ޚަބަރު

ކޯވިޑް-19: މިދަނޑިވަޅުގައި ބަލި ކޮންޓުރޯލް ކުރުމަށް ތެދު މަޢުލޫމާތު ހިއްސާކުރައްވާ!


ރާއްޖޭގައި ކޯވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި އެބަލި ކޮންޓުރޯލް ކުރުމަށްޓަކައި ތެދު މަޢުލޫމާތު ހިއްސާކުރެއްވުމަށް ޑރ.އަލީ ލަޠީފް ގޮވާލައްވައިފިއެވެ.

ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ލަޠީފް މިގޮތަށް ގޮވާލައްވާފައިވަނީ ކޯވިޑް-19އަށް ޕޮޒިޓިވް ވި މީހަކު ކަމާބެހޭފަރާތްތައް ދޭންޖެހޭ މަޢުލޫމާތު ދިނުމުގައި އެއްބާރުލުން ނުދިން މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. އެހެންނަމަވެސް މިހާރު އެމީހާ ދަނީ އެއްބާރުލުން ދެމުންކަން ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ ހާމަކުރައްވާފައެވެ.

އެސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ޢަލީ ލަޠީފް ވިދާޅުވީ ކޯވީޑް-19ގެ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ އެމަޢުލޫމާތު ކަމާބެހޭ ފަރާތްތަކާ ޙިއްސާ ކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. އަދި ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެނަމަ އެމީހާއާ ބައްދަލުވި މީހުންގެ މަޢުލޫމާމާތައި ދިޔަ ތަންތަން ކަމާބެހޭ ފަރާތްކަށް އަންގަންވާނެކަމަށް އެޗްޕީއޭއިންދަނީ ވިދާޅުވަމުންނެވެ.

މިފަދަ މަޢުލޫމާތުތަކަކީ މި ދަނޑިވަޅުގައި ޢާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން ބޭނުންވާ މުހިންމު މަޢުލޫމާތުތަކެކެވެ. ބަލި ޖެހިފައި ހުންނަ މީހާ އެމަޢުލޫމާތުތައް ހިއްސާ ނުކުރާނަމަ ނުވަތަ ސީދާ ދިމާވި މީހުންގެ މަޢުލޫމާތު ނުދޭނަމަ މިބަލި މުޖުތަމަޢުގެ ތެރޭގައި ވަރަށްބޮޑަށް ފެތުރިގެންދިއުމަށް މަގުފަހިވާނެއެވެ. އެހެންނަމަވެސް އެމަޢުލޫމާތު ފުރިހަމައަށް ލިބިއްޖެނަމަ ގިނަބައެއްގެތެރެއަށް ބަލި ފެތުރިގެން ދިއުމުގެކުރިން އަވަސް ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ފަސޭހަވެގެންދާނެއެވެ.

ޑރ.ޢަލީ ލަޠީފްވަނީ މިހާރު ކޮންމެހެން ޒަރޫރީކަމަކު ބޭރަށް ނުކުންނަން ޖެހިގެން ނޫނީ ނުނުކުތުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އެފަދަ ޙާލަތެއްގައި ނުކުންނައިރުވެސް މާސްކް އެޅުމަކީ މިޙާލަތުގައި މުހިންމު ކަމެއްކަން ޑރ.ޢަލީ ލަޠީފް ފާހަގަކުރެއްވިއެވެ.