އައިއޯއައިޖީ

ސްޕޯރޓްސްމަންޝިޕް ހުންނަންޖެހޭނެ- ހެޑް އޮފް ޑެލިގޭޝަން


ގޭމްސްއަކަށް އައިސް އުޅޭއިރު ސްޕޯރޓްސްމަންޝިޕް ހުންނަންޖެހޭނެކަމަށް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ހެޑް އޮފް ޑެލިގޭޝަން އިބްރާހީމް
ނޫރައްދީން ވިދާޅުވެއްޖެއެވެ. ކުރިން ޤައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަންކަންވެސް
ކުރެއްވި އިބްރާހީމް ނޫރައްދީން ވިދާޅުވީ އެބޭފުޅުން ކުރިން
ގޭމްސްތަކަށްދާއިރުވެސް ދަތިތައް ހުންނަކަމަށެވެ. އަދި ބައެއް ފަހަރު ހިތަށް
އަރާގޮތަކަށް ކަންތައްތައް ނުހުރެދާނެކަން ޤަބޫލުކުރަންޖެހޭނެކަމަށެވެ.



މިއަދު ރީޔޫނިއަންގައި ފެށި ގޭމްސްގެ އޮގަނައިޒިންގއާއި ގުޅޭގޮތުން އޭނާ
ވިދާޅުވީ އޮގަނައިޒިންގައި ބައެއް ކަހަލަ މައްސަލަތަކާއި ދަތިތައް އުޅުނު ނަމަވެސް
ރޭވުންތައް ވަރަށް ފުރިހަމަކަމަށެވެ. އަދި އިންތިޒާމް ކުރާ ފަރާތްތަކުން ވަރަށް
ސަޕޯރޓިވްކަމަށެވެ. އިބްރާހީމް ނޫރައްދީން ވިދާޅުވީ ކަންކަން ރަނގަޅުކުރެވޭނީ
އެންމެންވެގެން ރަނގަޅުކުރަން މަސައްކަތްކޮށްގެންކަމަށެވެ.



ރާއްޖޭގެ ކުޅުންތެރިންގެ އުއްމީދުތަކާއި ފެންވަރާއި ގުޅޭގޮތުން ކުރީގެ
ކުޅިވަރު ކުޅުންތެރިޔާ ވިދާޅުވީ ވަރަށް ޕޮޓެޝަލް ހުރި ކޮމްޕެޓިޓިވް މީހުން
އެބަތިބިކަމަށާއި، ކާމިޔާބުވާނެކަމުގެ އުއްމީދު ބޮޑުކަމަށެވެ.



" އުއްމީދާ ބެހޭގޮތުން ދަންނަވާނީ އަޅުގަނޑުމެން ބަލާނީ ޓާގެޓް
ހާޞިލްކުރެވޭތޯއޭ. އެބައުޅެ އިނގޭތޯ ވަރަށް ޕޮޓެޝަލް ހުރި، ކޮމްޕެޓިޓިވް މީހުން.
އަޅުގަނޑަށް ހީވަނީ ކާމިޔާބުތައް ރަނގަޅުވާނެކަމަށް. " އިބްރާހީމް ނޫރައްދީން
ވިދާޅުވިއެވެ.



ރާއްޖޭގެ ކޮންޓިންޖެންޓާއި ހަވާލުވެ ހުންނެވި ޗެފް ޑިމިޝަން އިހުސާން
އަބުދުލްޣަނީ ވިދާޅުވީ އިރާދަކުރެއްވިއްޔާ ރާއްޖޭގެ ރައްޔިތުން ހިނުތުންވުން
ކުރުވާނެކަމަށެވެ.



” އަޅުގަނޑުމެން މިތަނަށް އައީ ވަކި މަޤްޞަދެއްގައި. އިރާދަކުރެއްވިއްޔާ މުޅި
ރައްޔިތުން ހިނިތުން ކުރުވާނަން، ރައްޔިތުން އުފާވާވަރުގެ ކާމިޔާބީއެއް ހޯދާނަން،
އަޅުގަނޑުމެން މެޑަލް ހޯދަން އައިވަރަށް މެޑަލް ހިފައިގެން ޤައުމަށް އެނބުރިދެވޭތޯ
ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން. " އިހުސާން
ވިދާޅުވިއެވެ.



ގޭމްސްގައި ހިމެނޭ އިންޑިވިޖުއަލް އިވެންޓްތައްވެސް މާދަމާ ފަށާނެއެވެ.
އޭގެއިތުރުން ފުޓްބޯޅަ، ވޮލީބޯޅަ، ބާސްކެޓް އަދި ހޭންޑްބޯޅައިގައިވެސް ރާއްޖޭގެ
ޓީމްތައް މާދަމާ ވާދަކުރާނެއެވެ.