ގެ ނަމުގައި މަޖިލީހަށް ހުށައަޅާފައިވާ ވަގުތީ ބިލުގައި ބަޔާންކޮށްފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުގެ ކުރިން ބާއްވަންވާނެކަމަށެވެ. އަދި އިންތިޚާބު ބޭއްވޭނީ ރާއްޖޭގައި މިހާރު އޮތް އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލިކަން އެކަމާއި ގުޅޭ އިދާރާއަކުން އިޢުލާންކުރުމުންކަމަށާ، އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ލިސްޓަށް ބަދަލެއް ނުގެނެވޭނެކަމަށްވެސް ވަނީ ބަޔނާކޮށްފައެވެ. އަދި އިންތިޚާބުގައި ވާދަކުރާ ސިވިލް ސާރވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލުމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވައި، އައު ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން އެމީހުންގެ މަޤާމާ ޙަވާލުވަންދެން، މިހާރު މަޤާމުތަކުގައި ތިއްބެވި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ މެންބަރުން އެ މީހުންގެ މަޤާމުގައި ދެމިތިބެވޭނެގޮތަށް ޤާނޫނު އަސާސީއަށްވެސް ވަނީ އިޞްލާޙެއް ހުށައަޅާފައެވެ.